English Edition
Dhivehi Edition

ސ.ފޭދޫ އަންހެނަކު ކުޑަކުއްޖަކަށް އަނިޔާކުރާ ކަމަށް ބުނާ މައްސަލައެއް ޖެންޑަރ މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ކ.ގުޅީގައި ދެ ދަރިންނާއި އަދި ފިރިމީހާ އާއި އެކީ ދިރިއުޅޭ މި އަންހެންމީހާ އޭނާގެ އުމުރުން 7 އަހަރުގެ ފިރިހެން ދަރިފުޅަށް އަނިޔާ ކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ޖެންޑަރ އިން މިހާރު ވަނީ ދަރިފުޅު މަންމައާއި ވަކިިކޮށް އާއިލާގެ އެހެން މީހަކާ ހަވާލުކޮށްފައެވެ.

އެ ކުއްޖާ އަކީ މަރަދޫ ފިރިހެނެއްގެ ދަރިއެކެވެ. ކުއްޖާއަށް 6 މަހުގައި މަންމައާއި ބައްޕަ ވަކިވުމުން ކުއްޖާ ގެންގުޅެމުން އަންނަނީ ކުއްޖާގެ މަންމައެވެ. މަންމަ ފަހުން އެހެން މީހަކާ ކައިވެނިކޮށް ގުޅީއަށް ދިރިއުޅުން ބަދަލުކުރީ ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

ކުއްޖާގެ ބައްޕަގެ އާއިލާގެ ފަރާތުން “އޭއޯ ނިއުސް އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މަންމަ އެކުއްޖާއަށް އަނިޔާކުރާ ކަމުގެ ވާހަކަ އަބަދުވެސް އަޑުއިވޭ ކަމަށެވެ.

“އެއީ ވަރަށް ގިނައިން އަޑުއިވޭ ވާހަކަ އެއް. އެކަމަކު ބައްޕަގެ އާއިލާއާއި ކުއްޖާ ހަވާލުކުރާކަށް މަންމަ ބޭނުމެއް ނުވޭ. އެރަށުގެ މީހުންނަށް ވެސް އަނިޔާ ކުރާކަން އެނގޭނެ. މީގެ ކުރިން ވެސް އެކަހަލަ މައްސަލަތައް ދިމާވޭ. ޖެންޑަރ އިން މައްސަލަ ބަލާފައިވެސް އެބަހުރި. ކުއްޖާގެ ބޮލުގައި 3 އިންޗި ފުނަށް ޒަޚަމް ވެފައި ހުރިކަން ވެސް އެނގެ. އެއީ ވަޅިން ހަމަލަ ދީގެން” ކުއްޖާގެ ބައްޕަ ފަރާތު ބޮޑު ދައިތައެއް ކިޔައި ދިނެވެ.

“އެންމެ ކަންބޮޑުވަނީ މިހުރިހާ ކަމެއް ދިމާވުމުން ވެސް ޖެންޑަރ އިން އަދިވެސް މަންމަ އާ ދަރިފުޅު ހަވާލުކުރަން އުޅޭތީ. މިހާރުވެސް ހުރީ އެ އާއިލާގެ ބެލުމުގެ ދަށުގައި. އެއްމަސް ވަންދެން މަންމައަށް ކައުސިލް ދިނުމަށް ފަހު އަލުން ދަރިފުޅު ހަވާލުކުރާ ވާހަކަ ޖެންޑަރ އިން ބުނަމުން ދަނީ. އެއީ އަހަރެމެން ވަރަށް ކަންބޮޑުވާ ކަމެއް” ބޮޑު ދައިތަ ބުންޏެވެ.

މި މައްސަލައާއި ގުޅޭ ގޮތުން ގުޅީގައި ދިރިއުޅޭ އަންހެނަކާ ސުވާލުކުރުމުން އޭނާ ބުނީ އެފަދަ މައްސަލައެއް ހިނގައިގެން އުޅޭ ކަމަށާއި ކުއްޖާ މިހާރު ހުރީ ޖެންޑަރ ގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި މީގެ ކުރިން ވެސް އެކަހަލ ހާދިސާ އެއް ހިނގައިގެން ޖެންޑަރ އިން މަންމައަށް އެގޮތަށް ކަންތައް ނުކުރުމަށް އަންގާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ކުއްޖާގެ މަންމަގެ އާއިލާގެ ފަރާތުން “އޭއޯ ނިއުސް” އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ކުއްޖާގެ މަންމަ އަކީ ރުޅިގަދަ މީހެއް ނަމަވެސް ދަރިންނަށް އެކަހަލަ އަނިޔާ ކުރާނެ މީހެއް ނޫން ކަމަށެވެ. އަދި ވަޅިން ހަމަލަ ދިނުން ފަދަ ކަމެއް މަންމަ ނުކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ޖެންޑަރ އިން ދަރިފުޅު މިހާރު ހަވާލުކޮށްފައިވަނީ ދަރިފުޅުގެ މަންމަ ފަރާތު ބޭބެގެ އަންހެނުންނާ ކަމަށާއި ރޭގައި ވެސް ދަރިފުޅަށް ގުޅައިގެން ވާހަކަ ދެއްކި ކަމަށެވެ. އަދި ދުވަސްކޮޅަކަށް ޗުއްޓީއަށް މާލެއައީ ކަމަށާއި މަންމަގެ ގާތަށް ދާން ބޭނުންވާކަމަށް ބުނި ކަމަށެވެ.

“އަނިޔާ ކުރާނަމަ މަންމަގެ ގާތަށް ދާކަށް ބޭނުމެއް ނުވާނެ ދޯ. ފެންނަން މިހާރު ހުރި އަނިޔާއަކީ ވެސް ކުޅެން އުޅެނިކޮށް ވެއްޓި ލިބިފައިހުރި އަނިޔާއެއް ކަމަށް ކުއްޖާވެސް އެބަބުނޭ. ” އޭނާ ކިޔައިދިނެވެ.

ޖެންޑަރ އިން މި މައްސަލަ ބަލަމުން އަންނަ އިރު އެއްމަސް ދުވަސް ވަންދެން އެ ކުއްޖާގެ މަންމަ އަށް ކައުންސެލިން ދިނުމަށް ބުނެފައިވާ ކަމަށް މަންމަގެ އާއިލާއިން ވެސް ބުނެއެވެ. އަދި ފަރުވާއަށް ފަހު އަލުން މަންމައާއި ދަރިފުޅު ހަވާލުކުރާނެ ކަމަށް ޖެންޑަރ އިން ބުނެފައިވާ ކަމަށް ވެސް އާއިލާއިން ބުނެއެވެ.

ކުއްޖާގެ ބައްޕަގެ އާއިލާއިން ބުނެފައިވަނީ ކުއްޖާ އަލުން މަންމައާއި ހަވާލުކުރުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ކުއްޖާގެ ސަލާމަތާމެދު ކަންބޮޑުވާ ކަމަށާއި ބައްޕަގެ އާއިލާއިން ކުއްޖާ އެމީހުންގެ ބެލުމުގެ ދަށަން ގެންދަން ބޭނުންވާ ކަމަށެވެ.

“ރާއްޖޭގައި ކުދިންނަށް އަނިޔާކޮށް މެރުންފަދަ ހާދިސާތައް ހިނގާފައި އެބަހުރި. އަހަރެމެންނަށް ޔަގީންކަމެއްނެތް އެކުއްޖާގެ ރައްކާތެރިކަމާ ދޭތެރޭ:” ކުއްޖާގެ ބައްޕަގެ އާއިލާއިން ބުންޏެވެ.

މި މައްސަލައާއި ބެހޭ ގޮތުން ޖެންޑަރ އިން އަދި ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.