English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

“މޯލްޑިވްސް އެކްސްޕްލޯރާ” ނަމަކަށް ކިޔާ ސަފާރީއެއް ފުލިދޫ ކަނޑު ތެރެއިން ދިޔަވާތީ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ބުނީ، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 11:20 ހާއިރުއެވެ. މިހާދިސާގެ މަޢުލޫމާތު ލިބުމުން ދިޔަ ހިއްކާނެ ޕަންޕާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއްވަނީ ސަފާރީ އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެމްއެންޑީއެފް އިން ބުނީ، 16 ފަތުރުވެރިންނާއި އަށް ފަޅުވެރިން ދަތުރުކުރި މި ސަފާރީއަށް ދިޔަވާން ފެށީ ސަފާރީގެ ދިރުނބާކޮޅުގެ ބައެއް ލަކުޑިތައް ފީވެ ފަޅައިގެންގޮސްގެންކަމަށާއި އަދި މިހާދިސާގައި ސަފަރީގައި ބޭނުންކުރާ ދެ ޖަނަރޭޓަރުވެސް ފެއިލް ވެފައިވާކަމަށެވެ.

އެމްއނެޑީއެފް އިން ބުނީ، މި ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ރިހިވެލި ބީޗް ރިސޯޓާއި ފިހާޅޮހި އައިލެންޑް ރިސޯޓްގެ ލޯންޗެއްވެސް ވަނީ ހަރަކާތްތެރިވެފައެވެ.

މިހާރު ސަފާރީ ދިޔަވުން ކޮންޓްރޯލް ކުރެވިފައިވާއިރު މި ސަފާރީއިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މިހާރު މި ސަފާރީ އޮތީ ރިހިވެލި ބީޗް ރިސޯޓް ކައިރީ ފަޅެއްގައި އަޅާފައެވެ.