English Edition
Dhivehi Edition
ފޮޓޯ: ސޯޝަލް މީޑިއާ

އައްޑޫސިޓީ ހުޅުދޫގައި އިއްޔެގެ ވަގުތެއްގައި މަގުމަތިން ފޮގް ކުރަމުން ދިޔައިރު މާބަނޑު އަންހެނަކާ ދެދަރީން ދުމުގެ ތެރެއިން ސަލާމަތް ވާން އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ. މިފޮޓޯތައް ސޯޝަލް މީޑިއާ ގައި ދައުރު ވަމުންދާއިރު މިކަމާއި ގުޅިގެން ގިނަބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިދުވަސްވަރަކީ ރާއްޖޭގައި މަދިރީގެ ބަލިތައް ފެތުރެމުން އަންނަ ދުވަސްވަރެކެވެ. މަދިރީގެ ސަބަބުން ޖެހޭ ބައްޔެއްކަމަށްވާ ޑެންގޫ ބަލި ހަލުއިކަމާ އެކު ފެތުރެމުން އަންނަ ދުވަސްވަރެކެވެ. އެހެންކަމުން މަދިރިން ރައްކާތެރި ވުމަށް އެކި ރަށްތަކުގައި މަދިރި ނައްތާލުމަށް “ފޮގް” ކުރަމުން ދެއެވެ.

ސުވާލަކީ މަދިރި ނައްތާލުމަށް “ފޮގް” ކުރަމުން ގެންދާއިރު އެކަން އެކުރެވެނީ އެންމެ ރަނގަޅަށްތޯއެވެ؟ މަދިރި ނައްތާލެވޭނެ އެންމެ އެކަށީގެންވާ ގޮތަކީ މަދިރި އުފެދޭތަންތަން ނައްތާލުމަށް ފަރުދީ ޒިންމާނަގާ އެފަދަ ތަންތަން ބަލައި ފެންހެދިފައި ހުންނަ ތަންތަން ނައްތާލުމެވެ. ފެންހަރުލާފައި ހުންނަ ކުނިބުނި ވެސް ނައްތާލުމެވެ. އެއަށްފަހު ދެން ފޮގް ކުރަން ފަށާށެވެ.

ފޮގް ކުރާއިރު އެންމެ އިސްކަމެއް ދޭންޖެހޭނެ ތަންތަނަކީ މަދިރި އެންމެ ގިނައިން އުޅޭ ސަރަހައްދު ތައް ބަލާ އެތަންތަނަށް ފޮގް ކުރުމެވެ. ބޯ ޖަންގަލީތަކާއި ފަޅުގެތަކާއި މަގުތަށް ހިމެނޭ ގޮތަށެވެ. ނަމަވެސް މިހާރު މިފެންނަނީ އަވަސް އަރުވާލައިގެން “އަމާބުނީތީ ފަރަށް” ދާ އުސޫލުން މަގުމައްޗަށް އެކަނި ފޮގްކުރަމުންދާތަނެވެ.

އެރަށެއްގައި ދިރި އުޅެމުންއަންނަ ރައްޔިތުންނަށް އަންގާ ލުމަކާނުލައި މަގުމަތިން ބޯދުން ޖަހަމުން ދާއިރު މަގުމަތީގައި ހިނގާފައިދާ މާބަނޑު މީހުންނާއި ކުޑަކުދިން ގަޔަށް ދުންޖަހަމުން ދިޔުމަކީ “ފޮގް” ކުރަންޖެހޭ އެންމެ ރަނގަޅު އުސޫލުބާއެވެ؟

މިވަގުތު އައްޑޫ ސިޓީ ހުޅުމީދޫގައި ފޮގް ކުރަމުންދަނީ ކުރިއަށް އޮތް މަޖްލިސް އިންތިހާބްގައި ގޮނޑިއަށް ވާދަކުރައްވާ ބައެއްބޭފުޅުންގެ އެހީގައެވެ. އެހެން ނަމަވެސް ފޮގް ކުރާމަންޒަރު ބަލަން ބަޔަކު މަގުމައްޗަށް ނިކުތީ ކަމަށް ބުނެ އެ ކުރެވުނު ނުރައްކާތެރި އަމަލަށް ފަސް އަޅައި ފޮރުވުން އެއީ އެންމެ ޒިންމާ ދާރު ގޮތްތޯވެ؟

ފޮގް ކުރުން ބެލުމެއްނެތި އުސޫލެއްގެ މަތިން ކުރިއަށް ނުގެންދިޔުމުގެ ސަބަބުން އެތައްބަޔަކަށް އެކަމުން އުނދަތަކާއި ދިމާވެ އެއްބަޔަކަށް ފަރުވާދޭން ޖެހުނެވެ. މި ދަންނަވަނީ ފޮގް ކުރުން ހުއްޓާލާށެކޭ ނޫނެވެ. ނަމަވެސް ފޮގްކުރަން އޮންނަ އުސޫލުން އެކަން އެންމެ ރަނގަޅަށް ކުރިއަށް ގެންދާށެވެ.