English Edition
Dhivehi Edition

މަދިރިއަކީ ކުޑަކުޑަ ސޫތްޕެކެވެ. އެހެންނަމަވެސް ޖައްސާ ގިލަންވެރިކަމެއް ސަހައްޔެއް ނޫނެވެ. ޖައްސާ ބަލިތަކުގެ ވޭން ކުޑައެއް ނޫނެވެ. ޑެންގޫއާއި، ޗިކުންގުންޏާއި، ޒިކާވައިރަސް، މެލޭރިއާ ރީނދޫހުންވެސް މިޖެހެނީ މި ނުރައްކާތެރި ސޫފީގެ ސަބަބުންނެވެ. އެހެންވީމާ މި ސޫފީގެ ނުރައްކަލުން ސަލާމަތްވާން ކުރެވެންއޮތް ހުރިހާ ކަމެއް ކުރަން އެބަޖެއެވެ. މީގެ ނުރައްކަލުން ސަލާމަތްވެވެންއޮތީ އެ ނައްތައިލައިގެންނެވެ. މަދިރި ނައްތާލާ ވާހަކަ ދައްކާއިރު ސުވާލަކީ މަދިރި ނައްތާލައިގެން އެއްވެސް ގެއްލުމެއް ލިބިދާނެ ހެއްޔެވެ؟ މަދިރިއަކީވެސް ފުޑުޗެއިންގައި ހިމެނޭ އެއްޗެކެވެ. އެހެންވީމާ މަދިރި ނައްތާލުމުން ފުޑުޗެއިންއަށް އަސަރު ކުރާނެ ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ. މަދިރި ފަންޏަކީ ބޮކާއި، ބައެއް ވައްތަރުގެ މަހުގެ ކާނާއެވެ. މަދިރި ވެފައިވަނީ ބައެއް ވައްތަރުގެ ދޫނީގެ ކާނާއަކަށެވެ. އެހެންވީމާ މަދިރި ހުސްކޮށްފި ކަމަށްވާނަމަ ފުޑުޗެއިންނަށް ބަދަލު އަތުވެދާނެއެވެ. އެކަމަކުވެސް އިންސާނުންނަށް މަދިރީގެ ސަބަބުން އޮތް ނުރައްކަލުގެ ބޮޑު ކަމާއެވެ. ދުނިޔޭގައި 3500 ވައްތަރުގެ މަދިރި އުޅޭ ކަމަށްވެއެވެ. އޭގެ ތެރެއިން އިންސާނުންނަށް ނުރައްކާކުރަނީ 100 ވައްތަރުގެ މަދިރި ކަމަށްވެއެވެ. އިންސާނުންގެ ގައިން ލޭބޮއިހަދަނީ އަންހެން މަދިރިއެވެ. މަދިރި ބޯން ބޭނުންވާނީ ތާޒާ ހޫނުލެއެވެ. ބޭނުމަކީ ބިސް އުފެއްދުމަށާއި، ހެދިބޮޑުވުމެވެ. ދިވެހިރާއްޖޭގައި އާންމުކޮށް އުޅެނީ އީޑީޒް، ކިއުލެކްސް، އެނޯފްލީން މަދިރިއެވެ. އީޑީޒް އާންމުކޮށް ޑެންގީ ހުމާއި، ޗިކުންގުންޔާ ފަތުރަނީ އިޖިޕްޓައި (އީޑީޒް) މަދިރިންނެވެ. އެއީ ހަށިގަނޑުގެ ކުލަ ކަޅު، ހަށިގަނޑާއި ފައިގައި ހުދުކުލައިގެ ތިކިތަކެއް ހުންނަ ބޮލުގައި ހުދު ދެ ރޮނގު ހުންނަ މަދިރިއެކެވެ. މި މަދިރި އާލާވާނީ ސާފު ފެނުގައެވެ. އާންމުކޮށް މިމަދިރި ހަފާނީ ހެނދުނާއި ހަވީރުގެ ވަގުތުގައެވެ. ކިއުލެކްސް ރާއްޖޭގައި ފައިލޭރިއާ ފަތުރަނީ ކިއުލެކްސް ކްއިންކްޕެޝިއޭޓަސް އެވެ. މިއީ މަޑު މުށިކުލައިގެ މަދިރިއެކެވެ. މި ވައްތަރުގެ މަދިރި އާލާވަނީ ނުސާފު ހަޑިފެނުގައެވެ. އޭގެ ތެރޭގައި ކާނުތަކާއި، ނަރުދަމާ ވަޅުގަނޑު ހިމެނެއެވެ. މި މަދިރި އާންމުކޮށް ހަފަނީ ރޭގަނޑުއެވެ. އުފާކުރަންޖެހޭ ނުކުތާއަކީ ރާއްޖެއިން މިހާރު ފައިލޭރިއާ ނައްތާލެވިފައިވުމެވެ. އެނޯފްލީން މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަދިރި މިހާރުވަނީ ރާއްޖެއިން ނައްތާލެވިފައެވެ. އެހެންނަމަވެސް 1984 ވަނަ އަހަރާ ހަމައަށް މިމަދިރި ރާއްޖޭގައި އުޅެފައިވެއެވެ. އަންހެން މަދިރިއެއްގެ އުމުރު އަންހެން މިދިރީގެ އުމުރަކީ ހޫނު މޫސުމުގައި ނަމަ 3 ހަފްތާއެވެ. ފިނި މޫސުމުގައި ނަމަ އެއަށްވުރެ ގިނަދުވަހު ދިރިއުޅެއެވެ. މަދިރި ބޯން ބޭނުންވަނީ ތާޒާ ހޫނު ލެއެވެ. ލޭ ބޮނީ ހަމައެކަނި އަންހެން މަދިރިއެވެ. އީޑީޒް މަދިރި ބިސް އީޑީޒް މަދިރިއަކީ ކޮންމެ ތިންދުވަހުން އެއްދުވަހު ބިސް އަޅާ މަދިރިއެކެވެ. ބިސް އަޅާ ކޮންމެ ފަހަރަކު 30 އާއި 300 އާ ދެމެދުގެ އަދަދަކަށް ބިސް އަޅައެވެ. މަދިރީގެ ނުރައްކަލުން ސަލާމަތްވުން މަދިރި ހެފުމުގެ ސަބަބުން އެތައް ބައްޔެއް ޖެހުމުގެ ފުރުސަތު އެބައޮތެވެ. އެހެންވީމާ މަދިރި ހެފުމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި ވެވެން އޮތް އެންމެ ބޮޑަކަށް ހަށިގަނޑު ނިވައިކުރުން، މަދިރިގެ ބޭނުންކުރުން، މަދިރި ވަދެދާނެ ދިމަދިމާގައި މަދިރި ދައު ޖެހުން، ހެނދުނާއި ހަވީރު ނުވަތަ މަދިރި ހަފާ ވަގުތުތަކުގައި ދޮރުތައް ލެއްޕުން، މަދިރި ލޯޝަން ބޭނުން ކުރެވިދާނެއެވެ. މަދިރި އުފެދުނަ ނުދިނުން ގެއާއި ގޯތި ތެރޭގައި މަދިރި އުފެދި އާލާވާފަދަ ވަސީލަތްތައް ނައްތާލާށެވެ. ފެންހަރުލާފަދަ ތަކެތި (ހުސް ދަޅާއި ފުޅި، ނާށި ، ޓަޔަރު ފަދަ ތަކެތި) ނުބަހައްޓާށެވެ. ފެނުގައި ގަސްހައްދާނަމަ މަދިރި ފަނި އާލާވުމުގެ ކުރިން ފެންބަދަލު ކުރާށެވެ. ގޭގައި ދޫނި، މުސަޅު ފަދަ ޖަނަވާރު ގެންގުޅޭނަމަ އެތަކެއްޗަށް ފެންދިނުމަށް ބަހަށްޓާފައި ހުންނަ ތަށިފަދަ ތަކެތީގެފެން މަދިރި އާލާނުވާނެހެން ބަދަލުކުރާށެވެ. ޖަންގުޝަންގެ ވަސްހޮޅި ދާޖަހައިގެން ބަންދުކުރާށެވެ. މިއީ އާންމު ގޮތެއްގައި ރާއްޖޭގައި ޑެންގޫ ފެތުރޭ ދުވަސްވަރެވެ. އެހެންވީމާ މަދިރި އާލާވާ ތަންތަން ނައްތާލައި ސަލާމަތީ ފިޔަވަޅު އެޅުމަކީ އެންމެންގެ ސަލާމަތަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. އެހެންވީމާ މިކަމާގެން އުޅެމާ ހިނގާށެވެ.