English Edition
Dhivehi Edition
23ވަނަ ބައިނަލް އަޤްވާމީ ޔޫސީމަސް މުބާރާތުގެ އިނާމުދިނުމުގެ ހަފުލާގައި ޒާމިލްއާއި އިނާމު ހަވާލުކުރަނީ. ފޮޓޯ އާއިލާ

ޔޫސީމަސް އިން ބައިނަލް އަޤްވާމީ އިނާމެއް އައްޑޫ ކުއްޖަކު ހާސިލުކޮށްފިއެވެ. އެއީ ސ.ފޭދޫ އީވްނިންގް ވާދީ ޙަސަން ޒާމިލް މަސްޢޫދެވެ.

ޒާމިލް ބައިނަލް އަޤްވާމީ އިނާމު ހާސިލުކޮށްފައިވަނީ 2018ވަނަ އަހަރުގެ ޑިސެމްބަރު މަހު 9 ން 10 އަށް މެލޭޝިއާގައި ބޭއްވި 23ވަނަ ބައިނަލް އަޤްވާމީ ޔޫސީމަސް މުބާރާތުގައި ބައިވެރިވެގެންނެވެ.

މެލޭޝިއާގައި ބޭއްވުނު ތޭވީސްވަނަ ބައިނަލް އަޤްވާމީ ޔޫސީމަސް މުބާރާތުގެތެރެއިން ޒާމިލް ދިވެހި ޤައުމީ ދިދަ ހިފަހައްޓައިގެން. ފޮޓޯ: ޢާއިލާ

މިމުބާރާތުގައި ޒާމިލް ބައިވެރިވީ ވިޒުއަލް ކެޓަގަރީ ސީ ގައެވެ. އެކެޓަގަރީއިން ޒާމިލްވަނީ 2ވަނަ ހޯދާފައެވެ. ޒާމިލް މި ފަޚުރުވެރި ކާމިޔާބީ ހާސިލުކޮށްފައިވަނީ ތަފާތު އެތައް ޤައުމެއްގެ ގިނަ ކުދިންތަކާ ވާދަކޮށްގެންނެވެ. މި މުބާރާތުގައި ޒާމިލްއާއި އެކު ދިވެހި 29 ކުދިން ބައިވެރިވިއެވެ. އޭގެތެރެއިން ވަނައެއް ލިބުނު ހަމައެކަނި ދަރިވަރަކީ ޒާމިލްއެވެ.

ޤައުމީ ޔޫސީމަސް މުބާރާތުގެ އިނާމުދިނުމުގެ ހަފުލާގައި ޒާމިލްއާއި އިނާމު ހަވާލުކުރަނީ. ފޮޓޯ: ޢާއިލާ

ޔޫސީމަސް އިން ވަނަތަށް ހާސިލުކުރަމުންދާ ޒާމިލްވަނީ މިދިޔައަހަރު ނޮވެމްބަރު މަހުގައި މާލޭގައި ބޭއްވުނު ޔޫސީމަސް ޤައުމީ މުބާރާތުގައި ބައިވެރިވެ މުޅި މުބާރާތުން 2ވަނަ އަދި ކެޓަގަރީ ލެވެލް އިން 1ވަނަ ވެސް ހާސިލުކޮށްފައެވެ.

ޒާމިލްއަކީ ޔޫސީމަސް ހިތަދޫ ސެންޓާރގެ ދަރިވަރެކެވެ. ޤައުމީ މުބާރާތުގައި ޔޫސީމަސް ހިތަދޫ ސެންޓަރުން 6 ކުދިން ބައިވެރިވެ އެ ސެންޓަރަށްވަނީ އެންމެ މޮޅު ސެންޓަރުގެ އެވޯޑް ލިބިފައެވެ.

ޔޫސީމަސް( ޔުނިވާރސަލް ކޮންސެޕްޓް އޮފް މެންޓަލް އަރިތަމެޓިކް ސިސްޓަމް) އަކީ ޤަދީމީ ހިތުހިސާބުހެދުން ޒަމާނިގޮތެއްގައި ބޭނުންކޮށްގެން ދަރިވަރުންގެ ސިކުނޑީގެ ހަރަކާތްތަކަށް ބާރުފޯރުވުމަށް އެހީވެދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުން ދަރިވަރުންގެ ކިބައިގައި ހިތުހިސާބު ހެދުމުގެ ޤާބިލިއްޔަތުކަން އިތުރުކޮށްދޭ ކަމުގައި ސައިންސްގެ ހޯދުންތަކުން ސާބިތުވެއެވެ.

ޒާމިލް ބައްޕައާއި އެކު ބައިނަލް އަޤްވާމީ މުބާރާތުގައި ބައިވެރިވުމަށް ގޮސް މެލޭޝިއާގައި. ފޮޓޯ: ޢާއިލާ

ޔޫސީމަސްފަދަ ޕްރޮގްރާމަކުން ޒާމިލްއަށް މި ލިބުނު ކާމިޔާބީއާމެދު ޢާއިލާއިން ވަރަށް ބޮޑަށް އުފާކުރެއެވެ. އެގޮތުން ޒާމިލްގެ އާއިލާއިން ތިބީ ކުރިއަށް އޮތްތަނުގައިވެސް ޔޫސީމަސް އިން ކުރިއަށްދިއުމަށް ޒާމިލްއަށް އެއްބާރުލުންދީ ހިތްވަރުދިނުމަށް ތައްޔާރަށެވެ.

ޒާމިލް ބައިނަލް އަޤްވާމީ އިނާމު ހިފަހައްޓައިގެން ޢާއިލާއާއި އެކު ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ޢާއިލާ

ޒާމިލްއަށް މި ކާމިޔާބީ ލިބުމުން ﷲއަށް ޙަމުދުކޮށް މައިންބަފައިންނާއި ޢާއިލާގެ މެމްބަރުންނާއި ޓީޗަރުންނަށް ޝުކުރު އަދާކުރިއެވެ.

“ވަރަށް އުފާވޭ ވަނަ ލިބުނީމަ، ޝުކުރުއަދާ ކުރަންބޭނުމީ ﷲއަށް، ދެން ޒާމިލްގެ މަންމައާއި ބައްޕައަށް އަދި ޢާއިލާގެ އެންމެންނާއި ޓީޗަރުންނަށް” ޒާމިލް ބުންޏެވެ.

ވަކިން ޚާއްސަކޮށް ޝުކުރުއަދާކުރަން ބޭނުންވަނީ ކޮންބަޔަކަށްތޯ ސުވާލުކުރުމުން ޒާމިލްބުނީ އެއީ ރިފާމިސްއާއި މައުސޫމާ މިސް އާއި އައްޒަމިސް އަށް ކަމަށެވެ. ޒާމިލްއަށް ޔޫސީމަސްއިން މޮޅު ކުއްޖަކަށް ވެވޭނެކަމަށް ޤަބޫލުކުރީތީ އެ މިސްމެންނަށް ޚާއްސަކޮށް ޝުކުރު އަދާކުރަން ބޭނުންވަނީ ކަމުގައެވެ.

. ޒާމިލް މިއަހަރު ކިޔަވާނީ ފޭދޫސްކޫލުގެ ގްރޭޑް 7 ގައެވެ. ޒާމިލް އަކީ ސްކޫލުގައިވެސް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. އެގޮތުން ފޭދޫސްކޫލުގެ މެންޓަލް މެތަމެޓިކްސް މުބާރާތުންވެސް ގްރޭޑް ލެވެލްގައި 1ވަނަ ހޯދާފައިވެއެވެ. އެއީ ސުކޫލުގެ ޖޫނިއާރ ޕްރިފެޓެކެވެ. ހިތްވަރުގަދަ ކެޑޭޓެކެވެ.

އޭއޯ ނިއުސް އިން އެދެނީ ޒާމިލްއަށް އިތުރު ކާމިޔާބީތައް ލިބުމަށެވެ. އަދި ކިޔުންތެރިނަނާއި އެންމެހައި ދިވެހީންގެ ނަމުގައި ޒާމިލް ހޯދި ފަޚުރުވެރި ކާމިޔާބީ ފާހަގަކޮށް ތަހުނިޔާ ކިޔަމެވެ. ޤައުމު އެދެނީ ޒާމިލްފަދަ ރާއްޖެއަށް ފަޚުރާއި ރީތިނަން ހޯދައިދޭނެ ދަރީންތަކަކަށްކަން ކަށަވަރެވެ.