English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

އައު އަހަރާއި ދިމާކޮށް ފުލުހުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން، އައްޑޫސިޓީއާއި ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަން ތަކެއްގައި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ގިނަޢަދަދެއްގެ ސާމާނު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެގޮތުން ޑިސެންބަރ 31 ވަނަ ދުވަހު ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި، އެރަށުގެ ފަޅު ތަންތަން ބަލައިފާސްކޮށް، ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ޝައްކުކުރެވޭ ގިނަޢަދަދެއްގެ ސާމާނު ހޯދައި ، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އައު އަހަރާއި ގުޅިގެން އައްޑުސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުންވެސް މިވަނީ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޑިސެންބަރ 30 ވަނަ ދުވަހު ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި، އެރަށުގެ ފަޅު ގެއެއް ބަލައިފާސްކޮށް، ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ޝައްކުކުރެވޭ ގިނަޢަދަދެއްގެ ސާމާނު ހޯދައި ފުލުހުންގެ، އެތަކެތި ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

މީގެ އިތުރުން ފުވައްމުލަކުގައި ހަރަކާތްތެރިވާ ގުރޫޕަކުން އައު އަހަރު ފާހަގަކުރުމަށް ބަނގުރާ އުފައްދާ ކަަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޑިސެންބަރު 31 ވަނަ ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި، ގުރޫޕްތަކުން ބަނގުރާ އުފައްދަމުންދާކަމަށް ޝައްކުކުރެވޭ ސަރަޙައްދުތައް ބަލައިފާސްކޮށް، ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ޝައްކުކުރެވޭ ގިނަޢަދަދެއްގެ ސާމާނު ހޯދައި، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މިމައްސަލަތައް ފުލުހުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންގެންދާއިރު މި އޮޕަރޭޝަން ތަކުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.