English Edition
Dhivehi Edition

ދިވެހިބަހުގެ ތާރީޚަށް ގިނަގުނަ ޚިދުމަތް ތަކެއް ކުރެއްވި އަލްއުސްތާޒު މުހައްމަދު ވަހީދު ނަދުވީގެ ތައުޒިޔާގެ ދަފްތަރު ހުޅުވާލައިފިއެވެ.

މަޝްހޫރު ތާރީޚް ލިޔުންތެރިޔާ އަލްއުސްތާޛް މުޙައްމަދު ވަޙީދު، ނަދުވީގެ ހަނދާނުގައި މިއަދު 12 ޖެހިއިރު ދިވެހި ބަހުގެ އެކަޑަމީގައި ހުޅުވި ތައުޒިޔާގެ ދަފްތަރުގައި ދިވެހި ބަހުގެ އެކަޑަމީގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން، ނަދުވީގެ އާއިލާއާއި، އޮމާންގެ އިސްލާމިކް މިނިސްޓަރަށް ލަފާދެއްވާ މުޝީރުވެސް ވަނީ ލިޔުއްވާފައެވެ.

އާއްމުންނަށްވެސް ހުޅުވާލައިފައިވާ މި ދަފްތަރު ދެ ހަފްތާވަންދެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ދިވެހިބަހުގެ އެކެޑަމީގައި އޮންނާނެކަމަށް އެ އެކެޑަމީން މައުލޫމާތުދެއެވެ.

ނަދުވީގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރު ހުޅުވުމަށްފަހު ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ އަލްއުސްތާޛު މުޙައްމަދު ވަޙީދު ދިވެހި ބަހަށް ކޮށްދެއްވާފައިވާ މަސައްކަތްތަކަކީ ދުވަހަކުވެސް ހަނދާނުން ފުހެނުލެވޭފަދަ އަގުހުރި މަސައްކަތްތަކެއްކަމަށެވެ. ނަދުވީ އަވަހާރަވުމަކީ ދިވެހި އަދަބިއްޔާތަށް ގެއްލިގެން ދިޔަ އަގުބޮޑު ޚަޒާނާއެއްކަމަށާއި، ނަދުވީ އަވަހާރަވީއިރުވެސް މުސްތަޤްބަލުގައި ދިވެހިންނަށް ފައިދާކުރާނެ އެތައް މަސައްކަތްތަކެއް ކުރައްވަމުން ގެންދެވިކަމަށް އަޝްރަފް ވިދާޅުވިއެވެ. އެގޮތުން ނަދުވީ އަވަހާރަވީ ރާއްޖޭގެ ތާރީޚުގެ ދިވެހި ތަރުޖަމާގައި ހުރި ކުށްތައް ފިލުވުމުގެ މަސައްކަތް ކުރައްވަމުންދަނިކޮށްކަމަށް އަޝްރަފް ވިދާޅުވިއެވެ.

އުސްތާޒު ނަދުވީ އަވަހާރަވީ އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ހުސްވި ޑިސެންބަރު މަހު 28 ވަނަދުވަހު އެވެ. އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ނަދުވީ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ ޑިސެންބަރު މަހު 18 ވަނަދުވަހު އެވެ.

ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒާއި، ދިވެހިބަހުގެ އެކެޑަމީގައި ވިއްސަކަށް އަހަރު ޚިދުމަތް ކުރައްވާފައިވާ އަލްއުސްތާޛް މުޙައްމަދު ވަޙީދު ނަދުވީ ވަނީ ދިވެހި ބަހާއި ތާރީޚަށް އެތައް ޚިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން ތާރީޚީ އެތައް ފޮތްތަކެއް ލިޔުއްވައި، ދިވެހި ތާރީޚް ދިރާސާކުރައްވައި އާންމުކުރައްވާފައިވެއެވެ. އަދި ތާރީޚް އުނގަންނައިދިނުމުގެ މަސައްކަތުގައިވެސް އަމަލީގޮތުން އުޅުއްވާފައިވެއެވެ. މީގެ އިތުރުން ނަދުވީވަނީ ރާއްޖެ އިސްލާމިގޮތާމެދު ވަރަށްފުޅާ ދާއިރާއެއްގައި ދިރާސާކުރައްވައި، މި ހާދިސާއާއި، އެކަން ހިނގިގޮތް ވަރަށް ތަފްސީލުކޮށް ލިޔުއްވާފައެވެ.
ނަދުވީ އަވަހާރަވީއިރު ހުންނެވީ ދިވެހިބަހުގެ އެކަޑަމީގެ ތާރީޚާ ބެހޭ ބައިގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައެވެ. އެމަގާމުގައި ހުންނަވައިގެން ރާއްޖޭގެ ތާރީޚު ދިރާސާކުރެއްވުމުގެ މަސައްކަތް ނަދުވީ ވަނީ ކުރައްވާފައެވެ.