English Edition
Dhivehi Edition

އައްޑިހައިގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމްތަކުން ފާހަގަކުރެވުނު ކޮމެޑީ އެކްޓަރ އަދި ޑައިލޮގް ރައިޓަރ ކާދަރުޚާން (ކާދަރޭ ) މަރުވެއްޖެ އެވެ.

ކާދަރް ޚާންގެ ދަރިފުޅު ވަނީ މިކަން ޔަގީންކޮށްދީފަ އެވެ. ކެނަޑާގައި ކާދަރް މަރުވީ އެގައުމުގެ ގަޑިން އިރުއޮއްސި 6 ޖެހި އިރުއެވެ. މަރުވިއިރު އޭނާގެ އުމުރަކީ 81 އަހަރެވެ.

އަފްޣާނިސްތާނަށް އުފަން ކާދަރް ޚާންގެ ބައްޕައަކީ އަފްޣާނިސްތާނުގެ ކަންދަހާރަށް ނިސްބަތްވާ މީހެކެވެ. އަދި މަންމައަކީ ޕާކިސްތާނުގެ ބަލޮޗިސްތާން އަށް ނިސްބަތްވާ މީހެކެވެ.

ކާދަރް ފުރަތަމަ ބޮލީވުޑް ފިލްމަކުން ފެނިގެން ދިޔައީ 1973 ވަނަ އަހަރު އެވެ. އެއީ ރާޖޭޝް ކައްނާގެ ފިލްމު ‘ދާގް’ އިންނެވެ.

އޭގެ ފަހުން 300 އަށް ވުރެ ގިނަ ފިލްމުގައި ކާދަރް އެކްޓްކޮށްފައިވެ އެވެ. އަދި 250 އަށް ވުރެ ގިނަ ފިލްމުތަކަށް ޑައިލޮގް ލިޔެދީފައިވެ އެވެ.

އެކްޓަރަކަށް ވުމުގެ ކުރިންވެސް ކާދަރް ވަނީ ރަންދީރް ކަޕޫރާއި ޖަޔާ ބައްޗަންގެ ފިލްމު ‘ޖަވާނީ ދިވާނީ’ އަށް ޑައިލޮގް ލިޔެދީފަ އެވެ.

ކާދަރުޚާން އެންމެ ފަހުން ފެނިފައިވަނީ “ހޯގަޔާ ދިމާޣުކާ ދާހީ “އިން އޮގަސްޓް 2015ގައެވެ. އޭރުވެސް އޭނާއަށް ރަނގަޅަކަށް ވާހަކައެއް ނުދެއްކެއެވެ. އަދި ހިނގާބިނގާވެއުޅުމަށްވެސް އޭނާ ވަނީ އުޒުރުވެރިވެފައެވެ.

ކާދަރްގެ މަރުގެ ޚަބަރާއެކު ރެއާއި މިއަދު ބޮލީވުޑްގެ ވަރަށް ގިނަ އެކްޓަރުން ވަނީ އޭނާގެ ހަނދާންތަކާއެކު ޓްވިޓާގައި އެމީހުންގެ ހިތާމަ ފާޅުކޮށް އާއިލާއަށް ތައުޒިޔާ ފޮނުވާފަ އެވެ.