މިއަހަރުގެ މިހާތަނަށް އަލިފާނުގެ 105 ހާދިސާ ހިނގާފައިވާކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ބުނެފިއެވެ.
ފަޔާ އެންޑް ރެސްކިޔުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސާވިސްގެ ކޮމާންޑަރު ކާނަލް އަބުދުﷲ ޒުހުރީ ވިދާޅުވީ، މިދުވަސްވަރު ވަރަށް ގިނަ އަލިފާނުގެ ހާދިސާތައް ހިނގަމުންދާ ކަމަށާއި މިދުވަސްވަރު އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ގޭސް ލީކްވުމާއި ކަރަންޓް ޝޯޓޭޖްގެ މައްސަލަ ކަމަށެވެ.
” 2018 ވަނަ އަހަރުގެ މިހާހިސާބަށް 105 އަލިފާނުގެ ހާދިސާއެއް ހިނގާފައިވޭ އަދި މީގެ ތެރޭގައި ބޮޑެތި ހާދިސާތަކުގެ ގޮތުގައި 11 ހާދިސާ ހިމެނޭ،އަދި 3 ހާދިސާއެއް މި މަހުގެ ތެރޭގައި ހިނގާފައިވާއިރު ގޭސް ލީކްވުމުގެ 66 ހާދިސާއެއް ހިނގުމުގެ އިތުރުން މީގެ ތެރޭގައި ކަރަންޓް ޝޯޓެއް ވެގެންވެސް އަލިފާނުގެ ހާދިސާ ހިނގާފައިވޭ” ކާނަލް އަބުދުﷲ ޒުހުރީ ވިދާޅުވިއެވެ.
މިހާރަކަށް އައިސް ގިނައަދަދަކަށް އަލިފާނުގެ ހާދިސާތަކާ ގޭހުގެ ހާދިސާތަކުގެ އިތުރުން ކަރަންޓް މެދުވެރިކޮށް ހިނގާ އަލިފާނުގެ ހާދިސާތަކުގެ މައްޗަށްމިއަދުގެ މި ބައްދަލުވުމުގައި ވަނީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ވަނީ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަރާތުން ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އަލިފާނުގެ ހާދިސާތަކުން ރައްޔިތުންނަށް ލިބޭ ގެއްލުންތައް ވިހާވެސް ކުޑަކުރެވޭތޯ ދަނީ މަސައްކަތް ކުރަމުންކަމުގައިއެމް އެންޑީއެފް ފަޔަރ އެންޑްރެސްކިއު އިން ވިދާޅުވެފައިވެއެވެ.
މިއަދުގެ ބައްދަލަވުމުގައި ފަޔަރއެންޑްރެސްކިއު އިން ބުނީ، ކަރަންޓުގެ ސަބަބުން ހިނގާ އަލިިފާނުގެ ހާދިސަތައް މަދުކުރުމަށް މިހާރު ވާނީ ސްޓެލްކޯއާ ވާހަކަދައްކާފައި ކަމަށެވެ. މިގޮތުން މިފަދަ ހާދިސާތަކާ ދިމާވަނީ މިހާރަކަށް އައިސް ގޭގެ ކަރަންޓް ވައިރުކުރާކުރުމުގައި ސްޓެލްކޯއިން އެޕްރޫވްކޮށްފައިވާ ކޮލިޓީގެ ތަކެތި ބޭނުން ނުކުރުމާއި އަދި ކޮންޓްރެކްޓަރުން ބަހައްޓަންޖެހޭ ވަރަށް ފަރުވާ ނުބަހައްޓައި މަސައްކަތްކުރުން ކަމުގައި ކާރނަލް އަބްދުﷲ ޒުހުރީ ފާހަގަކުރެއްވިއެވެ.
އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ސްޓޭލްކޯ އާއި ގުޅިގެން މާލޭގެ ގެތަކުގެ ކަރަންޓްގެ ހާލަތު ދެނެގަތުމަށް ހަމަޖެހިފައިވާކަމަށް މި ބައްދަލުވުމުގައި ފަޔަރއެންޑް ރެސްކިއުގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅުން ވަނީ ވިދާޅުވެފައެވެ.