English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ ޒުވާނުން އިސްނަގައިގެން ‘އަވާސް އޭށުން، އެ ކުއްދާސް އޭހެއް’ މި ނަމުގައި އާއިލީ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

މި ހަވީރު ބާއްވަން ނިންމާފައިވަނީ އަންނަ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު ހަވީރު މީދޫ މަސްވެރިންގެ ޕާކް(ސަންސެޓް) ކުރިމަތީގައެވެ. މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނެފައިވަނީ މިއީ އަހަރުގެ ބޮޑު ޗުއްޓީ ނިމި ސްކޫލް ހުޅުވުމުގެ ކުރިން އާއިލާއާއި އެކު އެއްތަނަކުން އެންމެން ބައްދަލުވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށެވެ. “މި ހަވީރަކީ ބޮޑު ޗުއްޓީއެއް ނިމިގެންދާއިރު މި ރަށުގައި މާ ބޮޑު ކަމެއް ބޭއްވިފަ ނެތުމާއެކު ބާއްވަން ނިންމި ހަރަކާތެއް. މި ހަރަކާތުގެ އެންމެ ބޮޑު މަގްސަދަކީ އެންމެން އެއްތަނަކުން ބައްދަލުވެ ، އިޖްތިމާއީ ގުޅުން ވަރުގަދަކޮށް ރަށުގެ ހުރިހާ ރައްޔަތުން ގުޅިގެން، އެންމެންގެ ބައިވެރިވުމާއެކު ކަމެއް ބޭއްވުން”މި ހަރަކާތް އިންތިޒާމްކުރާ ފަރާތްތަކުންވަނީ ބުނެފައެވެ

މި ހަރަކާތުގެ ހުރިހާ އުމުރެއްގެ ކުދިންނާއި ގުޅޭ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު މި އިވެންޓްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ގުޅޭ ކުޅިވަރުތައްވެސް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ. “ބޭނުންވަނީ އެއްވެސް ކުއްޖަކު ބާކީ ކޮށްނުލާ ހުރިހާ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ކުޅިވަރުތައް ކުރިއަށްގެންދަން”އިންތިޒާމު ކޮމަޓީގެ ފަރާތުން ޝަމްސު ބުންޏެވެ. މި ހަވީރުގައި ހުޅުމީދޫ ފުލުހުންގެ ފަރާތުން ބިރުވެރި ހޮހޮޅަ އާއި ފޮޓޯ ބޫތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ގޯނިރޭހާއި، ޓްރެޝަރ ހަންޓް ފަދަ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށްވަނީ ރާވާފައެވެ