English Edition
Dhivehi Edition

ފާއިތުވެގެން މިދަނީ ދިވެހިންނަށް، ޚާއްސަކޮށް މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވަރަށްބޮޑު ބިރުވެރިކަމެއް ކުރިމަތިވެފައިވާ ދުވަސްވަރެކެވެ. މިބިރުވެރިކަމުގެ ތެރޭގައި ހިތާމައާއި މޮޅިވެރިކަން އިންތިހާއަށް އިޙްސާސްކުރެވެއެވެ. އާދެ، ލޯބި ލޯބި ތުއްތު ކުއްޖަކު އުފަލާއެކު މާލޭގެ މަގެއްގައި ހިނގާލާފައިދަނިކޮށް ކުއްލިޔަކަށް މަތިން ވެއްޓުނު އެއްޗަކުންޖެހި އެކުއްޖާ އަޅުގަނޑުމެންނާއި ވަކިވެދިޔައީއެވެ. އެކުއްޖާގެ ފޮނި ހުވަފެންތައް ސައިބޯނި ބޮއްކެތްހާ ފަސޭހައިން ފަޅައިގެން ދިޔައީއެވެ. ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދެމިތިބި ޢާއިލާއެއްގެ ދެލޯފަދަ ދަރިފުޅު އެމީހުންނާއި ތާއަބަދަށް ވަކިވެދިޔައީއެވެ. ދަރިޔަކު މިފަދަ ހިތާމަވެރިގޮތަކަށް ވަކިވެދިޔުމުން ކުރާނެ އަސަރު ބަޔާންކޮށްދެވޭނީ ހަމައެކަނި އެދަރިޔެއްގެ މައިންބަފައިންނަށެވެ. މާތްﷲ އެތުއްތު ކުއްޖާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.

މިހިނގާދިޔަ ހިތާމަވެރި ހާދިސާއާއި ގުޅިގެން ކަމާއިބެހޭ އިދާރާތަކުން މިމައްސަލަ ހިނގައިދިޔަގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އެބަގެންދެއެވެ. މިމައްސަލަ ދިމާވީ އިމާރާތްކުރަމުންދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހިގެންކަމަށް ވުމުން، އާއްމުންގެ ފާޑުކިޔުންތައް އެންމެބޮޑަށް އަމާޒުވެފައި މިވަނީ އިމާރާތްކުރުމުގެ މަސައްކަތްކުރާ ކުންފުނިތަކަށެވެ. އާއްމުންގެ ޝަކުވާ އެހާބޮޑުވެގެން ދިޔުމުގެ އަސްލަކީ، މީހެއްގެ ފުރާނަޔަށް ނުރައްކާނުވި ނަމަވެސް، ފާއިތުވެދިޔަ ދުވަސްތަކުގައި މިފަދަ އެތައް ހާދިސާއެއް ހިނގާފައިވުމެވެ. މިކަމާއިގުޅިގެން އިމާރާތްކުރުމުގެ މަސައްކަތްކުރާ ކުންފުނިތަކުގެ ޖަމުއިއްޔާ “މަސީ”އިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާއި އެބޭފުޅުންގެ ހުރި މައްސަލަތައްވެސް ހާމަކުރައްވައިފައެވެ. އެބޭފުޅުން ހާމަކުރެއްވި ކަންތައްތަކުގެ ތެރޭގައިވެސް ވީހާވެސް އަވަހަށް ހައްލުކުރަންޖެހޭ ގިނަ މައްސަލަތަކެއް ހުރިކަން ފާހަނގަކުރެވެއެވެ. ހަމައެހެންމެ މިހާދިސާއާއި ގުޅިގެން ކަމާއިބެހޭ އިދާރާތަކުން އަޅާފާނެ ފިޔަވަޅަކުން އެކުންފުނިތަކައް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިދާނެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރެއްވިއެވެ.

އަޅުގަނޑުގެ ނަޒަރުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމަކީ އެމުޖުތަމައެއްގެ ހަމަޖެހުމަށް ވަރަށް މުހިއްމުކަމެކެވެ. މިކަމުގައި ފަރުދީ ޒިންމާއިން ފެށިގެން ކަމާއިބެހޭ އިދާރާތަކާއި ޖަމުއިއްޔާ، ޖަމާއަތްތަކުގެ ޒިންމާވެސް އޮންނާނެއެވެ. އެހެންކަމުން މިފަދަ ހާލަތަކަށް ކަންކަން ދިޔުމުގެކުރިން މަސީއިން ވެސް އިސްނަގައިގެން އެބޭފުޅުންގެ އިޖުތިމާއީ ޒިންމާގެ ދަށުން ނަމަވެސް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރަން ޖެހެއެވެ.

ޤާނޫނާއި ޤަވައިދުތަކަކީ އަޅުގަނޑުމެން އަމިއްލައަށް ލިޔެ ތައްޔާރުކުރާ އެއްޗަކަށްވާތީ އޭގައި އުނިއިތުރު ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ކިތަންމެ ފުރިހަމަ ޤާނޫނާއި ޤަވާއިދުތަކެއް ހެދިފައި ހުއްޓަސް އަޅުގަނޑުމެން ބޭނުންވާ މަޤްޞަދު ހާޞިލުނުކުރެވި ހިނގައިދާނެއެވެ. ނަމަވެސް ހިތާމައަކީ މިދާއިރާއިން ހެދިފައިހުރި މަދު ގާނޫނާއި ގަވާއިދުތަކައް ވެސް އަމަލުކުރުމުގައި އަޅުގަނޑުމެން ފެއިލުވެފައިވާކަމެވެ. އަޅުގަނޑުމެން ކަންތައް މިކުރަނީ ގަވާއިދުގައި އޮންނަ ކަމެއް ފުރިހަމަކޮށްލުމުގެ ބޭނުމުގައެވެ. އެއްވެސް ހާލެއްގައި ގަވާއިދެއްގައި ވަކިގޮތަކަށް ކަމެއްކުރަން އޮންނަ އޮތުމުގެ މަޤްޞަދު ހާސިލުކުރެވެނީ ކިހާ މިންވަރަކަށްތޯ ބަލައިލުމެއް ނޯވެއެވެ. މަސައްކަތް ކުރަމުންދާ ތަނެއްގެ ވަށައިގެން ދާޖަހަން އޮންނާތީ ދާވެސްޖަހަނީއެވެ. ޖަހާފައިހުރީ ކޮންފެންވަރެއްގެ ދަލެއްތޯ ނުވަތަ ވެއްޓިގެން އަންނަ ދަގަނޑު ހޮޅިއެއް އެޖަހާފައިހުރި ދަލުން މަތަކުރެވޭނެތޯ ބެލުމެއް ނޯވެއެވެ. ހަމައެގޮތަށް ބޯޑެއްވެސް ބަހައްޓާލަނީ ގަވާއިދުގައި އެގޮތަށް އޮންނާތީއެވެ. ބޯޑު ބެހެއްޓުމުން ޒިންމާއަދާކުރެވުނީއެވެ. އެބޯޑުގެ ބޭނުމެއް ގިނަފަހަރަށް އެތަނުގައި މަސައްކަތްކުރަން ތިބޭ މީހުންނަށްވެސް ނޭނގޭނެއެވެ. އެހެން ބަޔެއްގެ ސަލާމަތައް ބަލަން އެމީހުންނަށް އެނގޭނީ އެމީހުންގެ އަމިއްލަ ސަލާމަތަކީ ކޮބައިކަންވެސް އެނގިގެންތާއެވެ. ޚަރަދުކުޑަކުރުމުގެ ބޭނުމުގައި ގިނަތަންތަނުގައި ތިބެނީ އަވަށްޓެރި ގައުމުތަކުން ކުޑަމުސާރައަކަށް ގެނެސްފައި ތިބޭމީހުންނެވެ. އަދި ގަވާއިދާއި ޚިލާފަށް އުޅޭ ބޭރުމީހުންވެސް މަދެއްނޫނެވެ. އެމީހުންގެ ތައުލީމީ ފެންވަރާއި މަސައްކަތުގެ ހުނަރަކީ ކޮންމެހެން މުހިއްމުކަމެއް ނޫނެވެ. އަދި މަސައްކަތްކުރަމުންދާ ތަންތަނުގައި ސުޕަވައިޒަރުން ތިއްބަސް އެއިން މީހަކު ފެންނާނީ އެޕޮއިންޓްމަންޓު ހައްދައިގެންދާ މީހުންނަށެވެ.

ރާއްޖޭގައި އިމާރާތްކުރުމުގެ މަސައްކަތްކުރަމުންދާ ގޮތްތައް ބަދަލުކުރަންޖެހޭކަން އެންމެ ރަނގަޅަށް އެނގިގެންދާނީ ރާއްޖޭގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ ބޭރުގެ ކުންފުނިތަކުން އަމަލުކުރަމުންދާގޮތް ބަލައިލުމުންނެވެ. މިގޮތުން ނަސަންދުރާ އިމާރާތާއި ހުޅުމާލޭގައި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އިމާރާތްތަކުން މިސާލުނެގުމަކީ މުހިއްމުކަމެކެވެ. އެކުންފުނިތަކުން އަޅާފައިހުރި ސަލާމަތީ ފިޔަފަޅުތައް ފެނުމުން އެއިމާރާތްތަކުގެ ކާރިން ހިނގާލާފައި ދާއިރު ސަލާމަތާއި ރައްކާތެރިކަން އިޙްސާސްކުރެވެއެވެ.

ހަގީގަތުގައި އަޅުގަނޑުމެން ވަކިދާއިރާއެއް ނަގައިގެން ފާޑުކިޔުމުގެ މާބޮޑު ބޭނުމެއް ނެތެވެ. ކޮންމެ ދާއިރާއަކުން ބެއްޔަސް އަޅުގަނޑުމެންނަށް ފެންނަންއޮތީ މިމަންޒަރެވެ. މާލޭގައި ބުރިބުރިޔަށް ކުރެވިފައިހުރި އިމާރާތްތައް ބާވެ މީހުން ދިރިއުޅުން ރައްކާތެރިނޫން އިރުވެސް އެއިމާރާތްތަކުގެ ވެރިން ބޮޑެތި ކުލިތަކައް އެތަންތަން ކުއްޔަށް ދެމުންދަނީއެވެ. އެއިމާރާތްތަކުން ކަނޑަކަނޑައިގެން ތިމެންތި ގަނޑުތައް މަގުމައްޗަށާއި އިމާރާތުގައި އުޅޭމީހުންގެ ބޮލަށް ވެއްޓެމުންދަނީއެވެ. އެއިން އިމާރާތެއް ވެއްޓި ބިމާއި ހަމަވެއްޖެނަމަ ކިތައް އާއިލާ ނެތި ހިނގައިދާނެތޯއެވެ. އިމާރާތްތަކުގައި ހަރުކުރެވިފައިވާ ބޮޑެތި ނަންބޯޑުތަކާއި އޭސީ އައުޓްޑޯ ޔުނިޓުތައްވެސް ދަބަރަށްވެ ބޮލަށްވެއްޓެން ކާރިވެފައި އެބަހުއްޓެވެ. ބައެއް އިމާރާތްތަކުގައި މަގުމައްޗަށްވާގޮތަށް ހުންނަ ބެލްކަނީތަކުގައި ދަގަނޑު ޗެންޗޭނުޖަހާފައި ހުއްޓަސް އެއިން ދޭތެރެއަކުން ކުޑަކުއްޖަކު މަގުމައްޗަށް ވެއްޓުމަކީ ދުރުކަމެއް ނޫނެވެ. އަދި ނުވިތާކައް އެފަދަ ބެލްކަނިތަކުގައި ބޭނުންނުކުރާ ބާތަކެތި ގުދަންކޮށްފައި ހުރުމުން އެއިން އެއްޗެއް މަގުމައްޗަށް ވެއްޓުމުގެ ފުރުޞަތުބޮޑެވެ. ހަމައެހެންމެ ބައެއް ގޭގޭގައި މަގުމައްޗަށްވާގޮތަށް ހުރި ބެލްކަނިތަކުގެ މަތީގައި ބޮޑެތި ގަސްމުށިތައް ބަހައްޓާފައި އެބަހުއްޓެވެ. އެއިން އެއްޗެއް ވެއްޓި ޖެހިގެން މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުމެއް ނުވެ ދިޔުމަކީ ނާދިރުކަމެކެވެ. އިމާރާތްތައް ސާފުކުރުމަށް ނުވަތަ ކުލަލުމަށް އަރާތިބޭއިރު ހެލްމެޓެއް ނާޅާއިރު ކުޑަމިނުން ސޭފްޓީ ބެލްޓެއްވެސް ނޯވެއެވެ. މުދާއުފުލާ ލޮރީތައް ފުރެންދެން މުދާޖަހައިގެން ދާއިރު އެއިން އެއްޗެއް ވެއްޓި މީހަކަށް ގެއްލުމެއް ލިބިދާނެތޯ ނުބަލައެވެ.

ކުރުގޮތަކަށް ދަންނަވާނަމަ ހުރިހާ ދިމާލަކުންވެސް ފެންނާން އޮތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްހުރި ބޮޑެތި ގޮންޖެހުންތަކެކެވެ. އެހެންކަމުން މިކަންކަމުގައި ޝާމިލުވާ ފަރާތްތަކައް ލިބިދާނެ މާލީ ގެއްލުމަކަށްވުރެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށްވެސް އެޅުމަކީ މުހިއްމުކަމެވެ. ލިބޭ މާލީ ގެއްލުމަކުން އަރައިގަނެވުނަސް ގެއްލިދާ ފުރާނައަކީ އަނބުރައި ހޯދައިގަނެވޭނެ އެއްޗެއް ނޫނެވެ.