English Edition
Dhivehi Edition
އެމްޓީޑީގެ އިފްތިތާހީ ޖަލްސާގެ ތެރެއިން: ފޮޓޯ އައުޒަމް ވަން އޮންލައިން

ވިިޔަފާރިވެރިންގެ ޖަމްއިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް އިސްކޮށް ހުންނަވައިގެން އުފައްދާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ފުރަތަމަ އާންމު ޖަލްސާ ބާއްވައިފި އެވެ.

މިއީ އެމްޓީޑީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްޓަކައި ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާ އެކެވެ. މިޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އެމްޓީޑީއަށް ދީފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި ޖަލްސާގައި ވަނީ އެމްޓީޑީގެ ކުލައާއި ލޯގޯ ފާސް ކޮށްފަ އެވެ. އަދި މިޖަލްސާގައި ވަނީ އެމްޓީޑީގެ ކައުންސިލަށް 11 ބޭފުޅުން ހަމަޖައްސާފަ އެވެ.

އެމްޓީޑީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިދިޔަ ނޮވެމްބަރު 29 ވަނަ ދުވަހު ދީފައިވަނީ ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ރައީސް އިސްމާއީލް އާސިފް އަށެވެ.

އެމްޓީޑީ އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

އެމްޓީޑީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމާއެކު އެޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އެވެ. މީގެއިތުރުން ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވަނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމުން ޓިކެޓް ދީފައިވަނިކޮށް އެޕާޓީން ވަކިވެ ވަޑައިގެން، އެމްޓީޑީއާ ގުޅިވަޑައިގެންފަ އެވެ.

މިޖަލްސާއަށް ހާއްސަ މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދަށް ދައުވަތު ދެއްވުމުން އޭނާ ވަނީ މިޖަލްސާގައި ބައިވެރިވެވަޑައިގެންފަ އެވެ.

މި ޖަލްސާގައި ވާހަކަ ދެއްކެވި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވެލިދޫ ދާއިރާގެ އެމްޓީޑީގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ވަނީ އަދީބަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި، އަދީބަށް ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު އޮންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ޖަލްސާ ފެށުނީއްސުރެ، ނިމެންދެން ސްކްރީނަށް އަޅުވަމުން ދިޔައީ އަދީބުގެ އެކި ފޮޓޯތަކެވެ. އެގޮތުން، ފުލުހުންގެ ބެލުމުގެ ދަށުން އަދީބު ލޯންޗަށް އަރުވަނިކޮށާއި ދޫނިދޫ ޖަލުގައި އޮންނެވި ގޮތުގެ ފޮޓޯއެއް ވެސް ދެއްކި އެވެ. އަދި އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އާއި އަދީބުގެ ދެ ކުދިންގެ ފޮޓޯތަކެއް ވެސް ދެއްކި އެވެ.

އެމްޓީޑީގެ ކައުންސިލްގައި ހިމެނޭ ބޭފުޅުން:-

1 އިސްމާއިލް އާސިފް، ހ. ސިލްވަރީން
2 މަރިޔަމް ނަޝްވާ، މ. މަލުތެރޭގެ
3 އަބްދުﷲ ޔާމީން ރަޝީދު، ނ. ވެލިދޫ، އަމަން
4 ޞާއިފް އަހްމަދު، ގދ. ވާދޫ، ހުސްނުހީނާގެ
5 އަބްދުލް ރަޝީދު ނާފިޒް، މ. ލިލީސް
6 ނިމްތާޒް ހިލްމީ، ސ. މަރަދޫ، ހިލްމަން
7 އާނިސާ ހަސަން، ކ. ތުލުސްދޫ، ވައިލެޓްހައުސް
8 މަރިޔަމް ސިޔާނާ، ނ. ހޮޅުދޫ، ހުދުވެލި
9 މުހައްމަދު ރީހާން، ކ. ހުރާ، ވައިޖެހޭގެ
10 އައިމިނަތު ވިޖްނާ މުހައްމަދު، ހ. ޕޯޓްސައިޑް
11 ހޫދު އަބްދުލްހަސީބް، ހ. ވެއްޕިލާ