English Edition
Dhivehi Edition

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރު ކަމުގައިވާ އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ގޮތުން ކުޅޭ ވަދާއީ މެޗުގައި އިންމަގެ ޓީމް ގިނަ ތަރިންތަކާއި އެކު އިއުލާންކޮށްފިއެވެ.

ގައުމީ ޖާރޒީގައި އެންމެ ގިނަ މެޗު ކީޕަރެއްގެ ގޮތުގައި ކުޅެފައިވާ އިމްރާންގެ ޓީމްގައި ގަލޮޅު ދަނޑުގައި ކުޅެފައިވާ މަޝްޙޫރު ގިނަ ނަންތަކެއް ހިމަނާފައިވާއިރު މި ޓީމްގެ ކޯޗަކަށް ހުންނާނީ އޭނާއަށް އެންމެ ފުރަތަމަ ގައުމީ ޓީމްގައި އިރުޝާދު ދިން ކޯޗު ބަލްގޭރިޔާގެ ސްޓައިކޯވްއެވެ. އެސިސްޓެންޓް ކޯޗުންނަށް ހަމަޖައްސާފައިވަނީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމުގެވެސް އެސިސްޓެންޓުންގެ ގޮތުގައި ތިބި އިހުސާން އަބްދުލް ޣަނީ އާއި މުހައްމަދު ޝިޔާޒް އެވެ.

މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް އާއި އެފްއޭއެމް ގުޅިގެން ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސް އާއި ގުޅުވައިގެން ބާއްވާ މި މެޗަށް އިމްރާން އެކުލަވާލާފައިވާ ޓީމުގައި ހިމެނެނީ އޭނާ އާއިއެކު އެކި ފަހަރު މަތިން ކުޅެފައިވާ ކުޅުންތެރިންނެވެ.

މި މަހުގެ 29 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މެޗްގައި އިމްރާން ގެ ޓީމު “އިންމަ 11” ގެ ނަމުގައި ނިކުންނައިރު އެފްއޭއެމް ގެ ޓީމު ނިކުންނާނީ “އެފްއޭ 11″ގެ ނަމުގައެވެ.

އިންމަ ގައުމީ ޓީމް ޓީމަށް ކުޅުން ހުއްޓާލުމުގެ ގޮތުން ކުޅޭ މިމެޗުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ގޯލު ކީޕަރުންގެ ތެރޭގައި ހިމެނޭ މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކީޕަރު ޕީޓަރ ޝުމައިކަލްގެ އިތުރުން ރެއާލް މެޑްރިޑްގެ ކުރީގެ ތަރި މިޝޭލް ސަލްގާޑޯ މި މެޗްގައި އެފްއޭ 11 ގެ ޓީމްއަށް ކުޅޭނެއެވެ.

ޝުމައިކަލް އަދި މިޝޭލް އަކީ އެފްއޭއެމް އާއި މޯލްޑިވްސް ފުޓްބޯޅަ ކުޅެގެން މިމަހު 28ގައި ބޭއްވުމަށް ހަމަ ޖެހިފައިވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ ހާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވާނެ ދެ ތަރިންނެވެ.

2000 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި އިމްރާން ވަނީ ގައުމީ ޓީމަށް 111 މެޗް ކުޅެފައިވާއިރު އިންމަ ވަނީ ގައުމީ ޓީމް އާއިއެކު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށިން ހޯދައި އޭއެފްސީ ޗެލެންޖް ކަޕްގެ ތިންވަނަ މަގާމް ހޯދާފައެވެ.

އިމްރާން ނެގި ޓީމުގައި ހިމެނޭ ކުޅުންތެރިން

އިމްރާން މުހައްމަދު، އަސްލަމް އަބްދުލް ރަހީމް، މުހައްމަދު ޖަމީލް (ޖަމްބެ)، ސޮބާހް މުހައްމަދު، އަލީ އުމަރު، އަހުމަދު ތޯރިގް (ޓޮމް)، އަލީ އަޝްފާގް، މުހުތާރު ނަސީރު (ޓޫކިލޯ)، އިސްމާއިލް މުހައްމަދު، އަހުމަދު ސައީދު (އައްމަޓީ)، މުހައްމަދު ސިފާން (ކުޑައްޓޭ)، އައްސަދު އަބްދުލް ޣަނީ، މުހައްމަދު އުމެއިރު، އާދަމް އަބްދުލް ލަތީފް، ޝާހް އިސްމާއިލް، މުހައްމަދު އިބްރާހިމް (ކައްޕި)، މުހައްމަދު ނިޒާމް (ތޮއްޑޫ)، އަބްދުﷲ އިބްރާހިމް (އަބުޅޯ)، އަލީ ޝިޔާމް، އަޝްރަފް ލުތުފީ (ސަމްޕަތު)، މައުސޫމް އަބްދުލް ޣަފޫރު (މާސޭ)، މުހައްމަދު އަންވަރު، އަހުމަދު ޝާހިދު (ސާބެ)، އަބްދުﷲ ވަހީދު (ބިންމާ)، ޝާމްވީލް ގާސިމް (ބޮންޑާ)، އިބްރާހިމް ފަޒީލް (އޮއްޕޮ)، އަލީ ޝާހީން

މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29ވަނަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި 21:00ގައެވެ.