English Edition
Dhivehi Edition

އެފްއޭއެމް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތްތުގެ ޗެމްޕިއަންކަން ރޮކް ސްޓްރީޓް ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.ރޮކް ސްޓްރީޓުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި 2-0 އިން ސުޕަ ޔުނައިޓެޑް ބަލިކޮށްގެންނެވެ.

ތަޖުރިބާކާރު ކުޅުންތެރިޔާ ފަރުހާދު އިސްމާއީލް (ފަރޭ)ގެ އިރުޝާދުގެ ދަށުން މިމުބާރާތަށް ނިކުތް ރޮކް ސްޓްރީޓުން ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފުރަތަމަ ހާފްގައި ފެނިގެން ގޮސްފައިވާއިރު ދެ ޓީމްގެ ފަރާތުން ވެސް އެއްވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވެއެވެ.އެހެން ނަމަވެސް މެޗުގެ ދެ ވަނަ ހާފުގައި ރޮކް ސްޓްރީޓުން ވަނީ ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަކަށް އަދި ގައުމީ ޓީމަށްވެސް ކުޅުނު ހަލުވި ފޯވާޑް އަބްދުﷲ މުއާޒް (އޮޓޯ) ކުޅެން އަރުވައިފައެވެ.މިއާއި އެކު ރޮކް ސްޓްރީޓުން ކުރިއަށް ޖެހި ގިނަ ހަމަލާތަކެއް ސުޕަޔުނައިޓެޑްގެ ގޯލާއި އަމާޒުކޮށްފޮނުވާލާފައިވާއިރު މެޗުގައި ރޮކް ސްޓްރީޓުން ލީޑު ނެގީ 57 ވަނަ މިނެޓުގައި ހުސައިން އަބްދުލް މަޖީދު ޖެހި ގޯލުންނެވެ. އަދި ރޮކް ސްޓްރީޓުގެ ދެވަނަ ލަނޑު އެ ޓީމްއަށް ކާމިޔާބުކޮށްދިނީ މެޗުގެ 75 ވަނަ މިނެޓުގައި ކެޕްޓަން އަހުމަދު ނާހިލް އިބްރާހީމް އެވެ.

ތިންވަނަ ޑިވިޝަން މިއަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ ރޮކް ސްޓްރީޓާއެކު މޮޅު ކުޅުމެއް ދެއްކި ނަވާރައަރުން ދަށުގެ ގައުމީ ޓީމްއަށް ކުޅޭ ނާހީލް އެވެ. އެންމެ މޮޅު ކީޕަރަކަށް ބުރު ސްޕޯޓްސް ކްލަބްގެ އަބްދުﷲ އަރުޝަން ހޮވުނުއިރު މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ބައުސް ސްޕޯޓްސް ކްލަބެވެ.

ތިންވަނަ ޑިވިޝަންގެ ފައިނަލަށް ގޮސްފައިވާ ދެޓީމުގެ ހައިސިއްޔަތުން މިއަދުގެ ފައިނަލްގައި ކުޅުނު ދެ ޓީމް ވެސް ވަނީ އަންނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ޖާގައެއް ޔަގީންވެފައެވެ.