English Edition
Dhivehi Edition

ރ. އުނގޫފާރަށް ޖަނަރޭޓަރު ގެނައިތާ 6 މަސްވެފައވާ އިރު ކަރަންޓްގެ ހާލަތު އަދިވެސް ރަނގަޅެއްނުވާކަމުގެ ޝަކުވާތައް އެރަށު މީހުން ކުރަން ފަށައިފިއެވެ!

އުނގޫފާރަށް އިންޖީނު ގެނައިތާ މިޑިސެމްބަރު 6 ވަނަ ދުވަހަށް 6 މަސްވެފައަވާއިރު އިންޖީނު ހުރީ އަދިވެސް ކަރަންޓް ދެވޭ ހާލަތެއްގައެއްނޫނެވެ. އިންޖީނުގޭގައި މިހާރު ބޭނުންކުރަމުންދާ އެންމެ ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވި ނަމަވެސް އުނގޫފާރަށް ދެމުންދާ ކަރަންޓްގެ ހިދުމަތަށް ބުރޫ އަރާނެކަމަށް އިންޖީނުގެގައި މަސައްކަތްކުރާ މުވައްޒަފަކު ބުނެފައިވެއެވެ.

އުނގޫފާރުގައި ކަރަންޓުގެ ހިދުމަތްދެނީ ކައުންސިލުން ހިންގަމުންގެންދާ އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިންނެވެ. ކަރަންޓުގެ ހިދުމަތް ފުޅާކޮށް ހިދުމަތުގެ ފެންވަރު ރަގަނޅު ކުރުމުގެ ގޮތުން ގެނެސްފައިވާ ޖަނަރޭޓަރު އަދިވެސް އިންސްޓޯލް ކޮށް ނުނިމޭކަމަށް ވެއެވެ. މީގެ ހަމަސް ކުރިން މިޖަނަރޭޓަރުގެނައީ އެއިރު މިޖަނަރޭޓަރު ނުގެނެސްފިނަމަ އުނގޫފާރުގެ ކަރަންޓްގެ ހިދުމަތް މެދުކެނޑިގެން ހިނގައިދާނެކަމަށް ބުނެއެވެ.

މިކަމާއިގުޅިގެން އުނގޫފާރު އިންޖީނުގެއިން ވިދާޅުވީ، އަލަށްގެނެސްފައިވާ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން މިހާރު ނުނިމިހުރީ ޕެނަލްއާއި ގުޅަންޖެހޭ ކޭބަލްއެއް ގުޅުން އެކަނި ކަމަށް ބުނެއެވެ. ޖަނަރޭޓަރު އިންސްޓޯލް ކުރުމަށް ހަވާލުވެފައިވާ ވޮލްވޯ ކުންފުނިން އުނގޫފާރަށް އައިސް ކޭބަލް ގުޅާލުމުން ނިމުނީކަމަށް އެތާ މުއައްޒަފުންވަނީ ބުނެފައެވެ.
“ޖަނަރޭޓަރު އެހުރީ ބެޑަށްލާ ސައިލެންސަރު ގުޅާ ފިއުލް ލައިންވެސް ގުޅާނިމިފައި. ނުނިމިހުރީ ޕެނަލް އާއި ގުޅާލުން އެކަނި. އެމަސައްކަތްވެސް ވަރަށް އަވަހަށް، ހަފްތާއެއްހާ ދުވަސްތެރޭ ނިމޭނެ ކަމަށް މިބަލަނީ.” އިންޖީނުގޭގެ މެނޭޖަރ އަހުމަދު އަބްދުއް ޝަކޫރު ވިދާޅުވިއެވެ.

450 ކިިލޯވޮޓްގެ މި ޖަނަރޭޓަރު އުނގޫފާރަށް ގެނެސް ބޭނުން ކުރެވޭ ހާލަތަށް ނުގެނެސް މިހާގިނަދުވަސް ވެގެން ދަނީ އިތުރު ޖަނަރޭޓަރަކަށް ސީރިއަސް މައްސަލައެއް މިދުވަސްތަކުގައި ދިމާވަމުން ނުދާތީކަމަށް ބެލެވެއެވެ. ނަމަވެސް ބޮޑު މައްސަލައެއް ދިމާނުވި ނަމަވެސް ޖަނރޭޓަރު ތަކުގެ ހާލަތުވަރަށް ދައްކަމަށް މައުލޫމާތު ލިބެއެވެ.