English Edition
Dhivehi Edition

ޢަފޫވަނިވި ނަޖިހަކީ އެ އެއްޗެއް ހޭކުމުން ދޮވެ ސާފްނުކުރިޔަސް އޭގެ އަސަރު ފިލައިދާ ތަކެއްޗެވެ. އެފަދަ ނަޖިހުގެ ތެރޭގައި ހިމެނެނީ:
1. އެ އެއްޗަކުން ރައްކާތެރިވާން އުނދަގޫ ތަކެތި . މިސާލަކަށް، ހިރަފުހާއި އެކުވެފައިވާ ނަޖިސް. ވައިގަދަ ދުވަހު މަގުމައްޗަށް ނިކުތުމުން ހިރަފުހާއި ނުޖެހި ތަނަކަށް ދެވޭނެ ގޮތެއް ނޯންނާނެއެވެ. ވީމާ އެވާނީ ރައްކާތެރިވެ އުޅުން އުނދަގޫ އެއްޗަކަށެވެ. ވީމާ، ދީނުގައި މިވަނީ އެފަދަ ތަކެތި ޢަފޫކުރައްވާފައެވެ.
2. އާދައިގެ ފެނުގައި ހުންނަ ލޮލަށް ނުފެންނަ ފަދަ ތަކެތި. ހަމަ ލޮލަށް ނުފެންނަ ކަމުގައި ވަނީނަމައީ އެފަދަ އެއްޗަކުން ރައްކާތެރު ވުމަކީ ވެވޭނެ ކަމެއް ނޫނެވެ.
3. ވަހެއް ނުދުވާ ނަޖިހުގެ ތެރެއިން އާދައިގެ ލޮލަށް ނުފެންނަ ކުދިކުދި އެތިއެތިކޮޅު.
4. ފޭރާމުގައި ހޭކޭ މަދު ލޭ، ދޮސް.
5. އޮހޮރިގެންދާފަދަ ލޭ ނުހުންނަ ތަކެތި. މިސާލަކަށް، ހޯނު، ކުރަފި، މެހި، މަދިރި
6. ބަޅު އޫރުނޫން ޖަނަވާރުގެ ނަޖިސް ކެހެރީގެ ތެރެއިން މަދު އެތިކޮޅު.
ނަޖިހުން ޠާހިރުވާނެގޮތ:
ނަޖިހުން ޠާހިރު ވާނީ ނަޖިސް ޖެހިފައިވާތަން އެނަޖިހެއްގެ ކުލައާއި ވަހާއި ރަހަ ފިލައްޖައުމަށް ދާންދެން ސާފްކުރުމެވެ. ނުވަތަ ނަޖިސް ނުކުތްތަނާއި ނަޖިސް ޖެހިފައިވާތަނުން އޭގެ އަސަރު ފިލުވައިލުމެވެ.
ނަޖިސްފިލުވާތަކެތ:
ނަޖިހުން ޠާހިރު ވުމަށްޓަކައި ތިންބާވަތެއްގެ ތަކެތި ވެއެވެ. އެއީ
1. ފެން.
ފެނަކީ ޠާހިރުވުމުގެ އެންމެ މުހިންމު ވަޞީލަތެވެ. ނަމަވެސް ނަޖިސްފިލުވައިލެވޭ ކޮންމެ އެއްޗަކުން ޠާހިރުވުންވެސް ހުއްދައެވެ. ފެން ބޭނުން ކުރުމަކީ ޝަރުޠެއް ނޫނެވެ. ގިނަ ޢިލްމުވެރިންގެ ރަޢުޔުއަކީ މިއީ އެވެ. އެބޭކަލުންގެ ތެރޭގައި އަބޫ ޙަނީފާއާއި މާލިކުގެފާނާއި އިމާމް އަޙުމަދާއި އަދި އިމާމް ޝާފިޢީގެ ފާނު ހިމެނެއެވެ. އަދި އެންމެ ރާޖިހު ގޮތަކީވެސް މިއެވެ. އެބޭކަލުންގެ ދަލީލަކި: ފެނަކީ ޠާހިރުކޮށްދޭ އެއްޗަކަށް ވުމަކީ، އެހެން އެއްޗެއް އެއީ ޠާހިރުކޮށްދޭ އެއްޗަކުން މަނާކުރާ ކަމެއް ނޫނެވެ. އަދި ކަނޑައެޅޭ ޙާދިސާތަކެއްގައި ފެނުން ނަޖިސް ފިލުވާލުމަށް އަމުރުވެފައިވިޔަސް ކޮންމެ ނަޖިހެއް ފިލުވަން ޖެހޭނީ ފެނުން ކަމަށް އަމުރެއް އައިސްފައެއް ނުވެއެވެ. ކީރިތި ﷲ އަންފާލް ސޫރަތުގެ 11 ވަނަ އާޔަތުގައި އަންގަވާ ވަޙީ ކުރައްވާފައި ވެއެވެ. وَيُنَزِّلُ عَلَيْكُم مِّن السَّمَاء مَاء لِّيُطَهِّرَكُم بِهِ މާނައީ: ” ތިޔަބައިމީހުން އެއިން ޠާހިރު ކުރެއްވުމަށްޓަކައިއެކަލާނގެ އުޑުން ފެން ބާވއިލެއްވިއެވެ.” މި އާޔަތުން ދޭހަވާ ގޮތުގައި މާތްﷲ ފެން ބާވައިލައްވާފައިވަނީ ޠާހިރު ވުމަށްޓަކައެވެ.
ފެނަކީ ޠާހިރުވުމުގެ އެންމެ މުހިންމު ވަޞީލަތް ކަމުގައި ވީހިނދު އެ ފެން ނަޖިސްވާ ގޮތަށް ބަލާލުމަކީވެސް މުހިންމު ކަމެއް ކަމުގައި ދެކެމެވެ. އާދެ! ދެ ގުއްލަ (193 ލީޓަރ) ހަމަވާ ފެން ނަޖިސްވާނީ އެއަށް އެޅޭ ނަޖިހުގެ ސަބަބުން ކުލައަށް ވަހަށް ނުވަތަ ރަހައަށް ބަދަލު އައިސްފައިވާނަމައެވެ. ނަމަވެސް ދެގުއްލަ ހަމަ ނުވާ ފެނަށް ކިތަންމެ ކުޑަ ނަޖިހެއް އެޅުނު ނަމަވެސް އެފެން ނަޖިސްވާނެއެވެ.
2. ހިލަ.
ހިލައިން ދެ ގޮތަކަށް ޠާހިރު ވެވެއެވެ. އެއްވަނަ ގޮތަކީ ހިލައިން ނުވަތަ ހިލައިގެ މާނައިގައިވާ އެއްޗަކުން ނަޖިސް ޖެހިފައިވާތަން ފުހެލުމެވެ. އެއަށްފަހު، ފެނުން ދޮވެލުމެވެ. ނަޖިހުން ސާފް ވުމުގައި އެންމެ ރަނގަޅު ގޮތަކީ މިއީއެވެ.
ދެވަނަ ގޮތަކީ ހިލަކޮޅެއްގެ ތިންފަރާތް ނުވަތަ ތިން ހިލަކޮޅު ބޭނުންކޮށްގެން ނަޖިސްޖެހިފައިވާތަން ފުހުމެވެ. މިތާނގައި ހިލަކޮޅެއްގެ ވާހަކަ ގެނެސްފައިވީނަމަވެސް (ޙާލަތާއި ގުޅޭގޮތުން) ހިލައިގެ މާނައިގައިވާ ކޮންމެ އެއްޗެއް ނަޖިސް ފުހެލުމުގައި ބޭނުން ކުރެވިދާނެެއެވެ.
3. ވެލި.
ވެލިން ޠާހިރު ވެވޭނީ ހަމަ އެކަނި ބޮޑުޙަދަޘް ވެރިޔާ އަށާއި ކުޑަޙަދަޘް ވެރިޔާއަށެވެ. އެއީ ބޮޑުހަދަޘް ވެރިޔާ ހިނައިގަތުމަށްޓަކައި ފެން ނުލިބޭ ޙާލަތްތަކުގައްޔާއި ފެން ބޭނުން ކުރަން ޢުޛުރުވެރިވާ ޙާލަތްތަކުގަ އެވެ. އަދި ކުޑަޙަދަޘް ވެރިޔާ ވުޟޫ ކުރުމަށްޓަކައި ވެސް ހަމަ މިފަދައެވެ. ވެލިން ޠާހިރު ވެވޭކަން މާތް ﷲވަޙީ ކުރައްވާފައިވާ މިއާޔަތުން ވަރަށް ރަނގަޅަށް ސާފްވެއެވެ. فَلَمْ تَجِدُواْ مَاء فَتَيَمَّمُواْ صَعِيدًا طَيِّبًا فَامْسَحُواْ بِوُجُوهِكُمْ وَأَيْدِيكُمْ إِنَّ اللّهَ كَانَ عَفُوًّا غَفُورًا (ނިސާއު 43…)

އިސްތިންޖާކުރުން:
އިސްތިންޖާގެ މާނައަކީ ނަޖިސް ފިލުވައި ލުމެވެ. ޝަރުޢީ އިސްތިލާޙުގައި އިސްތިންޖާއަކީ ޤަޟާ ޙާޖާކޮށް އަވަދިވެގެން ނަޖިސް ނިކުތްތަން ފެނުން ދޮވެ ނުވަތަ ހިލައިން ފޮހެ ރަނގަޅަށް ސާފްކުރުމެވެ. މީގެ މާނައަކީ ނަޖިސް ފިލުވައިލުމަށް ފެން ނުވަތަ ހިލަ މިއިން ކޮންމެވެސް އެކެއްޗެއް ބޭނުން ކުރުމެވެ. ޙަދީޘް ފުޅެއްގެ މާނައިގައި ވެއެވެ. މާނައީ: ” ތިޔަބައިމީހުން ކުރެ މީހަކު ހަނޑަސްބުރިއަށް ހިނގައްޖެ ކަމުގައިވާނަމަ ފަހެ، ތިން ހިލައިން ސާފްވާހުށިކަމެވެ! އެކަމަށް އެވަރުން ފުދޭނެއެވެ.” އެހެން ޙަދީޘް ފުޅެއްގެ މާނައިގައި ވެއެވެ. ” ތިޔަބައިމީހުންކުރެ މީހަކު އިސްތިންޖާކުރާނަމަ ތިން ހިލަކޮޅުން އިސްތިންޖާ ކުރާށެވެ!” ނަމަވެސް ތިން ހިލަކޮޅުން ސާފް ނުވިނަމަ އެއަށްވުރެ ގިނައިން ވިޔަސް ބޭނުން ކުރަން ޖެހޭނެއެވެ.
ޤަޟާޙާޖާ ކުރުމުގެ އަދަބުތައް:
1. އެހެން މީހުންނާ އެއްފަރާތްވެ ފަރުދާވުން،
2. ބިސްމި އާއި އަޢޫޛު ކިޔުން: ފާޚާނާއަށް ވަންނަނަމަ ނުވަތަ ހާމަ ތަނަކަށް ނަމަ ހެދުން ތިރިކުރާއިރު އަޢޫޛު ބިސްމި ކިޔުން ސުންނަތްވެގެންވެއެވެ. ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ” އާދަމުގެ ދަރިންކުރެ މީހަކު ހަނޑަސްބުރިއަށް ވަންނައިރު، އެމީހުންގެ ޢައުރަތަކާއި ޖިންނީންގެ ލޯތަކާ ދެމެދުގައިވާ ފަރުދާއަކީ، އޭނާ ބިސްމިﷲ ކިޔުމެވެ.”
3. ކޮންމެހެން ދައްކަން ޖެހިގެން ނޫނީ ވާހަކަ ނުދެއްކުން.
4. މީސްތަކުން ހިނގާއުޅޭ މަގާއި ހިޔާވާން ތިބޭ ތަންތަނަށް ޤަޟާޙާޖާ ނުކުރުން. ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ” ބަދުބަސް ރައްދުވާ ދެކަމަކުން ތިޔބައިމީހުން ރައްކާތެރިވާށެވެ!” ޞަޙާބީން ދެންނެވިއެވެ. ބަދުބަސް ރައްދުވާ ދެކަމަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. މާނައީ: ” އެއީ މީސްތަކުންގެ މަގު މައްޗަށް ނުވަތަ އެމީހުން ހިޔާހޯދާ ތަންތަނަށް ޤަޟާޙާޖާ ކުރުމެވެ.”
މި ލިޔުމުން އިސްލާމީ ޝަރީޢަތުގައި ނަޖިސްތަކެއްޗަކީ ކޮބައިކަމާއި ނަޖިހުން ޠާހިރުވާނެ ގޮތާއި ބެހޭގޮތުން ބޭނުންތެރި މަޢުލޫމަތުތަކެއް ލިބުނުކަމަށް އުންމީދުކުރަމެވެ.
މިއީ ޑރ.އަބްދުއް ސައްތާރުގެ އިލްމީ ތަރުބިއްޔަތު ފޮތުން ނަގާފައި ލިޔުމެއް