English Edition
Dhivehi Edition

އަވައްޓެރި ސްރީލަންކާގެ ބޮޑުވަޒީރުކަންކުރެއްވި ރަނިލް ވިކްރަމަސިންހަ 51 ދުވަސް ވަންދެން މަގާމުން ދުރުކޮށްފައި ހުއްޓާ އަނެއްކާ ކުރިން އޭނާ ހުރި މަގާމަށް ގެނެސް މިއަދު ހުވާ ކުރައްވައިފިއެވެ.

މިގޮތުން މިއަދު ލަންކާގެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރަނިލް ވިކްރަމަސިންހައާއި އޭނާގެ ޕާޓީގެ ލީޑަރުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ފާހަކަފުޅުދައްކަވަމުން ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ވިދާޅުވީ ލަންކާގެ ބޮޑުވަޒީރު ކަމަށް އަލުން ރަނިލް ވިކްރަމަސިންހަ އައްޔަން ކުރެއްވީ ސްރީލަންކާގެ ޕާލަމެންޓްރީގެ ސަގާފަތާއި، ޑިމޮކްރަސީ ނެގެހެއްޓުމަށް ކަމަށެވެ. އަދި ޑިމޮކްރަސީއަށް އިޙްތިރާމް ކުރެއްވުމުގެ ގޮތުން ކަމަށެވެ.

ސިރިސޭނާ ވިދާޅުވީ، އޭނާ ރަނިލް ވިކްރަމަސިންހަ މަގާމުން ދުރުކޮށް، އާ އިންތިޚާބަކަށް ގޮވާލެއްވީ ސްރީލަންކާގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ 15 މިލިއަން ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްގު ހޯއްދަވައި ދެއްވުމަށް ކަމަށެވެ. ނަމަވެސް، އެމަސައްކަތަށް ހުރަސްއެޅީ ޕާލަމެންޓްގެ 122 މެމްބަރުން ކަމަށް ސިރިސޭނާ ވިދާޅުވިއެވެ.