English Edition
Dhivehi Edition

މުޅިރާއްޖެ ފެހިކުރުމަށް މިހާރު ކުރިއަށްދާ ޕްރޮގްރާމް ގެ ދަށުން ގަސް އިންދުމުގެ ޕްރޮގްރާމެއް އައްޑޫމީދޫ ގެ އަމިއްލަ ޖަމްއިއްޔާ އެއްކަމަށްވާ “ނަލަފެހި ޖަމިއްޔާ” އިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ގަސްއިންދާފައި ވަނީ މީދޫގެ ފުޓްބޯލް ސްޓޭޑިއަމް ސަރަހައްދުގައެވެ.

ނަލަފެހި ޖަމިއްޔާގެ މަސްއޫލު ވެރިއެއް ކަމަށްވާ ހުސެން ރަޝީދް “އޭއޯނިއުސް” އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ހުސްވި ހަފްތާގައި ވެސް ވަނީ ނަލަފެހި ޖަމިއްޔާއިން މީދޫ ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ހުސެން ވިދާޅުވީ ނަލަފެހީގެ ފަރާތުން މީދޫގައި ހިންގި ސާފު ކުރުމުގެ ޕްރޮގްރާމަކީ މުޅި އައްޑޫސިޓީގައި އެދުވަހު އެންމެ ފުޅާކޮށް ހިންގި ހަރަކާތް ކަން ފާހަނގަ ކުރައްވާ ކަމަށެވެ.

މީދޫ އަކީ ފެހި ރަށަކަށް ހެދުމަށްޓަކައި މީދޫގެ އެކި ހިސާބުތަކުގައި މީގެ ކުރިންވެސް ނަލަފެހި ޖަމިއްޔާއިން ވަނީ ތަފާތު ވައްތަރުގެ ގަސްތައް އިންދާފައެވެ. އެގޮތުން 2016 ވަނަ އަހަރުވަނީ 2000 ރުއް އިންދުމުގެ ޕްރޮގްރާމެއްވެސް ފަށާފައެވެ.

ނަލަފެހި ޖަމިއްޔާއިން ބުނާގޮތުގައި ކުރިއަށް އޮތްތަނުގައި ވެސް އެޖަމިއްޔާއިން ވަނީ މީދޫގެ އެކި ހިސާބުތަކުގައި ތަފާތު ވައްތަރުގެ ގަސްއިންދުމަށް ހަމަޖައްސާފައެވެ. އެގޮތުން ގަސްތައް އިންދާއިރު ރަށުން މިހާރު ނެތެމުންދާ ގަސްތައް އިންދުމަށް އިސްކަން ދޭނެ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއްވައެވެ.