English Edition
Dhivehi Edition

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ޓޫރިޒަމް ދާއިރާއަށް ހިމަނާފައިވާ އެއް ވައުދަކީ ގެސްޓް ހައުސް ސިމްޕޯސިއަމް ނުވަތަ ގެސްޓް ހައުސް ވިޔަފާރި ކުރަށްވާ ބޭފުަޅުންނާ ބައްދަލު ކުރެއްވުމުގެ ވައުދެވެ. މިހާރު ސަރުކާރުން މިވަނީ މިވައުދު ފުރިހަމަކުރެއްވުމަށް ރާއްޖޭގެ ހުރިހާ ގެސްޓް ހައުސް ވިޔަފާރިތަކަށް އަމާޒުކޮށް މިމަހު 29 ގައި ސިމްޕޯސިއަމްއެއް ބާއްވަން ނިންމާފައިއެވެ.

މިމަހުގެ 29 ގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ގެސްޓްހައުސް ވިޔަފާރި ކުރަށްވާ ފަރާތްތަކަށް ސިމްޕޯސިއަމްއެއް ބޭއްވުމާ ގުޅޭގޮތުން ވާހަކަ ދެއްކެވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއެވެ.މިގޮތުން އއ. ރަސްދޫގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ރެޖިސްޓާޑް ހުރިހާ ގެސްޓްހައުސް ތަކަކަށް ދައުވަތު ދީގެން ރައީސް ސޯލިހް ވައުދުވެވަޑައިގެންފައިވާ ގޮތަށް މިމަހުގެ 29 ވަނަ ދުވަހު މިއަހަރުގެ ގެސްޓް ހައުސް ސިމްޕޯސިއަށް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ މި ސިމްޕޯސިއަމްގެ ބޭނުމަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމަށް ނުވަތަ ރަށްރަށުގެ ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކަށް ދިމާވާ ކަންކަން، އެކަންކަން ދެނެގަނެ އެންމެންގެ ހިޔާލާއި މަޝްވަރާ ލިބިގަނެ އެކަންކަމަށް މައުނަވީ ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ބާއްވާ ސިމްޕޯސިއަމް އެއްކަމަށެވެ.