English Edition
Dhivehi Edition

ރާއްޖެ އެތެރެކޮށް ރަޖިސްޓްރީކުރާ ހަތަރު ފުރޮޅުލީ ކޮންމެ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު އެއުޅަނދެއް ބާއްވާނެ ގަރާޖެއް ހުރި ކަމުގެ ލިޔެކިޔުންތައް ހުށަހަޅަންޖެހެއެވެ. މިގޮތުން ކޮންމެ ވެހިކަލެއްވެސް ރަޖިސްޓްރީކޮށް ދެވިފައިވާނީ މިދެންނެވި ލިޔުންތަކައް ބެލުމަށްފަހުގައި ކަމަށް ބެލެވެއެވެ. އެހެންކަމަށްވާ ނަމަ މިފަދަ ވެހިކަލްތައް ބޭނުންކޮށް ނިމުމުން އެވެހިކަލްތައް ހުންނަންޖެހޭނީ މިދެންނެވި ގަރާޖުތަކަށް ވައްދައި ރައްކާކުރެވިފައެވެ. ނަމަވެސް ފެންނާންއޮތް ހަގީގަތަކީ، މަދު ވެހިކަލެއް ފިޔަވައި ގިނަ ވެހިކަލުތައް، އެވެހިކަލަކުން ކުރަންބޭނުންވާ ކަމެއް ނިންމުމަށްފަހު ޕާކުކޮށްފައި ބާއްވާފައި އޮންނަނީ މަގުމަތީގައިކަމެވެ. މީގެ ހަގީގީ ސަބަބަކީ އެންމެނަށްވެސް އެނގޭ “ވުޖޫދުގައި ނުވާ” ގަރާޖުގެ ބޮޑު ސިއްރެވެ.

ހަތަރު ފުރޮޅުލީ ވެހިކަލެއް ރަޖިސްޓްރީކުރަން ބޭނުންނަމަ އެންމެ ފުރަތަމަ ހޯދަން މިޖެހެނީ ގަރާޖެއް ހުރިކަމުގެ ލިޔުން ދޫކުރާ ފަރާތެކެވެ. އެގޮތަށް ވިޔަފާރި އުސޫލުން މިލިޔުން ދޫކުރާ ފަރާތްތައް މާލޭގައި އެބަތިއްބެވެ. މިފަދަ ލިޔުންތައް ދޫކުރަމުން ދަނީ ބައިލައްކައާއި ކާރިކުރާވަރުގެ ބޮޑެތި އަގުތަކުގައެވެ. އަދި މިފަރާތްތަކުން އެފަދަ ލިޔުންތައް އެތައްބަޔަކަށް ދޫކޮށްފައި ހުރެއެވެ. މިފަދަ ލިޔުންތައް ދޫކުރާ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ގަރާޖެއް ހުރެވެސް ދާނެއެވެ. ނަމަވެސް ލިޔުން ދޫކުރި ހުރިހާ ވެހިކަލްތައް އެގަރާޖަށް ވެއްދިދާނެތޯއެވެ. އަދި އެގަރާޖެއް ހަގީގަތުގައިވެސް ބޭނުންކުރަނީ ވެހިކަލްތައް ވެއްދުމަށްތޯއެވެ. ގިނަފަހަރަށް މިފަދަ ލިޔުންތައް ދޫކޮށްފައި ހުންނަ ގަރާޖުތައް ބޭނުންކުރަނީ އެތަނެއްގެ ވެރިފަރާތުގެ އަމިއްލަ ކޮންމެވެސް ބޭނުމެއްގައެވެ. އޭނަގެ އުޅަނދެއް ވެއްދުމަށް ނުވަތަ އޭނަގެ މުދާތަކެއް ވެއްދުމަށް ނޫންނަމަ އޭނަގެ ގުދަނެއްގެ ގޮތުގައެވެ. ލިޔުން ދޫކޮށްފައި އޮންނަ ފަރާތަށް އެއީ ހުންނަ ގަރާޖެއްކަމެއްވެސް ނޭނގޭނެއެވެ.

ދެން އުފެދޭ ސުއާލަކީ ހަތަރު ފުރޮޅުލީ ވެހިކަލެއް ރަޖިސްޓްރީކުރަން ސަރުކާރަށް ހުށަހެޅުމުން އެހުށަހެޅި ލިޔުމުގައިވާ ގަރާޖެއްގެ ސައްހަކަން ކަށަވަރުކުރަނީ ކިހާމިންވަރަކަށްތޯއެވެ. އަދި މިއިން ކޮންމެ ގަރާޖެއްގެ ބޮޑުމިނާއި އެއިން ކޮންމެ ގަރާޖެއްގެނަމުގައި ރަޖިސްޓްރީކުރެވިފައިވާ އުޅަނދުތައް ބަލައިލުމަކީވެސް ކަމާއިބެހޭއިދާރާތަކައް މާބޮޑުކަމަކަށް ނުވާނެއެވެ. އެނގޭހައިވެސް އެއްޗަކީ މާލޭގެ މަދު ގެއެއްގައި ހުރި ގަރާޖުތަކައް ވުރެ މާލޭގެ މަގުމަތީގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތައް އެތައް ގުނައެއް ގިނަކަމެވެ. މީގެން އެނގެނީ ވުޖޫދުގައިނުވާ ނޫނީ ބޭނުންނުހިފޭ ގަރާޖެއްގެ ނަން މިބޭނުންކޮށްލަނީ ހަމައެކަނި ރަޖިސްޓްރީކުރުމުގެ ބޭނުމުގައި ލިޔެކިޔުންތައް ފުރިހަމަކޮށްލުމަށްކަމެވެ. އޭގެފަހުން ދޭހާ އަވީގައި ވެހޭހައި ވާރޭގައި އެވެހިކަލެއް އޮންނަނީ މަގުމަތީގައެވެ. އަދި މިކަން މިގޮތަށް ހިނގާކަން ނޭނގޭ އެއްވެސް ރައްޔިތެއް އަދި މުވައްސަސާއެއްވެސް ނެތްކަމެވެ.

އަޅުގަނޑުމެންނަށް އިއްޔެ އަޑުއިވިގެންގޮސްފައިމިވަނީ އެފަދަ ސައްޙަނޫން ލިޔުންތައް ހުށަހަޅައިގެން ރަޖިސްޓްރީކުރެވިފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާޠިލުކުރާނެ ވާހަކަ ކަމާއިބެހޭއިދާރާއިން އާއްމުކުރި ޚަބަރެވެ. އަޅުގަނޑުގެ ދެކޭގޮތުގައި ކުއްލިއަކަށް އަޅާ މިފަދަ ފިޔަވަޅެއްގެ ސަބަބުން އެތައްބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންހިނގައިދާނެއެވެ. އެގޮތުން ރަޖިސްޓްރީ ބާޠިލުކޮށްލުމުން އެއުޅަނދުތައް ބޭނުންނުކުރެވި މަގުމައްޗަށް ގިނަވެ އެތައްބަޔަކު ދިރިއުޅުމަށްޓަކައި ކުރަމުންއައި މަސައްކަތްތައް ހުއްޓިދާނެއެވެ. އަދި ތަނަކަށްދާން ޓެކްސީއެއް ހޯދުމަކީ މިހާރުވެސް ބޮޑުތަކުލީފަކަށްވެފައި އޮންނައިރު، އޭރުން ޓެކްސީއެއް އެއްގޮތަކަށްވެސް ނުލިބޭނެއެވެ. އެހެންކަމުން އެކަށީގެންވާ މުއްދަތެއް ދިނުމަކާއިނުލައި އަދި ދަތުރުފަތުރުކުރުމުގެ ފުރިހަމަ ނިޒާމެއްނެތި މިފަދަ ފިޔަޔަވަޅެއް އަޅައިފިނަމަ އާއްމުރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭނެއެވެ.

ވުމާއެކު، އަޅުގަނޑުގެ ނަޒަރުގައި މިމައްސަލަ ހައްލުކުރަންޖެހެނީ ދިގުމުއްދަތުގެ ތަސައްވުރެއް އޮވެގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ގެއެއްގައި އެގެއެއްގެ މީހުން ދުއްވާ އުޅަނދު ވެއްދޭނެ ތަނެއް ބެހެއްޓުން ލާޒިމުކުރުމެވެ. އަދި އެއްބުރިއަށްވުރެ މައްޗަށް އިމާރާތްކުރެވޭ އިމާރާތްތަކުގެ ބޭސްމަންޓް ނުވަތަ ގުރައުންޑް ފުލޯ، ދުއްވާ އެއްޗެހި ޕާކުކުރުމަށް ލާޒިމުކުރުމެވެ. ހަމަމިއާއިއެކު އިތުބާރުހިފޭފަދަ އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް އަންނަންޖެއެވެ. އޭގެފަހުގައި ގަރާޖެއްނެތި ރަޖިސްޓްރީ ކުރެވިފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާޠިލުކުރެވިދާނެއެވެ. އަދި އަލަށް ރަޖިސްޓްރީ ކުރެވޭ އުޅަނދުތައް ރަޖިސްޓްރީކޮށް ދިނުމުގައި ގަރާޖެއްނެތް ގެއެއްގެ މީހަކަށް އުޅަނދުތައް ރަޖިސްޓްރީކޮށް ދިނުން ހުއްޓައިލެވިދާނެއެވެ. މީގެއިތުރުން އެއްގަމުގައި ދުއްވާ ކޮންމެ އުޅަނދެއް ރަޖިސްޓްރީކުރި ކަމުގައި ވިޔަސް އެއުޅަނދެއް ވައްދާނެ ތަނެއް ހުންނަންޖެހޭގޮތަށް ހަމަޖެއްސުން މުހިއްމެވެ. މިހުރިހާކަމެއް ކުރުމުގައިވެސް އެކަށީގެންވާ ވަގުތު ކަނޑައެޅިފައި އޮންނަންޖެހެއެވެ. ކިތަންމެ ފުރިހަމަ ގާނޫނާއި ގަވާއިދުތަކެއް ހެދިފައިހުއްޓަސް އަޅުގަނޑުމެން އެއަށް އަމަލުނުކުރާނަމަ އޭގެ ބޭނުމެއް ނޯންނާނެއެވެ. އަދި ކަމާބެހޭ އިދާރާތަކުން އެފަދަ ގާނޫނާއި ގަވާއިދުތައް ފުރިހަމައަށް ތަންފީޒުނުކުރާނަމަ ރައްޔިތުންނަށް އޭގެއިން ލިބޭނެ މަންފާއެއްވެސް ނެތެވެ.