English Edition
Dhivehi Edition

ސަރުކާރުގެ މަސް ކުންފުނިތަކުން، މަސްވެރިންނަށް މިހާތަނަށް ދޭން ޖެހިފައި ހުރި، 68 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން އިއްޔެ ދޫކޮށްފައިވާކަމަށާއި، އުންމީދު ކުރައްވަނީ ކުރިއަށް މިއޮތް ދެތިން ދުވަހުގެ ތެރޭގައި މަސްވެރިންނަށް އެ ފައިސާ ލިބުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވެވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މަސްވެރިން އެންމެ ބޮޑު ހޭދައެއް ކުރަނީ، ދޯނިފަހަރު ދުއްވުމަށް ބޭނުންވާ ޑީސަލް ގަތުމަށްކަމަށާއި، ވެރިކަމަށް އައުމަށް މި ސަރުކާރުން ވަޢުދުވީ ފަދައިން، މަސްދޯނިފަހަރުގައި ބޭނުންކުރާ ޑީސަލުން އިމްޕޯޓް ޑިއުޓީ ކަނޑައިލުމަށް، ރައްޔިތުންގެ މަޖިލީހުން މިހާރު ނިންމަވާފައިވާ ކަމަށެވެ. އަދި، ރަށްރަށުގައި ކުދި މަސް ޕްލާންޓް ޤާއިމުކުރުމަށް ބޭނުންވާ ވަސީލަތްތައް ތަޢާރަފްކުރުމަކީ ވެސް، މި ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“މި ސަރުކާރުގެ އަމާޒަކީ، މިފްކޯއަކީ ފައިދާއާ އެކު ހިނގާ ކުންފުންޏަކަށް ބަދަލުކުރުން. އަޅުގަނޑުމެން މިހާރު މި ދަނީ އެކަމުގެ މަޝްވަރާތައް ކުރަމުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި، މިފްކޯއަކީ ފައިދާވާ ކުންފުންޏެއް ކަމުގައި އަޅުގަނޑުމެންނަށް ހެދޭނެ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.