English Edition
Dhivehi Edition

މަގުތަކުގެ ހާލަތު ރަނގަޅުކޮށް، ހިނގާބިނގާވެ އުޅުމަށާއި ދުއްވާތަކެއްޗަށް ފަސޭހަތަނެއްގެ ގޮތުގައި މާލޭގެ މަގުތައް ހަދައިދިނުމަކީ މިސަރުކާރުން ވެފައިވާ ވައުދެކެވެ. އަދި އެކަމާއި ގުޅިގެން މިވަގުތު އެންމެ ހާލަތު ގޯސްވެފައިވާ މާލޭގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށްޓަކައި “ޖަޒީރާ ހޮޅުއަށި” ނަމުގައި ދާދި ފަހުން މާލޭގައި ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. އެބައްދަލުވުމުގެ ބައިވެރިންވެސް ވަރަށް ގިނަ ޚިޔާލުތައް ފާޅުކުރެއްވިއެވެ.

މާލޭގެ މަގުތަކުގެ ހާލަތު މާލޭގައި ދިރިއުޅޭ މީހުންނަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. މަގުތައް ވަނީ ދުއްވާ އެއްޗެހިން ފުރި ބާރުވެފައެވެ. ދުއްވާ އެއްޗެހި ދުއްވުމުގައި ޓްރެފިކް ގަވާއިދަކަށް ނުވަތަ ތިމާއާއި އެހެންމީހުންގެ ސަލާމަތައް ބެލުމެއް ނެތެވެ. އޭގެ ސަބަބުން ގަވާއިދުން ދުއްވާ މީހުންނަށްވެސް ރައްކާތެރިކަމެއް ނެތެވެ. ދެން ދުއްވާއެއްޗެހި ޕާކްކޮށްލަން ބަލައިލާއިރު ޕާކްކޮށްލާނެ ތަނެއް ނުހުރެއެވެ. މަގުތަކުގައި ޕާކުކުރުމަށް ކަނޑައަޅާފައިވާ ތަންތަން ފުރިގެން ދުވާރުތައް ވަށައިގެންވެސް ހުންނަނީ ޕާކުކޮށްފައެވެ.

ދުއްވާއެއްޗެހީގައި އުޅޭމީހުންގެ ހާލަތު ފެނިފައި ބައެއް މީހުންނަށް ހީވެފައި އޮންނަނީ ހިނގާފައި އުޅުން ފަސޭހަވާނެ ކަމަށެވެ. ނަމަވެސް މާލޭގެ މަގުތަކުގައި ހިނގަން ހަދާފައި ހުންނަ ދުވާރުތަކުގައި މިހުންނަނީ ދެތިން ފޫޓެއްހައި ފުޅާމިނެވެ. ގެތަކުގެ އޭސީތަކުންނާއި އެނޫންވެސް ގޮތްގޮތުން ބޭރުވާ ފެންތައް ހުންނަނީ މަގުމައްޗަށް ފަހިކޮށްލާފައެވެ. ނުވިތާކަށް ބޭރުކޮށްލާ ކުނިތައްވެސް ހުންނަނީ ދުވާރު މައްޗަށް އުކާލާފައެވެ. ގުރޫޕު ގުރޫޕަށް ބޭރުމީހުންނާއި ދިވެހިންވެސް ރައްޓެހިންނާއި ވާހަކަދައްކަން މަޑުކޮށްލައިގެން ތިބެނީ ދުވާރުމަތީގައެވެ. އެފަދަ ހާލެއްގައި ގޮސް މަގު ހުރަސްކޮށްލަން ބަލައިލާއިރު ދުވާރު ވަށައިގެން ޕާކްކޮށްފައި ހުރުމުގެ ސަބަބުން މަގު ހުރަސްކުރެވޭކަށް ނޯވެއެވެ. ދެން ކޮންމެވެސް ދޭތެރެއަކުން ދެމިގަނެގުން ނިކުންނަން މިޖެހެނީ މަގުމެދަށެވެ. ހުރަސްކުރާނެ މަގުހުރަސް ތަކެއް ގިނަ މަގުތަކުގައި ނުހުރެއެވެ. ޓްރެފިކް ލައިޓެއްހައި ހިސާބުވެސް ނެތުމުން ހުރިވަރު ދައްކާލާފައި އެއްޗެހިތައް ދުއްވާނެއެވެ. މަގުހުރަސްކޮށްލަން ކިތަންމެ އިރަކު މަޑުކޮށްލައިގެން ހުއްޓަސް ޖާގައެއް ނުލިބޭނެއެވެ. ބިރުކަނޑާލާފައި ކޮންމެގޮތެއް ވިޔަސް ވަރިހަމަކޮށްލައިގެން މަގުމެދަށް ނިކުމެގެން މެނުވީ މަގު ހުރަސްކުރެވެން ނޯވެއެވެ. މިބަލައިލެވުނީ މާލޭގެ މަގުތަކުގެ ހާލަތުގެ ވަރަށް ކުޑަ މިންވަރެކެވެ.

އެހެންކަމުން މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅު ކުރާނަމަ އިޚްލާސްތެރިކަމާއި އެކު ދާއިމީ ހައްލެއް ގެނެވޭނެ ވިސްނުމެއް ބޭނުންވެއެވެ. އަދި މާލެއިން މިސާލުނަގައިގެން ރާއްޖޭގެ އެހެން ރަށްތަކުގެ މަގުތަކުގެ ހާލަތުވެސް މާލޭގެ ހާލަތަށް ނުދަނީސް ދުރާލައި ކަންކަން އިންތިޒާމުކުރެވިފައި ހުންނަންޖެހެއެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންކަން ބަޔާންކޮށްލާނަމެވެ.

ވަގުތީ ހައްލުތައް

  • ޓްރެފިކް ފްލޯއަށް ބަދަލު ގެނައުން

ޓްރެފިކް ފްލޯއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ރަނގަޅަށް ބަލައި ދިރާސާކޮށް ބާރުބޮޑުވާ މަގުތަކާއި ގަޑިތައް ބަލައި އެއްކޮޅަށާއި ދެކޮޅަށް ދުއްވަންޖެހޭ މަގުތައް ކަނޑައަޅަންޖެހެއެވެ. އަދި ބަންދުކޮށްފައި ހުރި މަގުތައް ހުޅުވަންޖެހޭނަމަ ހުޅުވުމާއި މަގުގެ ދެފަޅީގައި ޕާކްކުރެވޭގޮތަށް ހުރިމަގުތައް ވެސް އިތުރަށް ރިވިއު ކުރަންޖެހެއެވެ. އަދި ޕާކްކުރުމުގައި ދުވާރުގެ ވަށައިގެން ޕާކުނުކުރެވޭނެހެން ހަދަންޖެހެއެވެ.

  • ޕާކުކުރާނެ އިންތިޒާމްތައް ހަމަޖެއްސުން

މާލޭގެ މަގުތަކުން ޕާކިންއަށް ދޫކުރެވެން ހުރި ތަންތަން އިތުރަށް ބަލައި ޕާކިންއަށް ތަންތަން ކަނޑައަޅައި އާއްމުކުރަންޖެހެއެވެ.

  • ޓްރެފިކް ލައިޓްތަކާއި މަގުހުރަސްތައް ބޭނުންކުރުން

ޓްރެފިކް ލައިޓްތައް ހަރުކުރަންޖެހޭ ތަންތަން ބަލައި ޓްރެފިކް ލައިޓް ހަރުކުރުމާއި މަގުހުރަސް ކުރާ މީހުންނަށް މަގުހުރަސް ކުރާނޭ ތަންތަން ކަނޑައަޅަން ޖެހެއެވެ

  • ޓްރެފިކް ގާވާއިދުތައް ފުރިހަމައަށް ހިންގުން

މަގުމަތީގައި ދުއްވާއެއްޗެހި ދުއްވާ މީހުންނަކީ ލައިސަންސް އޮންނަ މީހުންތޯ ބަލައި ދުއްވާއެއްޗެހި ދުއްވަނީ ހެދިފައިހުރި ގަވާއިދާއި އެއްގޮތަށްތޯ ބެލުމާއި ގަވާއިދާއި ޚިލާފުވާ މީހުންނާއި މެދު ފިޔަވަޅުއަޅަންޖެހެއެވެ.

  • މަގުމަތީގެ ގަވާއިދުތައް ފުރިހަމައަށް ހިންގުން

މަގުމަތީގައި އެއްޗެހި ބެހެއްޓުމާއި މަގުމައްޗަށް ފެންފަހިކުރުމާއި މަގުމަތީގެ ސާފުތާހިރުކަމަށްޓަކައި ހެދިފައިހުރި ގަވާއިދުތަކަށް އަމަލުކުރޭތޯބަލައި އެފަދަ ގަވާއިދުތަކާއި ޚިލާފުވާ ފަރާތްތަކައި މެދު ފިޔަވަޅުއަޅަންޖެހެއެވެ.

ދާއިމީ ހައްލުތައް

  • ޕަބްލިކް ޓްރާސްޕޯޓް ތައާރަފްކޮށް އެއަށް އަހުލުވެރި ކުރުވުން

އެކަށީގެންވާ ފެންވަރެއްގައި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އަދި އެފަދަ ނިޒާމެއްގެ ބޭނުންހިފަން ރައްޔިތުންގެ ޖީބުން ކުރަންޖެހޭ ޚަރަދު ލުއިވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެފަދަ ޚިދުމަތަކައް ކުރަންޖެހޭ ޚަރަދުތައް ކުޑަކުރުމަށްޓަކައި އެމަސައްކަތް ހަވާލުކުރާ ފަރާތުގެ ގާބިލުކަން ބަލައި އެފަރާތުގެ ޚަރަދުތައް ދެކޮޅުޖެއްސުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ވިޔަފާރިތައް ތަރައްގީކުރެވޭނެ ފަދަ ވަސީލަތްތައް ސަރުކާރުން ހަމަޖައްސައިދިނުމަކީ ކުރެވިދާނެ ކަމެކެވެ.

  • ދުއްވާ އެއްޗެހިން ނަގާ ޓެކްސް އާއި ފީތައް ރިވިއުކުރުން

ދުނިޔޭގެ އެހެން ގައުމުތަކުގައި އަމިއްލަ އުޅަނދުތަކުން ސަރުކާރަށް ނަގާ އެކިއެކި ފީތަކާއި ޓެކްސްތައް ޕަބްލިކް ޓްރާންސްޕޯޓަށް ބޭނުންކުރާ ވެހިކަލްތަކައް ވުރެ ބޮޑެވެ. އޭގެ ބޭނުމަކީ ޕަބްލިކް ދަތުރުފަތުރުގެ ނިޒާމުގެ އަގުހެޔޮކުރުމާއި އެޚިދުމަތް ބޭނުންކުރުމަށް ހިތްވަރު ދިނުމެވެ. އެހެން ނޫނަސް އަމިއްލައަށް މުދާ ގަންނާނީ އެފަދަ މުދާ ގަނެ ސަރުކާރަށް ދައްކަންޖެހޭ ޓެކްސްތައް ދެއްކޭނޭ ފެންވަރުގެ ތަނަވަސް މީހުންކަމަށް ނޫނީ ނުވާނެއެވެ. ވުމާއެކު ރާއްޖޭގައި ވެސް މިކަމާއި މެދު ވިސްނައި ގެންނަންޖެހޭ ޤާނޫނީ ބަދަލުތައް ގެނައުމަކީ މުހިއްމު ކަމެކެވެ.

  • ވެހިކަލް ރެޖިސްޓްރީކުރުމުގެ ކަންތައްތައް ހަރުދަނާކުރުން

ވެހިކަލް އުފެއްދި ތާރީޚަށްވުރެ ވަކި މުއްދަތަކައްވުރެ ބާވެފައި ހުންނަ ވެހިކަލްތައް ރަޖިސްޓްރީ ނުކުރެވޭގޮތް ހަމަޖެއްސުމާއި ރަޖިސްޓްރީކުރުމަށް ފަހުވެސް އެމުއްދަތު ހަމަވާ ވެހިކަލްތަކުގެ ރަޖިސްޓްރީ ބާޠިލުވާނެގޮތް ހަމަޖެއްސުން މުހިއްމެވެ. އަދި ވެހިކަލްތައް ރަޖިސްޓްރީ ކުރުމުގައި އެރަށަކަށް އެވެހިކަލެއް މުހިއްމުތޯ ބަލައި ވަކި ބާވަތެއްގެ ވެހިކަލްތައް ރަޖިސްޓްރީ ކުރެވޭނެ ލިމިޓެއް ކަނޑައެޅުމަކީވެސް މިހުއްމު ކަމެކެވެ. އަދި ވެހިކަލްތައް ރަޖިސްޓްރީކޮށްދިނުމުގައި އެވެހިކަލެއް ވައްދާނެ ގަރާޖެއްނެތް ގޭގޭގެ މީހުންނަށް ވެހިކަލްތައް ރަޖިސްޓްރީ ނުކުރެވޭނެގޮތް ހަމަޖެއްސުމަކީވެސް މުހިއްމުކަމެކެވެ.

  • ޕަބްލިކް އެވެއާނެސް އިތުރުކުރުން

އާދައާއި ޚިލާފަށް ދުއްވާތަކެތި އިތުރުވުމުން އޭގެ ސަބަބުން މުޖުތަމައުއަށް ކުރާ ނޭދެވޭ އަސަރުތައް ވީހާވެސް ބޮޑަށް ހާމަކޮށް ރައްޔިތުން ހޭލުންތެރިކުރަން ޖެހެއެވެ. އަދި ދުއްވުމުގައި ޢަމަލު ކުރުމަށް ހެދިފައި ހުރި ގަވާއިދުތަކާއި އެއަށް އަމަލުކުރުމުގެ މުހިއްމުކަން އަންގައިދޭންޖެހެއެވެ. މަގުމަތީގެ ސާފުތާހިރުކަމުގެ މުހިއްމުކަމާއި އެކަމަށްވެސް ހެދިފައިހުރި ގަވާއިދުތަކައް އާއްމުން ހޭލުންތެރިކުރުވަންޖެހެއެވެ. ދުއްވާ އެއްޗެހި މަދުކޮށް، ހިނގާބިގާވެއުޅުމުން މުޖުތަމައު އާއި އާއްމު ސިއްހަތަށް ލިބޭ ފައިދާތަކުގެ މައުލޫމާތުވެސް އާއްމުންނަށް ފޯރުކޮށްދިނުން މުހިއްމެވެ. ޤާނޫނެއް ނުވަތަ ޤަވާއިދެއް ފާސްކޮށް ގެޒެޓުކުރެވުމުން ޒިންމާ އަދާކުރެވުނީކަމުގައި ނުދެކި ކަމާއިބެހޭ އިދާރާތަކުން، އެޤާނޫނާއި ޤަވާއިދެއް އެންމެ އާދައިގެ ރައްޔިތުމީހާއަށް ވެސް ދޭހަވާނޭހެން ތިލަކޮށް އޮޅުންފިލުވައިދިނުމަކީ މުހިއްމުކަމެކެވެ.

މިދެންނެވި ކަންކަން ކުރުމަށް ދިވެހި ކޮންމެ ރައްޔިތަކު އައްޔަނުކުރި ނަމަވެސް މަސްލަހަތު ފުށުނާރާ ކަމެއް ނެތިނުދާނެއެވެ. އެހެން ކަމުން އައްޔަނުކުރެވޭ މީހަކު ވާންޖެހެނީ މަސްލަހަތު ފުށުއަރާކަންކަން އެއްކިބާކޮށް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއި އެކު ޤައުމަށް ޚިދުމަތްކުރެވޭނެ ޤާބިލުކަން ހުރި މީހަކަށެވެ. ރައްޔިތުންގެ އުއްމީދަކީ މިސަރުކާރުން ރާއްޖޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅުމަށާއި ދުއްވާތަކެއްޗަށް އަމާންތަނެއްކަމަށް ހައްދަވައިދެއްވުމެވެ.