English Edition
Dhivehi Edition

ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލައި، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި، ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ އެންމެހައި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރުއްވާ ސަޕްލިމެންޓަށް، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

އެމަނިކުފާނުގެ ޚިޠާބުގައި މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ވެފައިވާ އެންމެބޮޑު އެއް ވަޢުދަކީ، ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުންކަން ފާހަގަކުރައްވައި، ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މުދަލާއި ފައިސާ ގެއްލިގެންދާ ދިޔުމަށް ނިމުމެއް ގެނައުމަކީ، މި ސަރުކާރުގެ އެއް އަމާޒުކަމުގައި ވަނީ ވިދާޅުވެފައެވެ.

“ކޮރަޕްޝަންގެ ވަބާ ރާއްޖެއިން ފުހެލެވިގެން ނޫނީ ރައްޔިތުން އެދޭ ތަރައްޤީއާއި ކުރިއެރުން ރައްޔިތުންނަކަށް ހޯދައެއްނުދެވޭނެ. ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޖަވާބުދާރީކުރެވޭނެ ގޮތެއްގެ މަތިން ދެފުށްފެންނަ ގޮތަށް ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ބައްޓަންކުރުން. އަދި، ކަންކަން ކުރުމަށް ކަނޑައެޅިފައިވާ އުސޫލުތައް ލިޔެވި، ޢާންމުކުރެވެންޖެހޭނެ. ސަރުކާރުގެ މުވައްޒަފުންނާއި، އެކިއެކި ޒިންމާތަކާއި މަސްއޫލިއްޔަތު ހަވާލުވެފައިވާ ވެރިންނާއި، އަދި ވަޒީރުންނަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ނަޒާހަތްތެރި ބަޔަކަށްވާންޖެހޭނެ” ކަމުގައިވެސް މި ޚިޠާބުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ގެއްލިފައިވާ ފައިސާއާއި، ގެއްލިފައިވާ ޙައްޤުތައް އަނބުރާ އިޢާދަކޮށްދިނުމަކީ މި ސަރުކާރުގެ އެއް އަމާޒުކަމަށާއި، މިއަދު ޢަޒުމް ކަނޑައަޅަންވީ ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ކޮރަޕްޝަންގެ ޙާލަތު ރަނގަޅުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ. އަދި، ކޮރަޕްޝަންގެ ޙާލަތު ރަނގަޅު ކުރުމަކީ ރާއްޖެއާމެދު އިންވެސްޓަރުންގެ ޝައުޤުވެރިކަން އިތުރުވެގެންދާނެ ކަމެއްކަމަށާއި، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވައި، ރާއްޖޭގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ އިދާރާތަކަށް މި ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ދެއްވާފައިވެއެވެ.