English Edition
Dhivehi Edition

ދުނިޔޭގެ ސިވިލް އޭވިއޭޝަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު އައިޝާ ދެއްވި ހިތޯބުގައި ވިދާޅުވީ، ވައިގެ ދަތުރުފަތުރުގެ ދާއިރާ ރަނގަޅުކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގަވާއިދުތަކުގެ ތެރެއިން މަސައްކަތް ކުރުން އާދައަކަށް ހަދަންޖެހޭ ކަމަށެވެ.

އުސޫލުތަކުގެ ތެރެއިން ކަންކަން ކުރުމުގެ ފުރުސަތު ކޮންމެ ފަރާތަކަށް ވެސް އޮންނަ އިރު، ނުފޫޒުގެ ބޭނުންކޮށްގެން ކަންކަން ކުރަން ހިފާހިފުން މުޅިން ނައްތާލަންޖެހިފައިވާ ކަމަށް އައިޝާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، މިކަންކަން ރަނގަޅު ކުރުމަށް މި ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރާނެ ކަމުގައެވެ. އޭވިއޭޝަން ދާއިރާ ތަރައްގީ ކުރުމަށްޓަކައި ޑޮމެސްޓިކް އެއާޕޯޓްތައް ނަފާވާ ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މިހާޜު މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ. ގިނަ އެއާޕޯޓްތައް އިތުރުކޮށް، ދާއިރާގެ ހިނގުން ހަރުދަނާ ހިދުމަތްތަކަކަށް ފުރިހަމަވެގެންދާނީ އޭރުން ކަމުގައި ވެސް ވިދާޅުވި އެވެ.

“ކުރިއަށް އޮތް ދުވަސްތަކުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީން ސްޓްރެޓެޖިކް ޕޮލިސީތަކާއި ޕްލޭންތައް ތައާރަފްކުރެވިގެންދާނެ. މި މަސައްކަތްތައް އޮތޯރިޓީން ކުރަމުންގެންދާނީ ސިނާއަތުގެ ބައިވެރިންގެ މަޝްވަރާއާ ހިޔާލު ހޯދައިގެންނެވެ،” އައިޝާ ވިދާޅުވި އެވެ.

މި ސަރުކާރުގެ 100 ދުވަހުގެ ތެރޭ އޭވިއޭޝަން ދާއިރާއާ ގުޅުންހުރި ބައެއް ވައުދުތައް ފާހަގަކޮށް އެކަންކަން އެ މުއްދަތުގެ ތެރޭގައި ކޮށް ނިންމަވާނެ ކަމުގެ ޔަގީންކަން އައިޝާ ދެއްވިއެވެ. އެގޮތުން އެއާޕޯޓް، ހުޅުމާލެ ފެރީގެ ހިދުމަތް އެހެން ސަރަހައްދަކަށް ބަދަލުކޮށް، އެއާޕޯޓް މުވައްޒަފުންނަށް ހާއްސަ ޕާކިން އޭރިއާއެއް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ގާއިމްކޮށް ނިންމާނެ ކަމަށް ވެސް މިނިސްޓަރ ދެއްވިއެވެ.

މީގެއިތުރުން ވެލާނާ އިންޓަނޭޝަން އެއާޕޯޓް ތަރައްގީކުރުމަށް މިހާރު ކުރިއަށްދާ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމައި ހިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ. ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީކުރުމަށްޓަކައި މިހާރު ހިދުމަތްދޭ 12 އެއާޕޯޓްގެ އިތުރުން އެއާޕޯޓްތައް އެޅުމުގެ މުހިއްމުކަން މިނިސްޓަރު ފާހަގަކުރައްވާފައި ވެއެވެ.