English Edition
Dhivehi Edition

މާލެއަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާއިރު ފުޓްބޯޅަ ދަނޑުތަކުގައި އާދަޔާ ހިލާފަށް ފެންބޮޑުވެ، ތިން ވަނަ ޑިވިޒަންގައި ބުދަ ދުވަހު ކުޅެން އޮތް މެޗުތައް ކެންސަލްކޮށްފިއެވެ.

ބޯކޮން ވެހެންމުންދިޔަ ވާރޭގައި މާލޭގެ ކުޅިވަރު ކުޅޭ ސަރަހައްދުތަކަށް ވީސްޕޯޓްސް ޓީމުން ދިޔައިރު އެއްމެ ބޮޑަށް ފެންބޮޑުވެފައި ވަނީ ޓާފް ދަނޑުތަކުގައެވެ. އެގޮތުން އެފްއޭއެމްގެ އެއްނަމްބަރު ޓާފް ދަނޑާއި ދެ ނަމްބަރު ދަނޑުގެ އިތުރުން މިނީ ޓާފް ދަނޑު ވެސް ވަނީ އެކީ ފެންބޮޑުވެފައެވެ. ޓާފްގެ އަޑިން ފެން ހެދުމުގެ ސަބަބުން ޓާފް އޮތީ ވައިހެދި މައްޗަށް އަރާފައެވެ. މީގެ އިތުރުން ހެންވޭރު ދަނޑާއި ގަލޮޅު ދަނޑުގައި ވެސް ފެން ހެދިފައި އޮތް އިރު ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ފާހަގައެއް ނުކުރެވެއެވެ.

ޓާފް ދަނޑުގައި ފެން ބޮޑުވުމާއި ގުޅޭ ގޮތުން އެފްއޭއެމްގެ ޖެނަރަލް ސެކްޓަރީ ހުސައިން ޖަވާޒް ވިދާޅުވީ މިއަދު ޓާފް ދަނޑުގައި ފެންބޮޑުވެފައިވާ ވަރަށް މީގެ ކުރިން ފެންގަނޑު ބޮޑުނުވާ ކަމަށާއި އެހެން ނަމަވެސް ޓާފަށް ބޮޑުގެއްލުމެއް ލިބިފައިވާކަން ފާހަގަ ނުކުރެވޭ ކަމަށެވެ. ޓާފަށް ގެއްލުމެއް ލިބޭތޯ އެފްއޭއެމް ބަލަމުންދާ ކަމަށާއި މިހާރު އޮތް ގޮތައް ފެންގަނޑު ހިނދިއްޖެ ނަމަ ބޮޑު ގެއްލުމެއް ވާނެކަމަށް ނުބެލެވޭ ކަމަށް ޖަވާޒް ވިދާޅުވިއެވެ.

މާލޭގައި ގިނަ ކުޅިވަރުތައް ކުޅެމުންދާ ސްޓޭޑިމް ސަރަހައްދައް ވިއްސާރައިގެ އަސަރުބޮޑަށްކޮށްފައިވާއިރު ކްރިކެޓް ދަނޑު ވަށައިގެން ހިމެނޭ ސަރަހައްދު އެކީ ވަނީ ފެންބޮޑުވެ، ކަސްރަތު ކުރާ ފަރާތްތަކަށް ވެސް ބޭނުން ނުކުރެވޭ ވަރަށް ފެންބޮޑުވެފައެވެ. އެކުވެނީގެ ބެޑްމިންޓަން ހޯލަށް ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވެފައިނުވާއިރު ހޯލްގެ ބަޔެއް ސަރަހައްދުތަކަށް ވާރޭ ވެހިފައިވާކަން ފާހަގަ ކުރެވިގެންދިޔަ އެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ ހޯލްތެރެއަށް ވިއްސާރައިގެ އަސަރުކޮށްފައި ވީ ނަމަވެސް އެއީ ބޮޑު ގެއްލުމެއް ނޫން ކަމަށެވެ.

ގިނަ ކުޅިވަރުތަކެއް ކުޅެމުންދާ ސޯޝަލް ސެންޓަރުގެ އިންޑޯއަށް ބަލާއިރު ވިއްސާރައިގެ އަސަރު ނުކުރާކަން ފާހަގަ ކުރެވެއެވެ. އާދައިގެ މަތިން ވިއްސާރަ ދުވަހެއް ނަމަވެސް ކުޅުންތެރިން ދިޔައީ ސޯޝަލްގައި ފަރިތަކުންތައް ކުރިޔަށްގެންދަމުންނެވެ.