English Edition
Dhivehi Edition

އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީ (ޑަބްލިޔުޑީސީ) ތިންވަނަ ދައުރުގެ ރައީސާއަކަށް ސ.ހިތަދޫ ޖަބްރާނުގެ އައިޝަތު ނަދާ އަދި ކޮމެޓީގެ ނައިބް ރައީސާއަށް ހިތަދޫ ވައިޓްޓާން އާމިނަތު ޝިހާބު ހޮވައިފިއެވެ.

ޑަބުލިޔުޑީސީގެ 3 ވަނަ ދައުރުގެ ހިންގާ ކޮމެޓީއަށް ނަދާ ހޮވިފައިވަނީ ހިތަދޫ އުތުރުދާއިރާއިންނެވެ. އަދި އާމިނަތު ޝިހާބު ހޮވިފައިވަނީ ހިތަދޫ ދެކުނު ދާއިރާއިންނެވެ.

ތިންވަނަ ދައުރުގެ ރައީސާކަމަށް ނަދާ ހޮވިފައިވަނީ މިއަދު ކުރިއަށްދިޔަ ތިންވަނަ ދައުރުގެ ފުރަތަމަ ބައްދަލުވުމުގައި އަންހެނުންގެ ކޮމެޓީއަށް ރައީސާއަކު ހޮވުމަށް ބޭއްވި އިންތިހާބުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އާމިނަތު ހަފީޒާ އާއި މަރަދޫ މެމްބަރު ޝަފްގާ ޝަފީގު އާއި ވާދަކޮށް 3 ވޯޓުންނެވެ.

ޑަބްލިޔުޑީސީގެ 3ވަނަ ދައުރަށް ހޮވިފައިވާ މެމްބަރުންނަކީ:

ހިތަދޫ އުތުރު ދާއިރާ- އައިޝަތު ނަދާ/ ޖަބްރާނުގެ ސ.ހިތަދޫ

ހިތަދޫ މެދު ދާއިރާ- އައިޝަތު ހަފީޒާ /ބޯޅަދަޑިގެ ސ.ހިތަދޫ

ހިތަދޫ ދެކުނު ދާއިރާ- އާމިނަތު ޝިހާބު/ ވައިޓްޓާން ސ.ހިތަދޫ

އައްޑޫ މަރަދޫ ދާއިރާ- ޝަފްގާ ޝަފީގު/ މަހިނޫރު ސ.މަރަދޫ

އައްޑޫފޭދޫ ދާއިރާ- ހައްވާ ޒާހިރާ/ މުބޭލީވިލާ. ސ.ފޭދޫ

އައްޑޫ މީދޫ ދާއިރާ- އާމިނަތު ޚާލިޞާ/ކަނީރުމާވާދީ ސ.މީދޫ

އައްޑޫ ހުޅުދޫ ދާއިރާ- ޝާމާ އިބްރާހިމް/ މޫންލައިޓްގެ ސ.މީދޫ

މިކޮމިޓީގެ މަގްސަދަކީ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލްތަކުގައި ހިމެނޭ އަވަށްތަކުގެ ތަރައްގީއަށް ކުރާމަސައްކަތްތަކަށް ލަފައާއި މަޝްވަރާ ދިނުމާއި، އަންހެނުންގެ ތަރައްގީއަށާއި ކުރިއެރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ރާވައި ހިންގުމެވެ.

ޑަބުލިޔުޑީސީގެ 3 ވަނަ ދައުރުގެ އިފްތިތާޙީ ޖަލްސާ ބާއްވާފައިވަނީ ރޭ އެކަމަށްޓަކައި ޚާއްޞަކޮށްގެން ޝަރަފުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެ ވެ.