English Edition
Dhivehi Edition

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދިރިއުޅޭ، މާލެއާއި ހުޅުމާލޭގެ ގޭގެއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅުވައިގެން، ނައިބްރައީސް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ “ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް” ފާހަގަ ކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރެއްވި ޒިޔާރަތެކެވެ.

މި ޒިޔާރަތުގައި ނާއިބްރައީސް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ދިރިއުޅޭ ގެތަކަށް ޒިޔާރަތްކުރައްވާ، އެފަދަ މީހުންނާއި، އެމީހުން ބަލަހައްޓާ ފަރާތްތަކާ ބައްދަލުކުރައްވާ ހާލު އޮޅުންފިލުއްވާފައެވެ. އެގޮތުން އެމީހުންނަށް ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި، ބޭސް ފަރުވާއާއި، ބޭނުންވާ ތަފާތު ތެރެޕީތައް ހޯދުމުގައި ހުރި ދަތިތައްވެސް އޮޅުންފިލުއްވާފައިވެއެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަންހުރި މީހުންނާއި ކުދިންގެ އުނގެނުމުގެ ޙާލަތު ބައްލަވާ ލައްވާ، މުޖުތަމަޢުގައި ފުރިހަމަ ރައްކާތެރިކަމާއި ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމާ ގުޅޭގޮތުންވެސް ނާއިބްރައީސް ވަނީ އެފަރާތްތަކާ ވާހަކަފުޅު ދައްކަވާފައެވެ.

އަދި މުޖުތަމަޢުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަތް ހުރި ފުރުޞަތުތައް މިހާރަށްވުރެ ފުޅާކޮށް، ފުޅާ ދާއިރާއެއްގައި އާސަންދައިން ބޭސް ފަރުވާ ލިބޭނެ ނިޒާމާއި، އެފަދަ ފަރާތަތްކަށްދޭ ތެރެޕީ އިތުރު ކުރުމާއި، ވަޒީފާގެ ފުރުޞަތުތަކާ ބެހޭ ގޮތުންވެސް ނާއިބްރައީސް ވަނީ ބެލެނެވެރިންނާއި ވާހަކަ ދައްކަވާފައެވެ.