English Edition
Dhivehi Edition

ދެކުނު އެފްރިކާގެ ގައުމީ އެއާލައިންގެ ސީދާ ދަތުރުތައް މިއަދުއައްޑޫއަށް ފަށައިފި އެވެ.

ދެކުނު އެފްރިކާގެ ޖޮހޮނަސްބަގުން އައްޑޫސިޓީގެ ގަމުގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރަށް ދެކުނު އެފްރިކާގެ ގައުމީ އެއާލައިން ޖެއްސުމުން ފްލައިޓުން ދަތުރުކުރި ފަތުރުވެރިންނަނަށް ގަމުގެ ވައިގެ ބަނދަރުން މަރުހަބާ ދެންނެވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި، ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިންނާއި، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސްވެރިންނާއި، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ)ގެ އިސްވެރިންނާއި، އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް އިސް ބޭފުޅުންނެވެ


.މިރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ ވިދާޅުވީ މިއަދު މިއީ ރާއްޖެއަށް އަދި އައްޑޫއަށް ވެސް ތާރީހީ ދުވަހެއް ކަމަށާއި ދެކުނު އެފްރިކާއިން ރާއްޖެއަށް ދަތުރުތައް ފެށުމަކީ ރައްޔިތުންނަށް ލިބިގެންދާނެ އިތުރު ކުރިއެރުންތަކަކާ ފަސޭހަތަކެއް ކަމަށެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން (އޭއައިއޭ)ގެ އެއް ހިއްސާދާރު އަދި ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ފާހަގަކޮށްލެވޭ ޗަމްޕާ ގުރޫޕްގެ އެއް ހިއްސާދާރު ހުސައިން އަފީފް ވިދާޅުވީ މީގެކުރިން ބޮޑަށް މަސައްކަތް ކުރެވިފައިވަނީ ޔޫރަޕުން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ކަމަށެވެ. ނަމަވެސް މިއަދު ދެކުނު އެފްރިކާ އިން ރާއްޖެއަށް ކުރާ ދަތުރުތައް ފެށުމާ ގުޅިގެން އެފްރިކާގެ މާކެޓް ވެސް ރާއްޖެއަށް ހުޅުވި އެފްރިކާ ބައްރުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެގެންދާނެ ކަމަށެވެ.


އަފީފް ވިދާޅުވީ ދެކުނު އެފްރިކާ އިން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ދެކުނު އެފްރިކާގެ ގައުމީ އެއާލައިނުންވެސް ތައްޔާރީތަކެއް ވެފައިވާ ކަމަށާއި އެމީހުންގެ ވެސް ރަނގަޅު ވިސްނުންތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން މިފެށުނު ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށްވެސް އަފީފް ވަނީ ވިދާޅުވެފަ އެވެ.ދެކުނު އެފްރިކާ އާއި އައްޑޫއާ ދެމެދު ކުރާ ދަތުރުތަކުގައި ބޭނުންކުރަން ހަމަޖެހިފައިވަނީ 300 ޕަސިންޖަރުން އުފުލޭ އެއާބަސް އޭ340ގެ މަތިންދާބޯޓެވެ. އައްޑޫއަށް މިއަދު ފްލައިޓްގައި ވެސް 300 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ހަފްތާއަކު ތިން ދުވަހު މިދަތުރުތައް މިވަގުތު ކުރާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް ދަތުރު ތަކުގެ ޑިމާންޑަށް ބެލުމަށްފަހު އަންނަ އަހަރުން ފެށިގެން މިދަތުރުތައް އިތުރުކުރުމަށްވެސް ވަނީ ނިންމާފަ އެވެ.ދެކުނު އެފްރިކާގެ ފަތުރުވެރިން މީގެކުރިން ރާއްޖެއަށް އަންނަނީ ދުބާއީ މަގުން 16 ގަޑިއިރުގެ ދަތުރެއް ކޮށްފައި ކަމަށްވީ ނަމަވެސް މިއަދު ފެށި ދަތުރުތަކުގެ ސަބަބުން ދެކުނު އެފްރިކާއިން ރާއްޖެއަށް ކުރާ ދަތުރުތައް ހަތް ގަޑިއިރަށް އަވަސް ވެގެންދާނެ އެވެ.