English Edition
Dhivehi Edition

ސަރުކާރުން ސީ ލައިފަށް ދޭން އެއްބަސްވި 12 މިލިއަން ޑޮލަރު ހޯދަން އެ ކުންފުނިން ދައުވާކޮށްފިއެވެ.

ސަރުކާރުން ސީ ލައިފް މޯލްޑިވްސްއާ އެކު ހެދި އެއްބަސްވުން އުވާލި މައްސަލައިގައި ސަރުކާރުން ދޭން އެއްބަސްވި 12 މިލިއަން ޑޮލަރު ދީފައިނުވާތީ އެ ފައިސާ ހޯދަން ސީ ލައިފް ކުންފުނިން ވަނީ ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ. ދައުލަތާ ދެކޮޅަށް ސީ ލައިފް އިން ދައުވާކުރަނީ އެމްޑީޕީގެ ވެރިކަމުގައި 80 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޏަށް ސަރުކާރުން ދިނުމަށް ފަހު، އެ އެއްބަސްވުން 2011 ވަނަ އަހަރު އުވާލުމާއެކު ބަދަލުގެ ގޮތުގައި 12 މިލިއަން ޑޮލަރު ދިނުމަށް ސަރުކާރުން އެއްބަސްވި ނަމަވެސް ސެޓްލްމަންޓް އެއްބަސްވުން ހެދުމަށް ފަހު އެ ފައިސާ ނުދިން މައްސަލައިގައެވެ.

ސީ ލައިފަށް 12 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ. ނަމަވެސް އެރުގެ ސަރުކާރުން ބުނެފައިވަނީ ސެޓްލްމަންޓް އެއްބަސްވުމެއްގައި އެއްވެސް ފަރާތަކާ އެކު ސޮއި ކޮށްފައިނުވާ ކަމަށެވެ.
ސީ ލައިފް އަކީ މީހުން އަތުން އެޑްވާންސަށް ފައިސާ ނެގުމަށް ފަހު، އެޕާޓްމެންޓްތައް ނުނިންމައި އަދި ބައެއް މީހުންނަށް ފައިސާ އަނބުރާ ނުދިން މައްސަލައިގައި ހިމެނޭ ކުންފުންޏެވެ. ސީ ލައިފަށް ދެއްކި ފައިސާތައް އަނބުރާ ހޯދަން ގިނަ ބަޔަކު އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކޮށްފައިވާއިރު، އެ މައްސަލަ މިހާރުވެސް ފުލުހުން ގެންދަނީ ބަލަމުންނެވެ.

ފައިސާ އަނބުރާ ނުދިން މައްސަލާގައި ގިނަ ބަޔަކު އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކުރިއިރު، އެކަމުގައި ހައުސިން ޑިވެލޮޕްމަންޓާއި އިކޮނޮމިކް މިނިސްޓްރީން ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެ އެ ދެ އިދާރާއާ ދެކޮޅަށް ވެސް ބަޔަކު ވަނީ ދައުވާއުފުލާފައެވެ.
ސީ ލައިފްން ބުނާގޮތުގައި ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުން އުވައިލުމުގެ ސަބަބުން އެ ކުންފުންޏަށް 40 މިލިއަން ޑޮލަރުގެ ގެއްލުން އަރާ ކަމަށާއި އެ މަޝްރޫއަށް ސީ ލައިފް އިން ތިން މިލިއަން ޑޮލަރު ޚަރަދުކުރި ކަމަށް ބުނެއެވެ.