އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުގެ ފަޔަރ އެކްސަސައިޒް “ޖައްރާފާ 2018” މާދަމާ ފާށާގޮތަށް ހަމަޖެހިފައި ވާކަމަށް އެސަރވިސްއިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުުވީ، މި އެކްސަސައިޒްގެ މަޤްޞަދަކީ އަލިފާން ނިއްވާ މީހުންނަށް ދެވިފައިވާ ޢިލްމާ، ހުނަރު އަދި ލިބިފައިވާ ވަޞީލަތްތައް ޢަމަލީ މައިދާނުގައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމާއި ދިމާވާ މައްސަލަތައް ހުނަރުވެރި ކަމާއެކު ހައްލުކުރާނެ ގޮތްތައް ފަރިތަކުރުމުގެ އިތުރުން ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސް ކުރެވޭނެގޮތްތައް ފަރިތަ ކުރުމެވެ.
މިއެކްސަސައިޒް އޮތީ، 2018 ނޮވެމްބަރ 29 ވަނަ ދުވަހުގެ 18:00 ން ފެށިގެން 2018 ޑިސެމްބަރު 01 ވަނަ ދުވަހުގެ 18:00 ނިޔަލަށެވެ.
މާދަމާބާއްވާ މި އެކްސަސައިޒަކީ ސިފައިންގެ ޤާނޫނާއި ޤަވާޢިދު ތަކުން ފަޔަރ އެންޑް ރެސްކިޔު ސާރވިސްއަށް މަތިކޮށްފައިވާ ޒިންމާއާއި މަސްޢޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނެ ގޮތްތައް ފަރިތަ ކުރުމަށް ބޭއްވޭ އެކްސަސައިޒްއެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.
މި އެކްސަސައިޒްގައި މާލެ، ހުޅުމާލެ، ވިލިނގިލި، އަދި ތިލަފުށީގެ އިތުރުން މާލެ ކައިރި ކަނޑުގެ ސަރަހައްދުގައި ހިނގާ ރެސްކިއު ހާދިސާތަކުގައި އެމްއެންޑީއެފް ޔުނިޓްތަކާއި ގުޅިގެން މަސައްކަތް ކުރާނެގޮތް ފަރިތަ ކުރެވޭނެެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި މި އެކްސަސައިޒްގައި އުނދަގޫ ތަންތަނުގައި އަލިފާނުގެ ހާދިސާގައި މަސައްކަތްކުރާނެ ގޮތްތަކާ ކަނޑުމަތީގައި ހިނގާ އަލިފާން އަދި ރެސްކިއު ހާދިސާގައި މަސައްކަތްކުރާނެ ގޮތްތަކާ ކެމިކަލް އިންސިޑެންޓުތަކުގައި މަސައްކަތްކުރާނެ ގޮތްތައް ފަރިތަކުރެވޭނެވެ. އަދި މަގުމަތީގެ ހިނގާ ނުރައްކާތެރި ހާދިސާތަކުގައި މީހުންނަށް ލިބޭ ގެއްލުމުގައި ހަރަކާތްތެރިވާނެ ގޮތްތަކާ އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކާ އިމާރާތްތަކުގައި ރޭގަނޑު ހިނގާ އަލިފާނުގެ ހާދިސާތަކާ އަދި ރެސްކިއު ހާދިސާތަކުގައި މަސައްކަތްކުރާނެ ގޮތްތައް ފަރިތަކުރުމަށްވަނީ ހަމަޖެހިފައެވެ.
އެކްސަސައިޒް ޖައްރާފާ ކުރިޔަށް ގެންދަނީ އެމްއެންޑީއެފްގެ ޔުނިޓްތަކުގެ އިތުރުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ އޭޑީކޭ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން މޯލްޑިވްސް ރެޑްކްރެސެންޓްގެ އެހީތެރިކަމާއިއެކުގައި ކަމަށްވެސް އެމް އެން ޑީއެފުން މައުލޫމާތު ދެއްވައެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސަސައިޒްގައި މާލެ، ހުޅުމާލެ، ވިލިނގިލި، އަދި ތިލަފުށީގެ އިތުރުން މާލެ ކައިރި ކަނޑުގެ ސަރަހައްދުގައި ހިނގާ ރެސްކިއު ހާދިސާތަކުގައި އެމްއެންޑީއެފް ޔުނިޓްތަކާއި ގުޅިގެން މަސައްކަތް ކުރާނެގޮތްތައްވެސް ފަރިތަ ކުރާނެއެވެ.