English Edition
Dhivehi Edition

ނޮވެމްބަރ 29 ވަނަ ދުވަހަކީ 2019 ވަނަ އަހަރު އަލަަށް އިންތިޚާބު ކުރެވޭ އަންހެނުންގެ ކޮމެޓީއަށް މެމްބަރުން އައްޔަން ކުރުމަށް ވޯޓުލުމަށް ތައްޔާރުވަމުންދާ މުހިއްމު ދުވަހެކެވެ. އަނެއްކާވެސް އިންތިޚާބެކެވެ. ވޯޓެކެވެ. ނަމަވެސް ގިނަ ބަޔަކަށް ވޯޓުލާ ކަމެއްވެސް ނޭނގެއެވެ. ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަކީ މާ އަހައްމިއްޔަތުކަމެއް ދޭ ކޮމެޓީއެއް ކަމަށް ނުފެންނާތީ ވޯޓާ ނުބެހި ގިނަބަޔަކު ތިބީއެވެ. ނޫންނަމަ އެއީ ވެސް ކޮންމެވެސް ސިޔާސީ ޕާޓީއެއްގެ މިލްކެއް ކަމަށް ދެކި ޕާޓީތަކުން އެކަން ކުރުމަށް ދޫކޮށްލައިގެން ތިބީއެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. މިއީ އެއްވެސް ސިޔާސީ ކުލައެއް އޭގައި ނެތް ، އަންހެނުންގެ ހައްގުގައި ވަކާލާތު ކުރުމުގެ ފުރުސަތު އަންހެނުންނަށް ހޯދައިދެވޭ މުހިއްމު ޕްލެޓްފޯމެއް ކަމެވެ. މި ތަނުގައި ކުރެވޭ މަސައްކަތްތަކަކީ އަންހެނުން ބާރުވެރިކޮށް އެކަނބަލުންނަކީ އިގްތިޞާދީ ފުދުން ތެރި އަދި ހަރުދަނާ ބަޔަކަށް ހެދުމުގެ މަސައްކަތް ތަކެވެ. މި މަސައްކަތް ކުރުމަށް އެންމެ އެކަށީގެންވާ ގާބިލް އަންހެނުން ހޮވަނީ މި ބާއްވާ އިންތިޚާބުންނެވެ.

އާންމުކޮށް ރަށް ރަށުގެ އަންހެނުންގެ ކޮމެޓީތަކުން ފެންނަނީ ހައްތަހާވެސް އެއް މޫނުތަކެކެވެ. އަބަދުވެސް އެއްބަޔެކެވެ. އެކޮމެޓީތަކުގެ ދައުރުނިމިގެން ދާއިރު އަބަދުވެސް ކުރެވިފައި އޮންނަނީ އެއް ކަމެކެވެ. ނަމަވެސް މިފަހަރު އިންތިޚާބު ތަފާތެވެ. ކެމްޕެއިންތައް ވެސް ތަފާތެވެ. މުޖުތަމައަށް އަންނަ ކުރިއެރުމާއި ހޭލުންތެރިކަން މި އިންތިޚާބަށް ވެސް އޮތީ ފޯރާފައެވެ. އެންމެ ޚާއްޞަވެގެންދާ ކަމަކީ އިލްމީ ޒުވާން އަދި ހުނަރުވެރި ކުދިން މި މަގާމުތަކަށް ކުރިމަތިލާން ތައްޔާރަށް ތިބި ކަމެވެ.

އައްޑޫސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މިފަހަރު ކުރިމަތިލާ އެއްކެންޑިޑޭޓް ކަމަށްވާ ހިތަދޫ ޖަބްރާނުގެ އައިޝަތު ނަދާ އަކީ މި ދެންނެވިފަދަ އާ މޫނެކެވެ. އިލްމީ، ޒުވާނެކެވެ. ހިންގުންތެރި މުރާލި ކަނބަލެކެވެ. އަންހެނުންގެ ކޮމެޓީގެ ގޮނޑިއަށް ވާދަކޮށް ކޮމެޓީގައި މަސައްކަތް ކުރުމަށް ނަދާ ބޭނުންވީ އަންހެނުންގެ ކޮމެޓީ ހަރުދަނާކޮށް ހިންގުމުގެ މަތިވެރި ވިސްނުމާއެކުގައެވެ. އައްޑޫސިޓީގެ އަންހެނުންގެ ކޮމެޓީ އަކީ ޒަމާނާ ގުޅޭ އުފެއްދުންތެރި ގޮތެއްގައި މަސައްކަތް ކުރެވޭ ތަނެއްގެ ގޮތުގައި ހެދުމުގެ މަގްޞަދުގައެވެ.

ޝަންގްރިއްލާ ރިސޯޓުގެ އެފްއެންޑްބީ ގެ ސިނިއަރ މަގާމެއްގައި މަސައްކަތް ކުރަމުންދާ ނަދާގެ ޚިޔާލު ވަރަށް މުއްސަންޖެވެ.

“އަންހެނުންގެ ކޮމެޓީން މީހުންގެ ސްކިލް ތަރައްގީކޮށް މަސައްކަތް ކުރާއިރު އެމަސައްކަތުން ނަފާ ހޯދި ކުރިއަށް ދާނެ ފަސޭހަގޮތްތައް ސިޓީގައި އެބަހުރި. އައްޑޫގައި ހުޅުވާފައި ހުރި ރިސޯޓުތަކުން އެފަދަ މީހުންނަށް ފުރުސަތު ހޯދައިދީ އިންކަމް ޖެނެރޭޓް ކުރާނެ މަގު ފަހިކޮށްދެވެން އެބައޮތް. ތަފާތު އެކިވައްތަރުގެ ސުވެނިއަސް ހަދާފައި ވިއްކޭނެ ފުރުސަތު ހޯދައިދެވޭނެ. އެފަދަ މަސައްކަތް ކުރާ މީހުންނަށް ފުރުސަތުތައް ހޯދައިދޭން މިޖެހެނީ. އަންހެނުން ތަރައްގީ ކުރުމަށް އޮތް ޕްެލެޓްފޯމްގައި މަސައްކަތް ކޮށް އެފަދަ މަސައްކަތްކުރާ ހުނަރުވެރި މީހުން ބާރުވެރިކުރުވަން ޖެހެނީ” ނަދާ ކިޔައިދިނެވެ.”

“މި މުޖުތަމައުގައި އިޖްތިމާއީ ގުޅުމާއި އަމިއްލަވަންތަ ކަން ނެތިގެން މިދަނީ. ދެމީހަކު އެއްވިޔަސް މުޅިންވެސް ސިޔާސީ. ކޮންމެ ކަމެއްވެސް އޮންނަނީ ސިޔާސީ މިންގަނޑުގައި. ސިޔާސީ ގޮތުގައި . ސިޔާސީ ކަންކަމުން ބޭރުން ވެސް ކުރެވެން ހުރި ގިނަ މަސައްކަތްތަކެއް އެބަހުރި. އަލަށް ކިޔަވައިގެން ނިކުންނަ ކުއްޖަކަށް ވެސް އަމިއްލަ ޚިޔާލުވެސް ފާޅުކުރެވޭކަށް ނޯވޭ. އެފަދަ ޚިޔާލުތަކަކަށް ސިޔާސީ މީޙުން ސަޕޯޓެއް ނުކުރޭ. އޭގެ ބަދަލުގައި ތައުލީމީ ކުދިން ކުރިއެރުމަށް ފުރުސަތު ދޭން އެބަޖެހޭ. ކެރިގެން ކަންކަމުގައި އުޅެވޭނެ ގޮތް ފަހިކޮށްދޭން އެބަޖެހޭ. ސިޔާސީ ކަންކަމުން ބޭރުގައި ވެސް މުޖުތަމައަށް ފައިދާ ހުރިކަންކަން ކުރުމަށް އެންމެން ނިކުންނަށް ޖެހޭ ކަމަށް ގަބޫލު ކުރަން ” އަލަށް ކިޔަވައިގެން މުޖުތަމައުގެ މަގާމުތަކަށް ނިކުންނަން ބޭނުންވާ ޒުވާނުންނަށް ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން ނަދާ ކިޔައިދެވެ،

ނަދާއަކީ ސްކޫލް ދައުރުގައިވެސް ލީޑަރެކެވެ. މުހިއްބުއްދީން ސްކޫލްގެ ގްރޭޑް 10 ނިންމާލިއިރު އެއަހަރު ސްކޫލުގެ ކެޕްޓަނަކީ ވެސް ހަމަ ނަދާއެވެ. އެއީ ނަދާގެ ލިޑަރޝިޕް ދައްކުވައިދޭ ފުރިހަމަ މިސާލެކެވެ. އޭގެ ފަހުން ހިތަދޫ ސްކޫލްގައި މުދައްރިސާއެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު އެކައުންޓްސް ގެ ދާއިރާއިން މަތީ ތައުލީމު ހޯދުމަށް ނަދާ މާލެ ބަދަލުވީއެވެ.

އެއަށްފަހު ރިސޯޓު ދާއިރާއަށް މިސްރާބު ބަދަލުކުރި ނަދާ، މިހާރު ޝަންގްރިއްލާގައި ވަޒީފާ އަދާކުރަމުން އަދި އެކައުންޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލް ކުރަމުންދާއިރު އަންހެނުންގެ ކޮމެޓީއަށް ހޮވިއްޖެނަމަ ކޮމެޓީގެ މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭނެ ކަމަށް ނަދާ ބުންޏެވެ.

“ރިސޯޓު ވަޒީފާއިން ދުވަސްކޮޅަކަށް ބްރެކް އެއް ނަގަން މިހާރު ނިންމާފައި އޮތީ. އެހެންކަމުން ކޮމެޓީގެ ގޮނޑިއަކަށް ހޮވިއްޖެނަމަ އެކަމަށް ވަގުތު ދެވޭނެ ކަމަށް ގަބޫލު ކުރަން” ނަދާ ބުންޏެވެ.

އަންހެނުންގެ ކޮމެޓީއަކީ ސިޓީ ލެވެލްގައި އަންހެނުންގެ ހައްގުތަކަަށް ވަކާލާތުކުރުމަށް ލިބޭނެ އެންމެ މުހިއްމު ޕްލެޓްފޯމެވެ. ބޭރުގެ ތަފާތު އެންޖީއޯސް ތަކާ ގުޅިގެން އެކްސްޕޯޝަރ ޕްރޮގްރާމުތައް ހިންގައި އެފަދަ ފުރުސަތުތައް އެހެން ކަނބަލުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރެވޭނެ އެންމެ މުހިއްމު އެއް ދާއިރާއެވެ. އެހެންކަމުން ނަދާމެން ފަދަ ތައުލީމީ ޒުވާނުންނަށް މިފަދަ ފުރުސަތުތައް ލިބުމަކީ އާ ޒުވާނުން މިފަދަ އިޖްތިމާއީ މަސައްކަތްތަކަށް ހިތްޖެހޭނެ ފަދަ ކަމެއް ކަން ޔަގީނެވެ.