English Edition
Dhivehi Edition

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު ބޯމަތިވެފައި އޮތް އިރު ގިނަ ބައެއްގެ ސުވާލަކީ މި ކޮމެޓީގެ މަސްއޫލިއްޔަތަކީ ކޮބައިކަމެވެ. މި ކޮމެޓީން ކުރަން ޖެހޭ މަސައްކަތް ތަކާއި ކުރާނެ މަސައްކަތް އަދި ކުރެވޭނެ މަސައްކަތް ތަކަކީ ކޮބައިކަމެވެ. ހަމަ އެއާއެކު މިފަދަ މަސައްކަތްތަކެއް ކުރުމަށް އަންހެނުން ތަމްސީލުކޮށް ލީޑަރޝިޕްގައި މަސައްކަތް ކުރާނެ ގާބިލް މީހެއްގެ ކިބައިގައި ހުންނަން ޖެހޭނީ ކޮންކަހަލަ ސިފަތަކެއް ކަމެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތިލުމުގެ ފެންވަރަކަށް ކަނޑައަޅާފައިވަނީ އަސާސީ ފެންވަރުގެ ޝަރުތެކެވެ. އެކަމަކު ކުރަން ޖެހޭ މަސައްކަތް ޑިޕްލޮމާ ނުވަތަ ޑިގްރީ ފެންވަރުގެ އިލްމީ މީހަކަށް ނޫނީ އެދެވޭ ގޮތުގައި ކުރެވެން ނެތެވެ. އައްޑޫސިޓީއަކީ އިލްމީ، ގާބިލް ގިނަ އަންހެން ދަރިންތަކެއް ތިބި ތަނަކަށް ވާއިރު އެ ކަނބަލުން ތަމްސީލްކޮށް އިސް ސަފުގައި މަސައްކަތް ކުރާ ނަމޫނާ ކަނބަލަކީ ހުށިޔާރު ކަނބަލަކަށް ވާން އެބަ ޖެހެއެވެ. ވިސްނުމާއި ގާބިލް ކަމާއި އިލްމާއި ހިލްމު ހުރި ހިންގުންތެރި މޭސްތިރިއަކަށް ވާން އެބަޖެހެއެވެ.

އައްޑޫސިޓީގެ ހިތަދޫ ދެކުނު ދާއިރާއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ސ.ހިތަދޫ ނޮވެމްބަރުގެ އާމިނަތު އަލީ ނިކުތީ މި އަޒުމާއެކުގައެވެ. ކުރިއަރާފައިވާ މި މުޖުތަމައުގައި މަސައްކަތް ކުރެވޭނެ ފަދަ ގާބިލްކަން ހުރިކަމުގެ ޔަގީންކަމާއެކުގައެވެ. އުނގެނިފައިވާ އެއްޗަކާއި މަސައްކަތުގެ މާހައުލުން ލިބުނު ތަޖުރިބާއާއެކު އައްޑޫސިޓީއަށް ފަހި މުސްތަގުބަލެއް ހޯދައިދީ އަންހެނުން ބާރުވެރިކޮށް މުޖުތަމައުގައި އަންހެނުންގެ އަޑު އުފުލައިދިނުމަށް މަސައްކަތް ކުރުމުގެ މަތިވެރި އަޒުމާއެކުގައެވެ.

އައްޑޫސިޓީގެ ބިޒްނަސް ސެންޓަރ ގެ މެނޭޖަރެއްގެ މަގާމުގައި މަސައްކަތް ކުރަމުންދާ އާންތު އަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ގެ ދާއިރާއިން މާސްޓާސް ހެދުމަށް ފަހު އަމަލީ މައިދާނުގައި މަސައްކަތް ކުރަމުންދާ ހީވާގި ކަނބަލެކެވެ. މީގެ ކުރިން މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގައި ސީނިއާ އެޑްމިނިސްޓްރޭޝަން އޮފިސަރ އެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު މިހާރު ބީޑީއެސްސީގައި މަސައްކަތް ކުރަމުން ދާ އާންތު އަކީ އިޖުތިމާއީ މަސައްކަތް ކުރުމުގެ ޝައުގާއެކު އަލަށް މި ރޮނގުން ކުރި އަރައި އަމިއްލަ ވަޒަނަށް ޚިދުމަތްތަކެއް ކޮށްދިނުމުގެ ޝައުގުގައި ނިކުތް ޒުވާނެކެވެ.

“އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުން އެކިފަހަރުމަތިން ސްކިލް ދަސްކޮށްދޭ ޕްރޮގްރާމު ހިންގަމުން ދާކަން ފާހަގަކޮށްލެވޭ، އެހެނަސް ލިބޭ ސްކިލް އާއެކު އެއިން ނަފާ ހޯދައި މަސައްކަތް ކުރާނެ ގޮތް ފަހިކޮށްދިނުމަކީ ކުރަންޖެހޭކަމެއް. އެކަންކަން ދަސްކޮށްދީ އެ ސްކިލްގެ ސަބަބުން މުޅި ސިޓީއަށް ފައިދާ ވާނެ ގޮތަށް މަސައްކަތް ކުރެވޭނެ ގޮތްގޮތް ހޯދައިދީ މުޖުތަމައު ކުރިއެރުވުމަށް ރަނގަޅު ޕްލޭންތަކެއް ކޮށް އެޕްލޭންތަކުގައި އަމަލީ ގޮތުން މަސައްކަތް ކުރެވެން އެބަޖެހޭ. އިގްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ލިބެން ހުރި ފައިދާ ތަކަކީ ކޮބާތޯ ބަލަން ޖެހޭ. ހަމަ އެކަނި ސްކިލް އެއް ދަސްކޮށްދީފައި ދޫކޮށްލުމަކުން މުޖުތަމައު ކުރިއަރައިގެން ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ” ކޮމެޓީގެ ގޮނޑިއަށް ވާދަކުރަން ނިކުންނައިރު އާންތުގެ ޚިޔާލު ހުރީ މިގޮތަށެވެ.

އާންތު ގަބޫލު ކުރާ ގޮތުގައި ތައުލީމީ ގޮތުން ގާބިލް ޒުވާނުންތަކަކަށް އަންހެނުންގެ ކޮމެޓީގައި މަސައްކަތް ކުރާނެ ފުރުސަތު ލިބިއްޖެނަމަ ސްޓްރެޓަޖިކް ގޮތަކަށް މިކަންތައް ތައް ޕްލޭން ކުރެވި ގިނަ މީހުންނަށް ކަމުގެ ނަފާ ލިބިގެން ދާނެއެވެ.

ބިޒްނަސް ސެންޓަރ ގައި އެތަނުގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އާންތުވަނީ ދާއިރާއިން ގިނަ ބަޔަކަށް ފައިދާހުރި މަސައްކަތްތަކެއް ކޮށްދީފައެވެ. އެގޮތުން ވިޔަފާރީގެ ދާއިރާއިން މީހުން ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމުތަކެއް އާންތުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާއިރު ކޮލެޖްތަކާއި އޮފީސްތަކުގައި ވެސް ބިޒްނަސް ސެންޓަރ އާއި ބެހޭ މައުލޫމާތު ފޯރުކޮށް ދިނުމަށް އާންތުވަނީ މަސައްކަތް ކޮށްފައެވެ. އައްޑޫގެ އިގްތިޞާދީ ޙާލަތު ދެނެގަތުމަށްޓަކައި ދާދިފަހުން އާންތުމެން ތައްޔާރުކުރި އިގްތިޞާދީ ޕްރޮފައިލް އަކީ ވެސް ކުރެވިފައިވާ މުހިއްމު މަސައްކަތެއް ކަމަށް އާންތު ގަބޫލުކުރެއެވެ.

އާންތުމެންފަދަ ގާބިލް ޒުވާނުންނަށް ބޭނުންވަނީ ފުރުސަތެއް ލިބިގެން ދިއުމެވެ. ވަކި ސިޔާސީފިކުރަކަށް ބެލުމެއްނެތި، ތިމާމެންގެ މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި އާ ޒުވާނުންނަށް ފުރުސަތުތައް ލިބިގެން ދިއުމަކީ މިފަދަ ގާބިލް ގިނަ ދަރިންތަކެއް މި ސިޓީން އުފެދި ސިޓީގެ ތަރައްގީއަށް މަސައްކަތް ކުރާތަން ފެނުމަށް މެދުވެރިވާނެ ކަމެއްކަން ޔަގީނެވެ.

 

 

 

2 ކޮމެންޓް
ޗާމްޕާ
ނޮވެމްބަރު 29, 2018
މި ދާއިރާގެ ވޯޓް ލުން ދިޔައީ ރަނގަޅަށް. އެކަމަކު ވޯޓް ގަނެވިއްކިކަން ކަށަވަރުވޭ ހެކިތަކެއް އެބަހުރި. މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކު ފައިސާ ބެހިކަމަށް މަޢުލޫމާތުލިބޭ.. ލަދުވެތިވާންޖެހޭ. ކިޔަވައިގެން ހުރު މޮޅުމީހަކު ނިކުންނާނީ މެނިފެސްޓޯ އަކާއިގެންކަން ރައްޔިތުންނަށް އިނގޭނީ ކޮންދުވަހަކުންބާ؟؟
ނަމްރާ
ނޮވެމްބަރު 28, 2018
އައިންތު އަކީ ހަމަ ފަސްމީރު ކުރި ރުކެއް. މި ކޮމެޓީ އަކީ މުޅި އައްޑޫގެ ހުރިހާ ރައްޔިތުންނަށް އިތުބާރު ކުރެވޭ ބްރޭންޑެއް ކަމުގައި ހަދައި ދޭނެ ކަމާ މެދަކު އެއްވެސް ސައްކެއް ނެތް. ކެރިގެން ކުރިމަތި ލީތީ އައްސަރި ބަހާއި ސާބަސް ރައްދު ކުރަން. މަގޭވޯޓު އައިންތުއަށް.