English Edition
Dhivehi Edition

ރަށުތެރޭގައި، އެއީ ކޮފީއެއް ބޯލަން ރެސްޓޯރަންޓަކަށް ދިޔަކަމުގައިވިޔަސް، ފިހާރަޔަކަށް ދިޔަޔަސް، އޮފީހުގައި މަސައްކަތެއް ކުރަން ހުއްޓަސްވެސް މިހާރު އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވާހަކައެވެ. ކުރިއަށްއޮތް ދައުރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ މުހިންމު އިންތިހާބެއްކަން ގިނަ ރައްޔިތުން ގަބޫލުކުރެއެވެ. އަދި މިފަހަރަކީ ތަފާތުކޮށްލަން ޖެހޭ ފަހަރެއްކަންވެސް ގިނަ ރައްޔިތުން ދެކެއެެވެ. އިހްލާސްތެރި، ނަޒާހަތްތެރި، ތައުލީމީ ގާބިލް މީހުން މަޖިލިހުގެ ގޮނޑިއަށް އިންތިހާބު ކުރަންޖެހޭކަމަށްވެސް ގިނަ ރައްޔިތުންދަނީ ބުނަމުންނެވެ. އަދި އަންހެނުންވެސް މަޖިލީހުގެ ތަޅުމުގައި ތަމްސީލްކުރުމަށް ފުރުސަތުދޭންޖެހޭ ކަމަށްވެސް ވަރަށް ގިނަ ރައްޔިތުންދަނީ ވަކާލާތުކުރަމުންނެވެ.

މިގޮތުން މިފަހަރު، ސ.ހުޅުދޫ ދާއިރާގެ ފުރަތަމަ އަންހެން ކޭންޑިޑޭޓަކީ ވަރަށްވެސް ތަފާތު އަދި ފާހަގަ ކޮށްލެވޭ ކޭންޑިޑޭޓެކެވެ. އައްޑޫސިޓީގެ ހުޅުދޫގެ އާއިލާއަކަށް އުފަން ސަފާތު އަޙްމަދަކީ ސިޔާސީ ދާއިރާގައި ގާބިލް އަންހެން ކަނބަލެކެވެ.

އޭއޯ ނިއުސް އަށް ދެއްވި އިންޓަވިއުގައި ސަފާތު ވިދާޅުވީ، “މަޖްލީހަށް މިކުރިމަތިމިލަނީ ހުޅުދޫ ދާއިރާގެ ރައްޔިތުން އެދިލައްވާގޮތަށް ރަށް ތަރައްގީކުރަން، ކޮރަޕްޝަން ނައްތާލުމަށް، އިންސާފާއި ހަމަހަމަކަން ގާއިމްކުރަން، އިގްތިސާދީގޮތުން ހަމަހަމަ ފުރުސަތުތައް ރައްޔިތުންނަށް ހޯދައިދޭން މަސައްކަތްކުރަން. އިންޝާﷲ، ރައްޔިތުން އަޅުގަނޑަށް ފުރުސަތު ދީފިނަމަ މިކަންތައްތައް ކޮށްދޭނަން އަދި ހުޅުދޫ ދާއިރާގެ އަޑު މަޖިލީހުގެ ތަޅުމުގައި އިއްވައިދޭނަން.” ކަމަށެވެ.

މީގެ އިތުރުންވެސް ސަފާތު ވިދާޅުވީ، އަލަށް ހޮވޭ ،މަޖިލިހަކީ ފާއިތުވެގެންދިޔަ ކަންތައްތައް ތަކުރާރުކުރެވޭ، ރަބަރު ސްޓޭންޕޭއްގެ ގޮތުގައި އަމަލުކުރާ ތަނަކަށް ވެގެން ނުވާނެ ކަމަށެވެ.

” އަޅުގަނޑަށް ރައްޔިތުން ފުރުސަތު ދެއްވައިފިއްޔާ ރަބަރު ސްޓޭންޕޭއްގެ ގޮތުގައި އަމަލެއްނުކުރާނަން، އަޅުގަނޑު މަސައްކަތްކުރާނީ ރައްޔިތުންގެ އިހްސާސްތަކާއި އެއްގޮތަށް. ހުޅުދޫ ދާއިރާގެ ތަރައްގީއަށާއި އަދި މުޅި ރާއްޖޭގެ ތަރައްގީއަށް ޕާޓީންގެ ކަނޑައަޅާ ސިޔާސަތުތައް ހާސިލްކުރަން އަޅުގަނޑު މަސައްކަތްކުރާނަން، އެހެންނަމަވެސް ސަރުކާރުވެސް ހަމަމަގުން ކައްސާލައިފިޔާ އަޅުގަނޑު އަޑު އުފުލާނަން، ވެރިމިހާ ޒިންމަދާރު ކުރުވާނަން، އަޅުގަނޑު އެއްވެސް މީހެއްގެ އަޅަކަށެއް ނުވާނަން، އަޅުގަނޑަކީ ރައްޔިތުންގެ މީހެއް” ސަފާތު ވިދާޅުވިއެވެ.

ސަފާތަކީ އިޖްތިމާއީ ދާއިރާގައި ވަރަށްބޮޑަށް ފާހަގަކޮށްލެވޭ ކަނބަލެކެވެ. އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތު ދެއްވާ ކުއީންސް ޔަންގް ލީޑާޒް އެވޯޑު ހާސިލްކޮށްފައިވާ ސަފާތަކީ މުޖްތަމައުގައި އަންހެނުނާއި ޒުވާނުން ބާރުވެރިކުރުވުމަށް ވަކާލާތު ކުރާ ޒުވާނެކެވެ. އަދި ސަފާތަކީ އިނގިރޭސި ޝާހީ އާއިލާގެ ފަރާތުން ދެއްވާ މި ފަޚުރުވެރި އެވޯޑް ހާސިލް ކުރި އެންމެ ޒުވާން ހަމައެކަނި އަންހެނާއެވެ. 2017 ވަނަ އަހަރު އ.ދ.އިންވަނީ އދ.ގެ ޒުވާން ލީޑަރެއްގެ ގޮތުގައި ސަފާތު ހޮވައި އދ.ގެ ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރުމުގެ ލަނޑުދަނޑީގެ ކަންތައްތައް ހާސިލް ކުރުމަށް ހަމަޖައްސާފައެވެ. ސަފާތަކީ އިދިކޮޅު ސިޔާސީ ހަރަކާތްތަކުންވެސް އާއްމުކޮށް ފެންނަ މޫނެކެވެ.