English Edition
Dhivehi Edition

ދުނިޔޭގެ އެހެން ޤައުމުތަކާއި އެއްގޮތަށް ރާއްޖޭގައިވެސް ރައީސްކަމަށް އުމުރުން ކިތަންމެ ދޮށީވިއަސް ކުރިމަތިލެވޭގޮތަށް ޤާނޫން ފާސްކުރުމާ ގުޅިގެން 65 އަހަރުން މަތީގެ މީހުންނަށްވެސް ވެރިކަމަށް ކުރިމަތި ލުމުގެ ފުރުސަތު މި ވަނީ ހުޅުވިފައެވެ.

މިގޮތުން 65 އަހަރުން މަތީގެ މީހުންނަށް ޤާނޫނުގެ ތެރެއިން ރައީސްކަމަށް ކުރިމަތިލެވޭނެގޮތް ހައްދަވަން ރައްޔިތުންގެ މަޖިލީހަށް ވެއްދެވީ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފްއެވެ.މިގޮތުން މި އިސްލާހަށް ބަހުސް ކުރައްވަމުން އާރިފް ވިދާޅުވީ ޤާނޫނުގައި އޮތް ގޮތް ބަދަލު ކުރަން ނިންމީ މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި ހިނގައިދިޔަ ސިޔާސީ ކަންކަމަށް ބަލާފައި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ. އޭގެ އިތުރުން ދުނިޔޭގެ އެއްވެސް ތަނެއްގައި ވެރިކަން ކުރެވޭނެ އެންމެ މަތީ އުމުރެއް ކަނޑައަޅާފައި ނޯންނަ ކަމަށް ދިރާސާތަކުން ދައްކާތީ ކަމަށް ވެސް އާރިފް ވިދާޅުވިއެވެ.

އެ ބިލު ބަލައިގަންނަން މަޖިލީހުން ފާސް ކުރީ 53 މެންބަރުން ވޯޓުންނެވެ.
ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ނ)ގައި ކުރިން ބުނެފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރު ވުމުންނެވެ. ކުރިމަތި ނުލެވޭނެ ވަކި އުމުރެއް ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް 2015 ވަނަ އަހަރުގައި އެމްޑީޕީގެ ބައެއް މެންބަރުންގެ ތާއީދާއެކު 65 އަހަރުން މަތީ މީހުންނަށް ވާދަ ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރިއެވެ.

މިކަމާ ދެކޮޅަށް ވާހަކަދައްކަމުން އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ވިދާޅުވީ މިވަގުތަކީ ގާނޫނު އަސާސީ ބަދަލު ކުރަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށެވެ.މިގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ގާނޫނު އަސާސީ ބަދަލު ކުރަން ޖެހޭނީ ސިދާ ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ކަމަށާއި ވަކި ލެޖިސްލޭޓިވް އެޖެންޑާއެއްގެ ތެރެއިން ކަމަށެވެ

ވެރިކަމަށް ކުރިމަތިލެވޭ އުމުރަށް ގެނައި މި ބަދަލާއި ގުޅިގެން ގިނަ ބަޔަކު ގާސިމް އިބްރާހީމްގެ ‘ސިއްރު’ އެޖެންޑާއެއްގެ ވާހަކަ ދައްކަމުންދާއިރު މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންވަނީ ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީ އާއި ގުޅިފައެވެ. އެހެންކަމުން ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނަމުންދަނީ މީ ހެޔޮފާލެއް ނޫންކަމުގައެވެ.