ދެކުނު އެފްރިކާގެ ޖޮހަނަސްބާގުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ މަހުގެ ދެވަނަ ދުވަހު ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މައުލޫމަތު ލިބިފައިވާގޮތުގައި ސައުތު އެފްރިކަން އެއާވޭސްގެ ދަތުރުތައް ފެށުމުގެ ގޮތުން އަންނަ މަހުގެ ދެވަނަ ދުވަހު މެންދުރު ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް ބެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވަޒީރުންވެސް ބައިވެރިވެ ވަޑައިގެންނަވާނޭކަމުގެ މައުލުމާތުލިބެއެވެ.
ސައުތު އެފްރިކަން އެއާވޭސް އައްޑޫއަށް ކުރާ ދަތުރުގައި ބޭނުންކުރަނީ އެއާބަސް 340 ގެ ފްލައިޓްތައް ކަމަށް މައުލޫމާތު ލިބެއެވެ. ދަތުރުތައް ރާއްޖެއަށް ކުރަނީ ދެކުނު އެފްރިކާގެ ޓުއާ އޮޕަރޭޓާ ކަމަށްވާ އެއާ ޓުއާ އޮޕަރޭޓަރު (އޭޓީއޯ) އާ ގުޅިގެންނެވެ. މިދަތުރުތަކުގައި ޓޫރިސްޓުން އުފުލުމާއި އެފްރިކާއަކީ ދަނޑުވެރިކަމުގެ ސާމާނު އުފައްދާ ޤައުމަކަށްވުމުން މި އެއާލައިނުން މެދުވެރިކޮށް އައްޑޫގެ ވިޔަފާރިތަކަށް ވެސް މިއީ ހުޅުވިގެންދާނެ ރަނުގެ ފުރުސަތަކަކަށް ވާނެއެވެ.ސައުތު އެފްރިކަން އެއާވޭސްގެ ދަތުރުތައް ފަށާނެކަން ކުރިން އިއުލާނުކޮށްފައިވަނީ ނޮވެމްބަރު 24 ގައެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓަށް، އިންޓަނޭޝަނަލް ޝެޑިއުލް ފްލައިޓްތައް ކުރަނީ ހަމައެކަނި ސްރީލަންކަން އެއާލައިންސްގެ ޝެޑިއުލް ފްލައިޓްތައް އެކަންޏެވެ. ނަމަވެސް ސައުތު އެފްރިކަން އެއާވޭސް އުދުހުންތަކާއެކު އައްޑޫއަށް އުދުހޭ ފަތުރުވެރިންގެ އަދަދު އިތުރުވެ ވަޒީފަގެ ފުރުސަތުތައް އިތުރުވާނެއެވެ.