English Edition
Dhivehi Edition

ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ 14″ ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ

މި އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ޒަޢާމަތުގައި އޭޝިއާގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާކަމަށާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އަމާންކަން ދެމެހެއްޓުމުގައި އަވަށްޓެރި ޤައުމުތަކާއި ގުޅިގެން ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ މި ތަމްރީންތަކުގެ ސަބަބުން ސަރަހައްދުގެ ކަނޑުމަތީގެ ރައްކާތެރިކަމަށް އިތުރު އަމާންކަމެއް ލިބިގެން ދާނެކަމަށެވެ. އަދި އަވަށްޓެރި އިންޑިއާއާއި ސްރީލަންކާ އަދި ދިވެހިރާއްޖޭގެ ކޯސްޓްގާޑްގެ ސިފައިންނަށް ލިބިގެންދާ އިތުރު ތަމްރީނުތަކާއެކު ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމުގައި އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް ޔަގީންކުރައްވާކަމަށެވެ. އަދި ދެމެއްޓެނިވި ގޮތެއްގައި އަވަށްޓެރި ޤައުމުތަކާއެކު އަސްކަރީ ގުޅުން އިތުރަށް ޤާއިމުކުރުމުގެ މަސައްކަތްޕުޅުކުރައްވަމުން ގެންދަވާނެކަމަށް މާރިޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މަރުހަބާއާއި ޝުކުރުދެންނެވުމުގެ ގޮތުން އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުޙައިރު ވެސްވަނީ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން އިންޑިއާ ކޯސްޓްގާޑުގެ ޑައިރެކްޓަރ ޖެނެރަލް، ޑައިރެކްޓަރ ޖެނެރަލް ރަޖެންދްރަ ސިންހް އާއި ސްރީލަންކާ ކޯސްޓްގާޑުގެ ޑައިރެކްޓަރ ޖެނެރަލް، ރިއަރ އެޑްމިރަލް ސަމަންތާ ވިމަލަތުންގެ ވެސް ވަނީ ވާހަކަފުޅު ދައްކަވަފައެވެ.

މި އެކްސަސައިޒް މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މީ ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ޤައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދެނެގަތުމުގެ މަޤްޞަދުގައި ބާއްވާ އެކްސަސައިޒެއްކަމަށް މައުލޫމާތު ލިބެއެވެ. މި އެސްސަސައިޒްގެ އަމަލީ ފަރިތަކުރުންތައް ކުރިއަށްގެންދާނީ މާލެއާއި މާލެ ކައިރި ކަނޑުގެ ސަރަހައްދުގަ ކަމަށްވެއެވެ.

އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފެށި އެކްސަސައިޒެކެވެ. ނަމަވެސް މި އެކްސަސައިޒުގައި ސްރީލަންކާ ބައިވެރިވާން ފަށާފައި ވަނީ 2012 ވަނަ އަހަރުން ފެށިގެނެވެ.”އެކްސަސައިޒް ދޯސްތީ 14″ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފް ކޯސްޓްގާޑާއި، އިންޑިއާ އާއި ސްރީލަންކާ ކޯސްޓްގާޑުގެ ސެއިލަރުން ބައިވެރިވިއެވެ.