English Edition
Dhivehi Edition

ނައިބު ރައީސް ފައިސަލް ނަސީމް ހއ. ދިއްދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިއްދުއަށް ކުރެއްވި މިދަތުރުފުޅަކީ އަމިއްލަ ފަރާތަކުން އިންތިޒާމުކޮށްގެން ދިއްދޫގައި ބޭއްވި ޤުރުއާން މުބާރާތެއްގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރެއްވި ދަތުރުފުޅެކެވެ. މިޖަލްސާގައި ނައިބު ރައީސްގެ އަނބިކަނބަލުން އައިޝަތު ޝަމްސަދާގެ އިތުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެމަނިފާނުގެ ވަފުދައް ހއ. ދިއްދުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ޤުރުއާން މުބާރަތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޤައުމު ތަރައްޤީ ކުރުމަށްޓަކައި ރަނގަޅު ޖީލެއް އުފައްދަން ޖެހޭކަމަށާއި، ކޮންމެ މީހެއްގެ ވާޖިބަކަށް ވާންވާނީ ތުއްތު ކުދިންނަށް ހެޔޮ ގޮތުގައި ތަޢުލީމު ފޯރުކޮށްދީ މާދަމައަށްޓަކައި އެކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވިއެވެ.

ރާއްޖޭގައި މިއޮތް އިސްލާމީ ވަހުދަތު ދެމެހެއްޓުމަށްޓަކައި ދީނީ އެއްބައިވަންތަކަން ޤާއިމުކުރުމަށާއި ދީނީ ވާޖިބުތައް އަދާ ކުރުމަށް ބާރުއެޅުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާނެކަންވެސް ފާހަގަކުރެއްވިއެވެ. އެގޮތުން މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޙައްޖުގެ އަޅުކަންކުރުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތްކުރައްވާނެ ކަމަށާއި، މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ކުރައްވާނެ ކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވިއެވެ..