ކުރީގެ ރައީސް ޔާމީންގެ ޙާރިޖީ ސިޔާސަތުގެ ސަބަބުން ސަރަހައްދުގެ މަސްލަޙަތު އެއްކޮށް ގެއްލުނުކަމަށް ރާައްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.
ފޮރިން މިނިސްޓަރ މިހެން ވިދާޅުވީ އިންޑިޔާގެ މަޝްހޫރު ނޫހެއްކަމަށްވާ “ޓައިމްސް އޮފް އިންޑިޔާ” އަށް ދެއްވި ބަސްދީގަތުމެއްގައެވެ.މި ބަސްދީގަތުމުގައި ޝާހިދު އިތުރަށް ވިދާޅުވެފައިވަނީ އިންޑިޔާ އިން ވަމުން ދިޔައީ ރާއްޖޭގެ ތަރައްޤީގެ މުޙިއްމު ބައިވެރިއަކަށްކަމަށެވެ. އެހެންނަމަވެސް، ކުރީގެ ރައީސް ޔާމީނަށް، ޗައިނާ ފެނިގެން ދިޔައީ ފޯކަލް ޕޮއިންޓެއްގެ ގޮތުގައިކަން އޭނާ ފާހަގަކުރައްވާފައިވެއެވެ. އަދި، ޤައުމުން ގެންގުޅޭ ޚާރިޖީ ސިޔާސަތު ބެލެންސް ކުރަން ޖެހޭކަމަށްވެސް ޝާހިދް ވިދާޅުވިއެވެ.
ޝާހިދް އިތުރަށް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ޒައާމަތުގައި އިންޑިޔާއާ އެކު އޮންނަ ގުޅުންތައް އިތުރަށް ރަނގަޅު ވާނެކަމަށެވެ.މިގޮތުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރު ނިމި އަލަށް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ރައީސް ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްވެސް އިންޑިޔާފެ ބޮޑުވަޒީރު ވަޑައިގެންނެވިއެވެ.
އިންޑިޔާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރާ ބެހޭގޮތުން ޝާހިދު ވިދާޅުވީ ހެލިކޮޕްޓަރު އަނބުރާ ފޮނުވާ ނުލައްވާނެކަމަށެވެ. އަދި، އިންޑިޔާގެ ރައްޔިތުންނަށް ދިމާވެފައިވާ ވިސާގެ މައްސަލަވެސް ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.ކޮމަންވެލްތާ އަލުން ގުޅުމާ ބެހޭގޮތުން ޝާހިދު ވިދާޅުވީ އެއީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަމަށާއި ވަރަށް އަވަހަށް ދިވެހި ރައްޔިތުންނަށް ކޮމަންވެލްތުގެ ފައިދާތައް ލިބެން ފަށާނެކަމަށެވެ.