English Edition
Dhivehi Edition

ޓެކްނޮލްޖީގެ ގޮތުން ދުނިޔެ ކުރި އަރަމުން އަންނައިރު ގައުމުތަކުގެ އިސް ސަފުގައި ޒުވާނުން ތިބުމަކީ ހަމަ ޔަގީނުންވެސް ތަރައްޤީގެ ނާރެހުގައި ލިބިގެންދާނެ ކުރިއެރުމެއްކަން ޔަގީނެވެ. ދިވެހިރާއްޖޭގެ އާބާދީގެ 30 އިންސައްތަ އަށް ވުރެ ގިނަ އަދަދެއް ތަމްސީލުކުރާ ޒުވާނުންނަކީ ތަރައްގީގެ ނާރެހުގައި މުހިއްމު ބައެއްކަން ޔަގީނެވެ. މިގޮތުން ސަރުކާރުގެ އިސްމަގާމު ތަކާއި މަޖިލީހާއި ކައުންސިލް އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ފަދަ މުހިއްމު މަގާމުތަކަށް ޒުވާނުން ކުރިމަތިލާންޖެހެއެވެ

އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު މި މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު މި މަގާމަށް ކުރިމަތިލާ ގިނަ ކެނޑިޑޭޓުންވަނީ މިހާރު އެކަން އިއުލާންވެސް ކޮށްފައެވެ. އެހެންނަމަވެސް އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކަށް ބަލާއިރު މި ކޮމެޓީގެ އިންތިހާބުވެސް މި އޮތީ ވަރަށް ބޮޑަށް ސިޔާސީވެފައެވެ. މިކޮމެޓީއަށް ކުރިމަތިލާން މި ވަގުތު އިއުލާންކޮށްފައިވާ ގިނަ މީހުންނަކީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބްގައި ކެމްޕޭންކުރި ޓީމްތަކުގައި މަސައްކަތްކުރި ޕާޓީތަކުގެ އެކްޓިިވިސްޓުންނެވެ. ނޫނީ ނިމިދިޔަ ދައުރުގައިވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މަގާމްތަކުގައި ތިބި މީހުންނެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މަސައްކަތަކީ ހަމައެކަނި ރިބަން ކޯހާއި ފަހާ ކޯސް ބޭއްވުން ކަމުގައި ނުވާއިރު މި މަގާމަށް ކުރިމަތިލާ މީހުންނަކީ ތައުލީމާއި ތަޖުރިބާ ހުރި ކަމަށް ގާބިލް މީހުންނަށްވުން ވަރަށް މުހިއްމެވެ. އަސާސީ ތައުލީމްގެ ފެންވަރު މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމަނާފައިވުމުން އެ މަގާމަށް ގާބިލް ކިޔަވައިގެން ތިބި ހުނަރުވެރި ޒުވާނުން ނަށް މިއަދު މިފުރުސަތު ވަނީ ހަނިވެފައެވެ. ޕާޓީތަކުން މި ފަދަ މަގާމުތަކަށް ކުރިމަތިލާ މީހުންނަށް އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް އިރު މިއީ ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ވަރަށް ބޮޑު ގޮންޖެހުމެއްކަން ޔަގީނެވެ. އެހެންނަމެސް މި ފަދަ ކޮންމެ އިންތިހާބެއްގައި ވޯޓުލާ މީހުން ވިސްނާލަންޖެހޭ ކަމަކީ މަސައްކަތަށް ގާބިލް ޒުވާނުންނަށް މިއަދު މިފުރުސަތު ގެއްލުމުން މިފަދަ ޖަމިއްޔާތަކުން މުޖްތަމައު އަށް ކުރާނެ ފައިދާ އެއް އޮންނާނެ ތޯ އެވެ.

ގައުމުގެ ވެރިޔާގެ މަގާމުން ފެށިގެން އެންމެ އާދައިގެ ވަޒީފާއަށް ބެލިކަމުގައި ވީނަމަވެސް އުމުރުން ހަނގު މީހުންނަށް ވުރެން ދުވަސްވީމީހުން އެމަގާމްތަށް ފުރަމުންގެންދާތަންދަނީ ފެންނަމުންނެވެ.މި ގައުމުގައިވެސް އެކަމަށް އެކަށީގެންވާ ތައުލީމީ ޒުވާނުން މަދެއްނޫނެވެ. އަދި މަގާމްތަކަށް ގާބިލް ޒުވަނުންނަށް ވަޒީފާ ނުލިބި ތިބި އަދަދު ވެސް މަދެއްނޫނެވެ. އެންމެ އާދައިގެ ވަޒީފާގެ ޝަރުތުގައި ވެސް ޖީސީއީ އޯލެވެލް ފެންވަރު ހުންނަންޖެހުނު ނަމަވެސް މިއަދު ފެނިގެން ދަނީ ތަފާތު މަންޒަރުތަކެކެވެ. އޭރަކު ވެރިކަން ކުރާ ޕާޓީ އަށް ތާއިދުކުރާ ނޫނީ އެމީހަކަށް ބާރު ލިބިފައި އޮންނަ ކަމެއްގައި ނަމަ އެއްވެސް ފެންވަރެއް އަދި ތަޖުރިބާއެއްނެތަސް މަގާމެއް ނޫނީ ވަޒީފާ ހަމަޖެހެއެވެ. މިކަހަލަ ‘ކޮރަޕްޝަންގެ’ އަމަލުތައް މުޖްތަމައު އިން ނައްތައިގެން ނޫނީ ތައުލީމީ ގާބިލް ޒުވާނުންނަށް ފުރުސަތު ލިބުމެއް ނެތެވެ. .

އެހެންކަމުން ރަށްރަށުގައި ތަރައްގީކުރަން ހަދާފައިވާ ޖަމިއްޔާތަކުން ވެސް ތައުލީމީ ގާބިލް ޒުވާނުން ފެނިގެން ނުދާނަމަ ރަށްރަށުން ފެނިގެންދާނެ ކުރިއެރުމެއް ނެތް ކަން ޔަގީނެވެ. އެއްވެސް މަގާމަކީ އެކަމަށް ގާބިލްމީހަކަށް ނޫނީ ހަގީގަތުގައި ނުފުރެވޭނެ މަގާމުތަކެކެވެ. ކޮންމެ މީހަކަށްވެސް މަގާމެއްގައި ހުރެވިދާނެއެވެ. ނަމަވެސް މަގާމާ ހަވާލުވެގެން ޒިންމާތަށް އަދާނުކުރެވެންޏާ މަގާމަށް ކުރިމަތި ލުމުގެ ބޭނުމެއް ނެތެވެ. ގައުމާއި ރަށަށް ތަރައްޤީ ގެނެއުމަށް ކަމަށް ގާބިލް މީހުން ތިބުމަކީ ވަރަށް މުހިއްމުކަމެއްކަން ޔަގީނެވެ.

.