English Edition
Dhivehi Edition

ރާއްޖޭގެ އެންމެ މައްޝޫރު ރިސޯޓްތަކުގެ ތެރެއިން ސޮނެވާ ކުންފުނިން ރާއްޖޭގައި ހިންގާ ރިސޯޓްތަކަކީ ފަތުރުވެރިން ވަރަށް ހާއްސަ ސަމާލުކަމެއް އަބަދުވެސް ދޭ ރިސޯޓްތަކެވެ.މިހާރު މި ކުންފުނިން މިވަނީ ރިސޯޓްތަކަށް ފަތުރުވެރިން އުފުލަން ހާއްސަ ސީޕްލޭނެއް ބޭނުން ކުރަން ތައްޔާރުވެފައެވެ.

ލަގްޒަރީ ފެންވަރުގެ ރިސޯޓްތައް ހިންގާ ސޮނެވާ ރިސޯޓްއަށް އަލަށް ގެންނަ މި ސީޕްލޭނަކީ 19 މީހުންގެ ޖާގައިގެ ފްލައިޓެއް ނަމަވެސް ސޮނޭވާ އިން ވަނީ ފްލައިޓްގެ އެތެރެއަށް ބަދަލުތައް ގެނެސް 10 މީހުންގެ ޖާގައިގެ ފްލައިޓަކަށް ބަދަލުކޮށްފައެވެ. އެއީ ފަސެންޖަރުންނަށް ޖާގަ ތަނަވަސް ސީޓްތަކެއް ދިނުމުގެ ބޭނުގައި ގެނެސްފައިވާ ބަދަލެކެވެ.މީގެ ތެރެއިން 8 ސީޓު ހުންނަނީ ކުރިމައްޗަށް ވާގޮތަށެވެ.އަދި 2 ސީޓު ހުންނަނީ ބޭރު ފެންނަގޮތަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކެނެޑާގެ ޑީއެޗްސީ-6 މަރުކާގެ ސީޕްލޭނަށް ބަދަލުތައް ގެނެސްގެން އެންމެ ލަގްޒަރީ ފެންވަރަށް މިހާރު ސީޕްލޭން ވަނީ ތައްޔާރު ކޮށްފައެވެ.މި ސީޕްލޭން ބޭނުން ކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބ.އަތޮޅުގައި އޮންނަ ސޮނޭވާ ފުއްޓާއި ނ.އަތޮޅުގައި އޮންނަ ސޮނޭވާ ޖާނީ އަށް ފަތުރުވެރިން އުފުލުމަށެވެ. މިސީޕްލޭންގެ ދަތުރުތައް ފަށާނީ އަންނަ ޑިސެމްބަރ މަހުގެ މެދެތެރޭގައެވެ.