English Edition
Dhivehi Edition

މިއީ ވަކި މީހަކާއި ދިމާލަށް ނުވަތަ ވަކި ޕާޓީއަކާއި ދިމާލަށް ބުނާ އެއްޗެއް ނޫނެވެ. ނަމަވެސް ލޮލަށް ފެންނަ ހަޤީގަތަކަށް ވާތީ މިވާހަކަތައް ނުދައްކާ ހުންނަން އުނދަގޫވާތީ ހަމަ ދެއްކެނީއެވެ. ރައްޔިތުންނަށް އޮޅުން އަރާފައި އޮވެދާނެކަމަށް ހީވާތީ ވެސްމެވެ.

ރާއްޖޭގެ ތާރީޙްގައި ސަލާން ޖެހުމަކީ ބަދަލެއް ނެތް ސަޤާފަތަކަށް މިވަނީ ވެފައެވެ. ނަމަވެސް އެއީ އަތްމަތި ދަތި މީހުންގެ ވާހަކައެއް ނޫނެވެ. މިވަގުތު ރައްޖޭގައި ތިބި އެންމެ ބޮޑެތި މަހުޖަނުންގެ ވާހަކައެވެ. ކޮންމެ 5 އަހަރަކުން އެއްފަހަރު އަންނަ ކުޅިގަނޑެއްގެ ވާހަކައެވެ. ގިނަ ރައްޔިތުންނަކަށް މިވާގޮތެއް ނޭގެއެވެ. އެނގޭހާވެސް ކަމަކީ ބަޔަކު ވޯޓް ހޯދުމަށްޓަކައި ހިނިތުންވެގެން އަންނަ އައުމެވެ. އޭގެ ފަހުން ދެން ވާގޮތެއް ނޭގެއެވެ. ވޯޓްދިން އެރައްޔިތު މީހާ ދެން ފެންނާނީ އަނެއްކާ 5 އަހަރު ހަމަވާން ގާތްވުމުންނެވެ.

މިހެން މިވާހަކަތައް ލިޔާއިރުވެސް ހިތްހަމަ ނުޖެހޭ ބަޔަކު ތިބޭނެއެވެ. އަދި ބަޔަކު އެވާހަކަ ދައްކާތީ ހަޖަމް ނުކުރެވޭ ބަޔަކު ވެސް ތިބޭނެއެވެ. ސަބަބަކީ ނިކަމެތި ރައްޔިތުންނަށް ހަޤީގަތް އެނގިދާނެތީއެވެ. އާއެކެވެ. މަޖިލީސް އިންތިހާބާއި، ކައުންސިލް އިންތިހާބު ފަދަ ބޮޑެތި އިންތިޙާބުތައް ބޯމަތިވަމުން އަންނަނީ އެވެ. ޕާޓީތަކުގެ ޕްރައިމަރީ އަށް ވާދަކުރުމަށް ކެންޑިޑޭޓުން މަސައްކަތް ފަށާފައިވެއެވެ. އަދި ނުސީދާ ގޮތުންނާއި، ސީދާ ގޮތުން ތާއީދު ހޯދުމަށް މަސައްކަތް ފަށާފައި ވެއެވެ.

ރައްޔިތުންގެ އެނދު ތަންމައްޗާއި ހަމައަށް ހިނިތުންވެފައިވާ މޫނަކާއިގެން ކެންޑިޑޭޓުން ދާދިއުމަކީ އަޅުގަނޑުމެން ދެކެން ބޭނުންވާ މަންޒަރެވެ. ނަމަވެސް އެއީ ވޯޓްގެ ކުރިންނެއް ނޫނެވެ. އަޅުގަނޑުމެން އެމަންޒަރު ދެކެން ބޭނުންވަނީ ވޯޓްގެ ފަހުންނެވެ. އިންތިޙާބު ވިޔަސް ނުވިޔަސް އެމީހެއްގެ ކިބައިގައި ހުރި ރީތި ސިފައެއް ނަމަ އެސިފައެއް ދައްކަން ވީއެވެ. އިންތިޙާބު ވުމުން ‘ބިޒީ’ ބޯޑު އަޅުވައިގެން އަހަރަކު 2 ޖަލްސާއަށް ޙާޒިރުވެފައި މާޖާކުރަން ރާއްޖެއިން ބޭރުގައި އުޅެފައި ދެވަނަ އިންތިޙާބު ކައިރިވުމުން އަންނަ ކެންޑިޑޭޓަށް ބުނެވެން އޮތީ ނޫނެކެވެ. މަޖިލީހަށް އިންތިޙާބު ކޮށްދެވެނީ ރައްޔިތުންގެ ވަރަށް ފޮނި އުންމީދަކާއި އެކުގައެވެ. އެތައް ބައެއްގެ ޙައްޤު ކޮނޑު އަޅުވާފައެވެ. ނަމަވެސް އެތަޅުމަށް ވަދެވުމުން އެތަނުން ލިބޭ މަންފާއާއި ފައިދާތަކާއި، އަރާމާއި އިއްޒަތު ފެނުމުން ދާއިރާގެ ރައްޔިތުން މަތިން ހަނދާން ނެތެވެ. އެރައްޔިތުންގެ މަސްލަޙަތައްވުރެ ގިނަ ފަހަރަށް އިސްކުރެވެނީ އެމީހެއްގެ އަމިއްލަ މަސްލަޙަތެވެ. ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއެކެވެ. މިއީ ކަން ހިނގަންވީ ގޮތެއް ނޫނެވެ.

ރައްޔިތުން ތަމްސީލް ކުރުމަށް އެރައްޔިތުން ބޭނުންވަނީ މުއްސައްޖެއް ނޫނެވެ. ނަސަބާއި ހަސަބުން މަތިވެރި މީހެއް ނޫނެވެ. ނަމަވެސް އިޙްސާންތެރި ތެދުވެރި މީހެކެވެ. ކެރިގެން ކަންކަމާއި ކުރިމަތިލާން ކެރޭ، ރައްޔިތުންގެ އަޑު އެރައްޔިތުންނަށްޓަކައި އަހާ މީހެކެވެ. ވަކި ޕާޓީއަކަށް ނުވަތަ ވަކި މީހަކަށް މަސައްކަތްކޮށްދޭ މީހުންނަށް މިފަހަރު ރައްޔިތުން ބުނާނީ ނޫނެކެއެވެ. އެހެންކަމުން ރައްޔިތުންތަކެއް ތަމްސީލް ކުރުމުގެ ނިޔަތުގައި އިންތިޙާބާ ކުރިމަތި ލުމަށް ބޭނުންވާ ހުރިހާ ކެންޑިޑޭޓުންނަށް ބުނެލަން ބޭނުންވަނީ މިކަންކަމެވެ. އަބަދަކު ރައްޔިތުންގެ ލޮލުގައި އަނދުން ނޭޅުވޭނެއެވެ. ހުވަފެން ނުދެއްކޭނެއެވެ. ކެހި ދެވޭނެ އެއްފަހަރެވެ. އިތުބާރާއި ލޯބި ފައިސާއިން ގަނެވުނު ދުވަސް މާޒީވެއްޖެއެވެ. މިއަދު ދިވެހި ރައްޔިތުންނަކީ ލޯހުޅުވިފައި ތިބި ބަޔެކެވެ. ބަޔަކު ޖަހާ ހާ ބެރަކަށް ނަށާކަށް ނުތިބޭނެއެވެ.

ހެޔޮ ނިޔަތުގައި ރައްޔިތުންގެ މަންދޫބަކަށް ކުރިމަތިލާން ބޭނުންނަމަ ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯދާށެވެ. އެއީ ވަކި މުއްސަންޖަކަށް ވެގެން ނުވަތަ އެންމެ މޮޅަށް ވާހަކަ ދެއްކޭ މީހާއަށް ލިބޭނެ އެއްޗެއް ނޫންކަން ދަންނާށެވެ.