English Edition
Dhivehi Edition

ފުލުހުން ރޭ ހައްޔަރުކުރި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކުރީގެ މެމްބަރު، އައިޝަތު ވެލެޒިނީ މިނިވަންކޮށް އާއިލާއާ ހަވާލުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

ވެލެޒިނީ މިއަދު ހެނދުނު ނަފްސާނީ ބަލީގެ ޑޮކްޓަރަކަަށް ދައްކައި، މެންދުރު ފަހު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.ފުލުހުން ބުނީ ވެލެޒިނީ އެޑްމިޓްކޮށްގެން ފަރުވާ ކުރުމަށް ޑޮކްޓަރު ލަފާދެއްވާފައިވާތީ، އޭނާ ފުލުހުންގެ ބަންދުން ދޫކޮށް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި ފުލުހުންގެ ބަންދުން ދޫކޮށްލިޔަސް ޤާނޫނީގޮތުން ކުރަން ޖެހޭ ކަންކަން ކުރަމުން ދާނެ ކަމަށް ފުލުހުން ބުންޏެވެ.ވެލެޒިނީ ހައްޔަރުކުރުމުން އެކަމަށް ފާޑުކިޔައި، ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނަމުން ދަނީ އޭނާއަކީ ސިކުނޑީގެ މައްސަލަ ހުންނަ މީހެއް ކަމަށާއި ވެލެޒިނީ ބަންދުން ދޫކޮށް ފަރުވާ ދޭން ޖެހޭ ކަމަށެވެ.

ވެލެޒިނީ ހައްޔަރުކޮށްފައިވަނީ އޭނާގެ އަމިއްލަ ފޭސްބުކް އަދި ޓްވިޓާ އެކައުންޓު ބޭނުންކޮށްގެން އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނުގެ އުސޫލުތަކުން ބޭރު އިސްލާމްދީނާއި ހިލާފު އަދި އިސްލާމްދީނަށް ތައުހީނުކޮށް ވާހަކަދައްކާފައިވާ މައްސަލަ އާއި ގުޅިގެން ކަމަށް ފުލުހުން މިއަދު ވަނީ ވިދާޅުވެފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުމަށް ފަހު ވެލެޒިނީ ރާއްޖެ އައީ އިއްޔެ ހެނދުނު އެވެ. ވެލިޒިނީ އިސްލާމް ދީނާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވާހަކަތަކުގައި އޭނާ ރަސޫލު ކަމަށް ދައުވާކޮށް އިސްލާމް ދީނުގެ އުސޫލުތަކުން ބޭރުގެ މުރުތައްދު ވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިންގެ މަޖިލީހުން ވަނީ މިދިޔަ އަހަރުގެ މާޗް 29 ވަނަ ދުވަހު ނިންމާފައެވެ