English Edition
Dhivehi Edition

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގައި ރައީސްގެ މެންބަރުކަން ކުރެއްވި އާއިޝަތު ވެލެޒިނީ މީގެ ދުވަސްތަކެއް ކުރިން މަޝްހޫރުވެފައި އޮތީ އިސްލާމްދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާއަށާއި ދީނީ އެންމެހައި ކަންކަމަށް ހަޖޫ ކިޔައި އަމިއްލައަށް ރަސޫލެއްކަމަށް ދައުވާ ކުރި، ގިނަ ދިވެހިން ނަފްރަތު ކުރި ފަރާތަކަށެވެ. ވެލަޒިނީގެ ފޭސްބުކްގައި ލިޔެފައި ހުންނަ ޕޯސްޓްތަކާ ގުޅިގެން ގިނަ ބައެއްގެ ނުރުހުމާއި ބަދު ބަސްތައް ވެލަޒިނީ އަށް އަމާޒުވެފައިވާއިރު އެ ޕޯސްޓްތައް ފެންނަން ވެސް އެއްވެސް ބަޔަކު ނޭދެއެވެ. ދީނަށް ފުރައްސާރަކޮށް އުޅޭ އެފަދަ މީހަކު ވަގުތުން ވަގުތަށް ހައްޔަރުކޮށް އަދަބު ދޭން ޖެހޭކަމަށް އެންމެން ވެސް ދިޔައީ ގޮވަމުންނެވެ. އިސްލާމްދީނަށް ފުރައްސާރަކޮށް ސޯޝަލްމީޑިއާގައި އޭނާ އާއްމުކޮށްފައިވާ ވީޑިއޯތަކާއި ދައްކާފައިވާ ވާހަކަތަކާ ގުޅިގެން އެއީ މުރުތައްދުވެފައިވާ މީހެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.

އިސްލާމް ދީނާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ވެލެޒިނީ އާންމުކޮށްފައިވާ ވާހަކަތަކުގައި އޭނާ ރަސޫލު ކަމަށް ދައުވާކޮށް އިސްލާމް ދީނުގެ އުސޫލުތަކުން ބޭރުގެ މުރުތައްދު ވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިންގެ މަޖިލީހުން ކަނޑައެޅީ 2017 ވަނަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުގައެވެ.

“އިސްލާމްދީނުގެ އުޞޫލުތަކާއި ޚިލާފު މިފަދަ ވާހަކަ ދައްކާ ހެދުމަކީ އިސްލާމްދީނުގައި އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤަކަށް ނުވާތީ، އިސްލާމްދީނާ ޚިލާފަށް މިފަދަ ވާހަކަ ދައްކާ ފަރާތެއް، އެއީ މުރުތައްދު ވެފައިވާ ފަރާތެއްކަން ދީނުގެ އުޞޫލުތަކުން ވަނީ ކަނޑައަޅާ ދީފައެވެ.” މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. މި މައްސަލައާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން އޭރު ނެރުނު ބަޔާނުގައި ވަނީ ބުއްދި ސަލާމަތުން ހުރި މުސްލިމަކު މީހަކު މިފަދަ ވާހަކަތަކެއް ދައްކައިފި ނަމަ އެ މީހަކު ވާނީ އިސްލާމް ދީނުން ބޭރުވެ މުރުތައްދު ވެފައިވާ މީހެއް ކަމަށެވެ. އެގޮތުން ބަލާއިރު ވެލެޒިނީ ގެ ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކޮށް އޭނާއަކީ، މުރުތައްދުވެފައިވާ މީހަކުކަމުގައި މި މިނިސްޓްރީގެ ޢިލްމުވެރިންގެ ބައްދަލުވުމަކުން ކަނޑައަޅައިފި ކަމަށެވެ.

އޭރުވެސް ފުލުހުން ތަޙްގީގުކުރަމުން ގެންދާ މައްސަލައަކާ ގުޅިގެން ވެލެޒިނީ ހޯދުމަށް ފުލުހުންގެ މުއައްސަސާއިން ވަނީ އިއުލާންކޮށް އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. ވެލެޒިނީ ހާޒިރުވާން އެންގީ އޭނާއާ ގުޅޭ ގޮތުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި ޖަވާބުދާރީވާން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި ވެލެޒިނީ އުޅެމުންދާތީ ތަހުގީގަށް ހާޒިރުކުރެވިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން ވެލެޒިނީ 14 ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވާއިރު އެ މުއްދަތުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ހާޒިރު ނުވެއްޖެ ނަމަ، ތުހުމަތުކުރެވޭ މައްސަލާގައި ފުލުހުންނަށް ލިބިފައިވާ ހެއްކާއި ގަރީނާތަކުގެ މައްޗަށް ބިނާކޮށް، ވެލެޒިނީގެ ޣައިރު ހާޒިރުގައިި ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ވެސް ފުލުހުން އޭރު ނެރުނު ބަޔާނުގައި ހާމަކޮށްފައިވެއެވެ.

އެހާ ހިސާބުން ދުވަސްކޮޅަކަށް ނަމަވެސް ވެލަޒިނީގެ އަޑު މަޑުވިއެވެ. ފޭސްބުކްގައި ޖަހަމުން ދިޔަ ޕޯސްޓްތަކާއި ކުރަމުން ދިޔަ ލައިވްތައް މަޑުޖެހުނެވެ. އެކަމާގުޅިގެން ބަޔަކު ސޯޝަލް މީޑިއާގައި އޭނާގެ ވާހަކައެއް ދައްކައިފިނަމަ އެމީހެއްގެ ޕްރޮފައިލް ހާވައި އެމީހަކާ ދިމާއަށް ހިތުހުރި އެއްޗެއް ބަވާލައެވެ. މިގޮތުން ރާއްޖޭގެ ނޫސްވެރިންގެ ނަން ވަކިން ޓެގްކޮށް އެމީހުންނަށް ގިޔާމަތް ދުވަހުން އަޒާބު ދޭނެ ކަމަށް ބުނެ އިންޒާރު ދީފައިވެއެވެ.

ނެދަލެންޑްގައި އޭނާ ހޭދަކުރި ދުވަސްތަކުގައި ސޯޝަލް މީޑިއާގައި ޖެހި ސަކަރާތުގެ ސަބަބުން ދިވެހިން ތިބީ ލަދުން ހަލާކުވެފައެވެ. އޭނާ ކުރާ ހުރިހާ ކަމެއް ފޭސްބުކް ލައިވް މެދުވެރިކޮށް މުޅި ދުނިޔެއަށް ދައްކަމުން ދިޔައިރު އެއީ ދިވެއްސެކޭ ބުނަން ވެސް ދިވެހިން ޖެހިލުންވިއެވެ. އެއްވެސް މީހަކު އޭނާއަށް ހެޔޮ އެދިގެން ބަހެއް ބުނެފައެއް ނެތެވެ.

ގިނަ ދުވަސްތަކަކަށް ފަހު ކުއްލިއަކަށް ވެލަޒިނީ ރާއްޖެއައުމުން އެވާހަކަ ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރިއެވެ. ގިނަ ނޫސްތަކުން ރިޕޯޓްކޮށްފައިވަނީ “މުރުތައްދުވެފައިވާ ކަމަށް ކަނޑައަޅާފައިވާ ވެލަޒިނީ ރާއްޖެއަތުވެއްޖެ..” ކަމަށެވެ. އޭނާ ރާއްޖެއައުމުން އެކަމާ ގިނަ ބަޔަކު ނުރުހުން ފާޅުކޮށް ކޮމެންޓް ކުރަމުން ދިޔައެވެ. ސަރުކާރު ބަދަލުވާ މި ދަނޑިވަޅުގައި އޭނާ ރާއްޖެއައި ސަބަބާމެދު ގިނަ މީހުން ސުވާލު އުފެއްދިއެވެ. ހަމަ އެއާއެކު އަޑު އިވިގެން ދިޔައީ މީގެ ކުރިންވެސް ފުލުހުން ބަލަމުންދިޔަ މައްސަލައާއި ގުޅިގެން ކުރަން ޖެހޭ ތަހުގީގަށް ވެލެޒަނީ ބަންދުކުރި ވާހަކައެވެ.

އެހާ ހިސާބުން މަންޒަރު ބަދަލުވީއެވެ. ވެލަޒިނީ އަށް ނަފްރަތުކޮށް ރުޅިބާލަމުން ދިޔަ މީހުންގެ ހިތްތައް ކުލުނުން ފުރުނީއެވެ. ވެލެޒިނީ އަކީ ބުއްދިއުނި މީހެއްކަމަށް ބުނެ ސިޔާސީ ފަރާތްތަކުން ނާާއި އެކްޓިވިސްޓުން އޭނާ ދޫކޮށްލުމަށް އެދި ކެމްޕެއިން ފެށީއެވެ. އަދި ދިވެހި ފުލުހުންނަކީ ނުބައި ބައެއް ކަމަށާއި އަނިޔާދޭކަށް ވަކި މީހެއް މީހެއް ނުބަލާކަމަށް ބުނެ އަޑުއުފުލަން ފެށީއެވެ. ވެލެޒިނީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ކޮށްފައިވާ ގިނަގުނަ މަސައްކަތް ހަނދާން އައުކޮށް ސަނާ ކިޔަން ފެށީއެވެ! އޭނާ އާއި ނުބެހި އޭނާ ބޭނުން ގޮތަކަށް އުޅެން ވަގުތުން ވަގުތަށް އޭނާ މިނިވަން ކުރުމަށް ސޯޝަލްމީޑިއާގައި ގޮވަން ފެށީއެވެ!

ނަމަވެސް ބައެއް މީހުން މިފަދަ ވާހަކަތަކާ ދެކޮޅެވެ. އެގޮތުން ވެލަޒިނީ އަކީ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުރި މީހެއް ކަމަށް ބަޔަކު ބުނާއިރު ފޭސްބުކްފަދަ ޒަމާނީ މުވާޞަލާތީ ޚިދުމަތްތައް މެދުވެރިކޮށް އަޑާއި މަންޒަރު ދުރަށް ނުފޮނުވޭހާ އޭނާގެ ސިކުނޑި ގޯހެއް ނޫންކަމަށް އެއްބަޔަކު ވަނީ ބުނެފައެވެ. އަދި ނެދަލެންޑްސް ގައި ހުރެފައި އެތަނުން ދިވެހިރާއްޖެއަށް އަންނާނެ ސަވާރީއެއް ހޯދައި، އެސަވާރީގައި ރާއްޖެއާއި ހިސާބަށް ދަތުރު ކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންތައްތަކެއް ފުރިހަމަކޮށް ރާއްޖެ އައިސް އަމިއްލަ ގެއަށް ގޮސްނުލެވޭހާ ބުއްދި ގޯހެއްވެސް ނޫންކަމަށް ބުނެފައިވެއެވެ.

ބައެއް މީހުން ބުނާ ގޮތުގައި އޭނާ އެގޮތަށް މުޖުތަމައަށް ދޫކޮށްފައި ބެހެއްޓުން ރައްކާތެރިއެއް ނޫނެވެ. ބަލި މީހެއްނަމަ އޭނާގެ ބަލި ތަހުލީލުކޮށް އާންމުންނާ ވަކިކޮށް އޭނާ އަށް ފަރުވާދީގެން އަލުން މުޖުތަމައަށް ނެރެދޭންވީއެވެ. ރާއްޖޭގައި އެފަދަ ފަރުވާ ދެވެން އެބަހުރިމެއެވެ. ނަފުސާނީ ޑޮކްޓަރުންނާއި ކައުންްސިލިން ދެވޭ ފެންވަރުގެ ކުޅަދާނަ ގާބިލް ބޭފުޅުން އެބަތިބިމެއެވެ. ދީނީ އިލްމުވެރިން އޭނާއަށް ހެޔޮމަގު އަންގައިދީ ތައުބާވުމަށް ފުރުސަތު ދިނުމަށް މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ ވާހަކަ ވެސް އެއްބަޔަކު ދަނީ ދައްކަމުންނެވެ.

ދިވެހިންނަކީ ވަރަށް ހިތްހެޔޮ ބަޔެކެވެ. އެއީ ޒަމާނުއްސުރެ ދިވެހިންނަށް ލިބިފައިވާ ރީތި ތާރީފެކެވެ. އެއްވެސް މީހަކަށް އަނިޔާާއެއް ލިބޭތަން ދިވެެއްސަކު ބޭނުމެއް ނުވާނެއެވެ. އެހެންކަމުން ކިތަންމެ ބޮޑު ގޯސްކަމެއް ކޮށް ކޮންމެ ގޮތަކަށް އުޅެފައިވީނަމަވެސް އަދަބު ލިބެންޖެހޭ ވަގުތު އޭނާ ދޫކޮށް އޭނާއަށް ހައްގު އިންސާފު ހޯދައި ދިނުމަށް ދިވެހިން އަވަސް ވެގަނެއެވެ. އެހާ ހިސާބުން އެކުރި ހުރިހާ ގޯސްކަމެއް ހަނދާން ނެތި އެމީހަކު ހުދު ކާފޫރަށް ވެދެއެވެ!

 

 

2 ކޮމެންޓް
Ayya
ނޮވެމްބަރު 14, 2018
Syko kamun amilla ah dhathuru koh raajjeyga ais , media beynun koh islaam dheenah hajoojaha hadhany. Beynun konme kameh kurany. Can't believe.
ވެލެޒިނީ ފޭން
ނޮވެމްބަރު 14, 2018
ވެލެޒިނީ ހީކުރީ އެމްޑީޕީގެ ވެރިކަން އަލުން އިއާދަވުމުން ސިޔާސީ އެހެން ބޭފުޅުން ރާއްޖެ ވަޑައިގެންނެވިހެން ހަމަ ވަޑައިގަންނަވަން ވީކަމަށް! ޖަޒީރާ ރާއްޖޭގައި ބޭނުންގޮތަކަށް ބޭނުން ދީނަކަށް އުޅެން ފަސޭހަވާނެކަމަށް. މީ ދެވަނަ ނެދަލޭންޑްސް ކަމަށް