English Edition
Dhivehi Edition

“ ހުނ.ފިރިހެނުންނެއްނު؟ ތިހެންތިބޭ އަންހެންކުދިން ހައްލަން މަސައްކަތް ކުރާނެ. ލޯބީގެ ލަވަތައް ކިޔާދިނުމާއި ފަރިހި ކިޔާދިނުން މިއީ ޒަމާންވީ ދިވެހިންގެ އާދައެއް. ތިޔަ ޝައިނާއަށް ދިމާވީވެސެް އެކަހަލަ މީހެއްތާ.. ނަސީބެއްނު އެކަކު އަނެކަކު ނުފެނި ސަލާމަތްވިކަންދޯ.. ދެން އެންމެ ރަނގަޅުވާނީ އޭނާ އާއި މެދު އެއްގޮތަކަށްވެސް ނުވިސްނުން. ދެން ޝަފްރާޒް އާއި ދިމާވީ ކިހިނެއް؟”

ޝީތަލް ޝައިނާއަށް ނަސޭހަތްް ދެމުން އަހާލިއެވެ..

“މަންޒިލެއް ލިބޭތޯ އަހަރެން އަބަދުވެސް އަތް ފުނާ އަޅަން އެހެންދިޔުމުގެ ތެރޭ ޝަފްރާޒް އާއި ދިމާވީ ގޮތް ނޭނގޭ މީހެއް ނަމަވެސް ފުރަތަމ ބައްދަލުވުމުންވެސް އޭނާވަނީ އަހަރެންގެ ހިތް އަތުލާފަ އޭނާގެ މާތްކަމާއި މަޑުމޮޅި ކަމުގެ ސަބަބުން އަހަރެންގެ މަންމަމެންވެސް އޭނާއަށް ފިދާވި.. އެއީ އަހަރެން ލޯބީގެ ގޮތުން ގުޅުނު ބައިވެރިޔާއެވެ. އެމީހަކަށް މިހިތުގެ ރަސްކަންވެސް ދެވުނު ރަސްގެފާނެވެ. ލޯބީގެ ދަރުބާރުގައި އޭނާ އަހަރެން ރާނީއަކަށް ހަދާ މިއަދު އަހަރެންނަކީ އޭނާގެ ހަލާލު އަނބި މީހާއެވެ. މިދަތުރު އަހަރެން ފަށައިގެން މިއުޅެނީ މަންޒިލް އަހަރެންނަށް ފެންނާތީއެެވެ. ދުވަހަކުވެސް ވަކިނުވާން ދެމީހުން ވަނީ ވަޢުދު ވެފައެވެ. ރޭގަނޑު ނަމަ ހުޅުމާލޭ ބީޗްގައި ތަރިތަކާއި ހަނދު ހެކިކޮށް.. ދުވާލެއްނަމަ ގަދަ އިރާއި ނޫ ވިލާތަށް ހެކި ކޮށް..ދުލާއިި އަތުގެ އިނގިލިން ފޯނުގެ ފިއްތަކުން މެސެޖް ކުރަމުން ވީއިރު ދެން އެހެންމަންޒިލެއް ކައިވެނި ނޫން އޮންނާނެ ހެއްޔެވެ”

އެދެމީހުން ވާހަކައިގެ ތިއްބާ އޮފިސް ނިންމާފަ ޝަފްރާޒްވެސް ގެޔަށް އައިވަގުތެވެ. ޝީތަލް ފެނުމުން އޭނާ ހައިރާނެއް ނުވެއެވެ. އަދި އާމީހަކު ފެނުމުން ހިނިތުންވުން ވެލަމުން ގޮސް ޝައިނާ ކާރީ އިށީނެވެ. ޝައިނާ ވަގުތުން ތެދުވެ އަދަބު އަދާކުރުމަށް ފަހު އޭނާއަށް ފެންތައްޓެއް އަޅައިގެން އައިސް ދިނެވެ. އަދި ޝީތަލް ތައާރަފް ކޮށް ދިނެވެ. އެދެމީހުން ވެސް ސަލާމް ކޮށްލިއެވެ. ހިނދުކޮޅަކު ވާހަކަ ދައްކަން ތިބުމަށް ފަހު ހުއްދަ ހޯދައިގެން ޝީތަލް ދިޔައީއެވެ.

ހުޅުމާލޭގެ ޓާމިނަލް ތެރެއިން ހިގަމުންގޮސް ޝީތަލް ބަހަށް އެރިއެވެ. ޝައިނާ ދެއްކިވާހަކަތަކާއި އެނާގެ ހަޔާތާ އަޅާކިރަމުންނެވެ. އޭނާގެ ފިރިމީހާވީ ބޭވަފާއެވެ. އަދި އޭނާވީގުރުބާނީ ތަކެވެ. ދަރިޔަކު ލިބުން އެދި އޭނާގެ ފިރިމީހާގާތު ވާހަކަ ދެކެވުނު ގޮތެވެ. ތެދެކެވެ. އެއީ މާކުރިޔެއެވެ. މާޒީ ހަނދާން ކުރުމުން އަހަރެންގެ ވަގުތުވާނީ ބޭކާރު ކަމަކަށެވެ. އެހެނަސް ނާޒިމް އަކީ ހަދާން ކުރަން ކޮންމެހެން މުހިންމު މީހެއް ނޫނެވެ. އޭނާއަކީ އޭނާގެ ދީނަށްވެސް ވަފާތެރި މީހެއް ނޫނެވެ. ވިއިރު އަހަރެން ނަށް ވަފާތެރި ވާނެ ހެއްޔެވެ. ކަޅު ހެދުން ލާފަ ހުންނަ އަންހެންކުދިން އޭނާއަށް ރީއްޗެއް ނޫނެވެ. އޭނާ ބުނެފައިވާގޮތުން އެއީގޮތްދެއްކުމެވެ. މުޅި ގައިގާ ބޭކާރު ފޮތި އަޅައިގެން ތިބުމެވެ. އޭނާ ކަޅުހިޖާބު ހެދުމެއް ގަތް ދުވަހެއްގައި އޭނާގެ ފިރިމީހާ އޭނާއަށް މަލާމާތް ކޮށް ޖޯކް ޖަހާ ހެދިއެވެ. ރީތި މިޒަމާނުގެ ފެޝަން ކުދިންނޭ އެއްވެސް އަސަރަކާއި ނުލާ އެނާ ބުންޏެވެ. އެހުރިހާ އިރަކުވެސް އޭނާ ދުޢާކުރަމުންދިޔައީ ﷲ އޭނާގެ ފިރިމީހާއަށް ތެދުމަގު ދައްކަވާތޯއެވެ.

ދުވަަސްތައް މަސްތަކަށް ބަދަލުވަމުންގޮސް މިއަދަކީ ޝީތަލްގެ ކޮލެޖުން ނަތިޖާ އިއުލާން ކުރާދުވަހެވެ. އެކޯހުގެ ހުރިހާކުދިންނަށް ހެން ދައުވަތު ދީގެން ދަރުބާރުގޭ ފާށަނާ މާލަމް ވަނީ ވަރަށް ފެންވަރު ރަނގަޅަށް ތައްޔާރު ކޮށްފައެވެ. ޝީތަލްގެ މިއުފާވެރި ހަފްލާގައި ބައިވެރިވުމަށް ޝަފްރާޒް އާއި ޝައިނާވެސް ދަރުބާރު ގެޔަށް އައެވެ. އެންމެ ފުރަތަމަ ގޮނޑި ބަރީގައި އެމިހުން އިށީނދެ ހަމަޖެހުނެވެ. ޝައިނާ ކާރީގައި ޝީތަލް އެވެ ދެމީހުންގެ މެދުގައި ޝަފްރާޒް އެވެ. ޝީތަލް ކޮއްކޮ އާންތުވެސް އަނައެއް ފަރާތުގައިއެވެ. އާންތު ވެސް ޝަފްރާޒް އަށް ތަޢާރަފް ކޮށްދިނެވެ،ހުރިހާ އަންހެން ކުދިން ކާރީ އިނދެ ޝަފްރާޒް އުފަލާއެކު ދެއަންހެންކުދިންގެ މެދުގައި އިނެވެ. މިއީ އޭނާވެސް ބޭނުންވި ގޮތޭ ބުނާ އުސޫލުންނެވެ.

އެކި ދަރިވަރުންގެ ނަންތައް ގޮވަމުންދިޔައެވެ. ޝީތަލްގެ ނަން އިއުލާން ކުރުމާއެކު ބޭއިޙްތިޔާރުގައި ޝީތަލްއަށް ހިފާލެވުނީ ޝަފްރާޒްގެ އަތުގައެވެ. މިމަންޒަރު ވަރަށް ގާތުން ޝައިނާއަށް ފެނުނެވެ. ޝައިނާއަށް ކުރީ ކޮން އަސަރެއް ކަމެއް ނޭނގުނެވެ.

ފަޙުރުވެރި އެއްވަނަ ލިބުނީ ޝީތަލްއަށެވެ. ސުޓޭޖް މަތީ ފޮޓޯނެގުމުގެ ބުރެކެވެ. އެކި އެކި ގޮތް ގޮތަށް އެމީހުން ފޮޓޯނެގިއެވެ. ޝައިނާ ޝީތަލް އަށް މުބާރަކް ބާދު ދެމުން އެކިފޮޓޯތަކުގައި ހުއްޓިލިއެވެ. ޝަފްރާޒްވެސް ހަމައެގޮތަށް ޝީތަލްއަށް މުބާރަކް ބާދު ދެމުން ފޮޓޯތަކުގައި ހުއްޓިލިއެވެ. އެއިން ކޮންމެ ފޮޓޯއަކީ ޝީތަލް އަށް އާވާހަކައެކެވެ، ޝައިނާ އަށް ބަނަ ވަމުންދިޔަ ވިލާގަނޑެކެވެ. މިއިން އެއްވެސް އިޙްސާސެއް އެނާ ކުރާކަށް ބޭނުމެއް ނުވިއެވެ. އެ ހަފްލާ ނިމުނީ އުފަލާއި ހިތްހަމަ ޖެހުމުގައެވެ.

ޝީތަލް ގެޔަށް އައިސް ހުރިހާ ފޮޓޯތައް ބަލަންފެށިއެވެ. ކަމުދާ އެއްވެސް ފިރިހެނަކު މިދުނިޔޭގައި ނެތޭ ބުނަމުން ދިޔަ ޝީތަލްއަށް އެނާއާއި ގައިގޯޅިކޮށް ނަގާފައިވާ ޝަފްރާޒް ކަމުގޮސްގެން އުޅެނީ ކީއްވެބާވައެވެ. އެކަމަކު އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ގެ އަމާނާތާކެވެ. މިފަދަ އިހްސާސެއް އޭނާއަށް އަައިސްގެން ނުވާނެއެވެ.

ވަކިވަކިން އޭނާ ޝަފްރާޒް ހުރި ފޮޓޯތައް ބަލަމުން ލޯމަރާލިއެވެ. އަޅެ އޭނާ ހާދަ ސަޅިއެވެ. ފިރިހެން ވަންތަ ތުނބުޅިއެއް ހުއްޓެވެ. އިސްލާމް ދީނީ ރީތި ނޫރު މޫނު މަތިން ފެންނަން ހުއްޓެވެ. ނަމާދު ކުރާކަމުގެ ހެކި ނިންމަތިން ފާހަގަ ވެއެވެ. ހީވާގޮތުން ޝީތަލް ވަނީ ޝަފްރާޒް ގެ ރީތިކަން ފެނިފައި މޮޔަވާވަރު ވެފައެވެ. ފުރަތަމަ ބައްދަލުވުމުންފެށިގެންވެސް މެއެވެ. އެކަމަކު އެދުވަހަކު އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ފިރިމީހާކަމެއް އޭނާއަށް ނޭގެއެވެ. ހިތުގަ އަޑިން މިޖަހާ ވިންދަކީ ގޯސްވިންދެއް ބާވައެވެ. ޝީތަލް މޫނުގައި ބާލީސް އަޅައިގެން ރޯންފެށިއެވެ.

“އޭނާއަކީ ވަރަށް ދީންވެރިމީހެއް..” އާންތު އެތަނުން ފޮޓޯއެއް ބަލާލުމަށްފަހު ބުނެލިއެވެ. އޭނާގެ ކޮޓަރިޔަށް އާންތު އައީ އޮފީހަށް ދާންވެގެން އޭނާ ބަލާއެވެ. އެވަގުތު ޝީތަލް ހުރީ ފާހާނާ ގައެވެ. އެނދުމަތީގައި ހުރި ފޮޓޯތައް ނަގަމުން ޝީތަލް ފާހާނާއިން ނިކުތުމާއެކު އެހެން ބުނެލިއެވެ.

” އަހަރެން އެހެން މިބުނީ އޭނާ ބަރާބަރަށް ނަމާދުވެސް ކުރޭ ފިހާރަ ބަންދު ކުރުމުގެ އެންމެ ފޯރި ހުންނަނީވެސް އޭނާ” ހެމުން ހެމުން އާންތު ޝަފްރާޒްގެ ވާހަކަ ކިޔާދެމުން ދިޔައެވެ.

“ދީންވެރިން އަޅައިގަންނާނީ ދީންވެރި އަންހެން ކުދިން. ފެނުނެއްނު އޭނާގެ އަންހެނުން ހުރިގޮތް”

“އަހަރެން އޭނާއެކޭ އެއްގޮތަށް ބަދަލް ވެއްޖެޔާ އަހަރެންނަށް ވެސް އެކަހަލަ ޝަފްރާޒް އެއް ލިބިދާނެތަ” މާޔޫސް އަޑަކުން ޝީތަލް ބުނެލިއެވެ.

” އާން ތިހެން ވެދާނެ.. ނުވާނެއެވޭ ނުބުނާނަން..ކޮބާ މާލަސްވެއްޖެ ދަމާބަހީ”

ފިހާރައިގައި އިނދެފަ ޝީތަލް ޝަފްރާޒް އަށް މެސެޖް ކުރަމުން ދިޔައެވެ. ރޭގެ ޖަލްސާގެ ފޮޓޯތައް ފޮނުވާށޭ ޝައިނާ ބުނެފަ އޮތީމާ ބައެއް ފޮޓޯ އޭނާގެ ފޯނަށް ވައިބާ ކުރަމުންނެވެ.

“އަހަރެން ހެދުން އަޅާފައިވާ ގޮތާމެދު ފޫހިވޭތަ؟” ޝީތަލް މެސެޖައިން ޝަފްރާޒް ކާރިން އަހަލިއެވެ. ފޯނަށް މެސެޖެއް އައި އަޑުއިވިގެން ޝަފްރާޒް ފޯނުނަގާފައި ޝީތަލްގެ އެމެސެޖް ފެނިފަ ހައިރާންވިއެވެ. އަދި ޝީތަލް އާއި ދިމާވި ދުވަހުންފެށިގެން ވެފައިވާ އެކި ހާދިސާތައް ހަދާންވިއެވެ. އަދި ޖަލްސާގައި ޝީތަލް ޝަފްރާޒްގެ އަތުގައި ހިފި ގޮތެވެ. އެއީ ކޮންކަހަލަ ޖަަޒްބާތެއް ބާވައެވެ.

“ދެންމިތާ އުނިފޯމްތާ ތިހުންނަން ޖެހެނީ އާން އަހަރެން ވަރަށް ފޫހިވޭ މާ ނިވާކަން ކުޑަ ހެދުން ލާމީހުންނާ އެކު … އަހަރެން ހިތަށް އަރާ އަހަރެންގެ ޝައިނާ ހެން ހުރިހާ ކުދިން އެގޮތަށް އިސްލާމީހެދުން ލާނެނަމައޭ.. ބަރާބަރަށް ނަމާދު ކުރަންވާނެ.. ދީނާއި ގުޅުން ބާއްވަންވާނެ” ޝަފްރާޒް މެސެޖް ކުރިއެވެ.

“އަހަރެން އެކަހަލަހެދުން ލާން ބޭނުމީ ތިކަހަލަ ބައިވެރިޔަކު ލިބުމުން” ސުމައިލީ ފޭސްއަކާއެކު ޝީތަލް ޝަފްރާޒް އަށް މެސެޖް ކުރިއެވެ. އެދުވަހުން ފެށިގެން މިދެމީހުންގެ މެސެޖްގެ ސިލްސިލާގެ ބޮޅުތައް ގަތަމުން ދިޔައެވެ.

“ޝައިނާ އެކިޔާދިނީ ހަމަ ރަނގަޅަށެވެ. އޭނާގެ ފިރިމީހާއަކީ ޖަވާހިރެކެވެ.. މަދުން ނޫނީ ނުފެންނާނެއެވެ.

ޝަފްރާޒް އެއްގޮތަކަށްވެސް މިދެމެދުގައިވާ ގުޅުމުގެ ވާހަކަ ޝައިނާ ކާރިގައި ނުބުނެއެވެ. ސިއްރު ކުރާކަށް ނޫނެވެ. އެއީ އެކަހަލަ ގުޅުމެއް ހެން އޭނާ ގަބޫލް ނުކުރާތީއެވެ. އެހެނަސް ޝީތަލް އާއި ވާހަކަ ދައްކާހިތް އެނާވެސް ވެއެވެ.

ނުނިމޭ