English Edition
Dhivehi Edition

މިހާރު ކުރަމުން ދާ ވިއްސާރައިގައި އައްޑޫސިޓީގެ ހުރިހާ ރަށެއްގައި ފެންބޮޑުވެ ގޭގެއަށް ފެންވަދެ ގިނަ ބައެއްގެ މުދަލަށް ގެއްލުން ވެއްޖެއެވެ.

މެދުކެނޑުމެއް ނެތި ރޭ، ގިނަ އިރުތަކެއް ވަންދެން ވެހުނު ވާރޭގެ ސަބަބުން ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސަދަން އޭރިއާއިން މިހާރު ދަނީ ކުރަމުންނެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރު މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އުތުރު އަތޮޅުތަކަށް ކެރީގެ އަސަރުފޯރި ނަމަވެސް މޫސުން ޢާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާއި ދެމެދުގެ ބާރުމިނުގައި، މެދުތެރެއާއި ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް މަޑުވާނެ ކަމަށާއި ނަމަވެސް މެދުތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.