ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިޔަންޏަކަށް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި ހުންނެވުމަށް ފަހު ނަޝީދު ރާއްޖެ ވަޑައިގަތުމުން ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. ރާއްޖެ ވަޑައިގެން ރޭ އިރުއޮއްސުނު ވަގުތު އުނިމާ ގްރޭންޑްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އިންތިހާބީ ރައީސް އިބޫ އަކީ ހުރިހާ ފަރާތްތަކާ މަޝްވަރާ ކޮށްގެން ވެރިކަން ކުރައްވާނެ ފަރާތެއްކަމަށެވެ. އަދި ދުވަހަކު ވެސް އިބޫއަކީ އެމަނިކުފާނުގެ ހިޔަންޏަކަށްވެފައި ނުވާ ކަމަށާއި އިބޫއަކީ މުގުލެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މިފަހަރު މުގުލަކަށް ހުންނަވާނީ ރައީސް ނަޝީދު ކަމަށެވެ. އެގޮތުން އިބޫގެ ވެރިކަން ދަމަަހައްޓަން ގާނޫނީ ގޮތުން ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ކޯލިޝަންގެ ތެރޭގައި އެކަކު އަނެކަކާ އެއްބައިވަންތަކަމާއެކު މަސައްކަތް ކުރެވޭނެ ކަމަށާއި އެއްވެސް ލީޑަރަކު އަދި އިބޫ ވެސް ބާކީ ވެވަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ގުޅިފައިވާ އިއްތިޙާދުގެ ސަރުކާރު ވެގެން ދާނީ ރާއްޖޭގައި ތާރީހުގައި އެންމެ ގާބިލް ސަރުކާރަށް ކަމަށެވެ. އަދި އެކަން އެމަގަށް ގެންދިއުމަށް ހަތަރު ޕާޓީގެ ލީޑަރޝިޕުގައި ތިބި ފަރާތްތަކުގެ އެހީތެރިކަން ފުރިހަމައަށް ލިބިގެން ދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.