މިއަދަކީ 21 ވަނަ ގަރުނުގެ ބޮޑު ބުރާސްފަތި ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޓްވިޓަރ މެދުވެރިކުރައްވަ މިއަދުގެ އުފާވެރިކަން ފާޅުކުރައްވަމުން ޑރ މައުސޫމް ވިދާޅުވީ މިއަދު ރައްޔިތުންގެ ހިތްތަކުގެ ރައީސް ނަޝީދު އެނބުރި ޖަޒީރާ ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މިއަދު މަގާމުން ދުރުކުރާނެ ކަމަށާ ނުނީ އެމަނިކުފާނު އިސްތިއުފާ ދެއްވާނެ ކަމަށެވެ. އެއަށްފަހު ޖޭޕީ ލީޑަރު ގާސިމް އެމަގާމަށް އަންޔަން ކުރެވޭނެ ކަމަށެވެ.
ޑރ. މައުސޫމް ވަނީ ދިވެހި ރައްޔިތުން މިފަދަ އުފާވެރިކަމެއް މިގައުމަށް ގެނެސްދެއްވީތީ ޝުކުރު އަދާކުރައްވާފަ އެވެ.މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިރޭ 9:15 ގައި ބައްވާ މަޖިލިހުގެ ޖަލްސާއަށް މިހަރު ވަނީ އެޖެންޑަރ ކޮށްފައެވެ.
ތިން އަހަރަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރާއްޖެ ވަޑައިގަންނަވާއިރު އަތޮޅުތެރެއިންވެސް ގިނަ އަދަދެއްގެ ބަޔަކު މިހާރުވަނީ މާލެއަށް ޖަމާވެފައެވެ.
ރައީސް ނަޝީދު ވަޑައިގަންނަވާތީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވުމަށް އެމްޑީޕީން ތައްޔާރު ވަމުންދާއިރު މިއީ ދިވެއްސަކަށް ކިޔާނެ އެންމެ ބޮޑު މަރުހަބާ ކަމަށް އެ ޕާޓީން ބުންޏެވެ.ރައީސް ނަޝީދު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިއަދު 2 ގަޑި 10 ގައި އޮންނަ ޔޫއެލްގެ ފުލައިޓުންނެވެ. ރައީސް ނަޝީދަށް މަރުހަބާ ކިއުމަށް އެމްޑީޕީން ވަނީ އަދި މިހާތަނަށް މީހަކަށް މަރުހަބާ ނުކިޔާ ވަރަށް މަރުހަބާ ކިއުމަށް ތައްޔާރު ވެފައެވެ. ޗާންދަނީ މަގުގެ ރީފް ސައިޑް ކަންމަތިން ފެށިގެންގޮސް އެމްޑިޕީގެ 85 ދާއިރާ ބީޗާއި ހިސާބަށް އެތުރިލައިގެން ތިބޭނެ ކަމަށް އެމްޑީޕީން ބުނެއެވެ..