English Edition
Dhivehi Edition

އަވަށްޓެރި ސްރީލަންކާގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން މުޒާހަރާތައް ފެށިފައިވާތީ، މަގުތަކަށް ނިކުމެއުޅޭއިރު އަމިއްލަ ރައްކާތެރިކަމަށް އިސްކަންދީ ސަމާލުވާން ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން އިލްތިމާސްކޮށްފިއެވެ.

ލަންކާގައި މިހާރު ކުރިއަށްދާ ހަމަނުޖެހިންތަކާ ގުޅިގެން ދިވެހި އެމްބަސީއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، ލަންކާގެ ބައެއް ހިސާބުތަކުގައި މިހާރުވެސް މުޒާހަރާތައް ކުރިއަށްދާއިރު، ޒަރޫރީ ބޭނުންތަކަށް ނޫން ގޮތެއްގައި މީހުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކަށާއި ބައިބޯ ސަރަހައްދުތަކަށް މިދުވަސްވަރު ނިކުމެ ނޫޅުމަށް ވަނީ ގޮވާލާފައެވެ. އަދި މަގުތަކަށް ނިކުތް ނަމަވެސް އަމިއްލަ ސަލާމަތަށާއި ރައްކާތެރިކަމަށް ވިސްނައިގެން އުޅުމަށް ވެސް ވަނީ ނަސޭހަތްތެރިވެފަ އެވެ.

ލަންކާގެ ސިޔާސީ މަސްރަހު ހޫނުވެފައި މިވަނީ އެގައުމުގެ ބޮޑު ވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ވަކިކުރުމާއި ގުޅިގެންނެވެ. މި ހަމަނުޖެހުންތަކުގައި މިހާރުވެސް އެކަކު މަރުވެފައިވާއިރު، ހަމަޖެހުން ގާއިމުނުކުރެވިއްޖެނަމަ ކުރިއަށް އޮތް ދުވަސްތަކުގައި އެ ގައުމުގައި ބޮޑު ލޭއޮހޮރުވުމެއް ހިނގާފާނެކަމުގެ އިންޒާރުވެސް ސްރީ ލަންކާގެ ސަލާމަތީ މަޖިލީހުން ވަނީދީފައެވެ.