އައްޑޫ ސިޓީއިން 400 ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ ގާނޫނާއި ހިލާފަށް ކަމަށްބުނެ އެކަން ހުއްޓުވައި ދިނުމުގެ އަމުރަކަށް އައްޑޫ ސިޓީ ކައުންސިލުން ހިތަދޫ ކޯޓުގައި އެދިއްޖެއެވެ.
އައްޑޫސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނުގައި ވަނީ އައްޑޫން ކުލީބިމާއި، 400 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު، ރިޔާސީ އިންތީޚާބު ބޯމަތިވެފައި އޮތްވައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުޅުވާލުމުން އެކަމަކީ ހެޔޮނިޔަތުގައި ކުރިކަމަކަށްވުރެ ބޮޑަށް ބެލެވުނީ އެކަމަކީ ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމަށް ކުރި ކަމެއްގެ ގޮތުގައިކަމަށެވެ.
އަދި މި ބިންތައް ދޫކުރަމުން ދަނީ ޕީޕީއެމަށް ކެމްޕެއިންކޮށްދެއްވި ފަރާތްތަކަކަށް ބިން ދިނުމުގެ މަގުޞަދުގައި ކަމަށްބުނެ ގިނަޢަދަދެއްގެ ރައްޔިތުން ތުހުމަތު ކުރަމުންދާ ކަމަށް ވެސް ކައުންސިލުގެ ބަޔާނުގައި ވެއެވެ.
“މި ގޯތިތަކާއި ބިންތައް ދޫކުރުމަށް މަސައްކަތްކުރަމުންދަނީ އައްޑޫގެ ލޭންޑްޔޫސް ޕްލޭނާއި ޚިލާފަށްކަމަށް ތުހުމަތު ކުރެވޭތީއާއި، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އިންތިޚާބީ ރައީސްގެ ފަރާތުން މިފަދަ ކަންކަން މަޑުޖައްސާލުމަށް އަންގަވާފައިވަނިކޮށް އަވަސްއަރުވާލައިގެން މިފަދަކަމެއް ކުރަން އުޅުމަކީ ވަކިފަރާތަކަށް ނަޖާއިޒް މަންފާއެއް ހޯދައި ދިނުމުގެ މަޤްޞަދުގައި ކުރެވޭކަމެއްކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުންދާތީ، ރައްޔިތުންނާއި ގުޅުންހުރި މިބާވަތުގެ ކަމެއް ކުރިއަށް ގެންދަވަނީ ކޮން އުސޫލަކުން ކޮންގޮތަކަށްކަން އޮޅުންފިލުވާލުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ކައުންސިލްގެ ފަރާތުން ވާނީ ދަންނަވާފައެވެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް އެކަމުގެ ޖަވާބެއް އެމިނިސްޓްރީން ދެއްވާފައެއް ނުވެއެވެ” ކައުންސިލުން އާންމުކުރި އިއުލާނުގައި ބުނެފައިވެއެވެ..
އައްޑޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބުމާއި ގެދޮރުގެ ފަސޭހަކަން ލިބުމަކީ، އައްޑޫސިޓީ ކައުންސިލުން އަބަދުވެސް އެދޭނެ ކަންކަމެއް ކަމަށާއި ނަމަވެސް ރައްޔިތުންނާއި ގުޅުންހުރި މިބާވަތުގެ ބޮޑެތި ކަންކަމުގައި ކަރޮޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން އެއްވެސް ފަރާތަކުން ކުރުމަކީ މި ކައުންސިލް ތަރުހީބުދޭނެ ކަމެއް ނޫން ކަމަށް އެ އިދާރާއިން ބުނެއެވެ.
“އައު ސަރުކާރުގެ އައްޑޫ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ލިބޭނެމަގު ތަނަވަސްކޮށްދެއްވުމަކީ އައު ސަރުކާރުގެ ރިޔާސީ ވައުދެއް. އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އައްޑުއަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި، ދައުލަތަށް ނަގާފަހުރި އާއްމުންގެ ގޯތިތަކުގެ ބަދަލުގައި، ގޯތި ފުރަތަމަ އަހަރުތެރޭ ހަވާލު ކުރުމާއި، މި ގޮތަށް ހަވާލު ކުރެވޭ ގޯތިތަކުގެ ވަށާހުރި މަގުތައް ހަދައި ގޯތީގެ ބޭނުން ހިފޭގޮތްހަދައި ދިނުން ހިމެނޭ. އަދި އަމިއްލަ ގެދޮރުނެތް ފަރާތްތަކަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމާއި، ގެދޮރުބިނާކުރުމަށް ލުއިފަސޭހަ ލޯނުގެ އެހީ ފޯރުކޮށްދިނުން ހިމެނޭ. އަދި ރިއަލް އެސްޓޭޓް ވިޔަފާރީގެ ޝައުގުވެރިކަން އުފައްދައި، ރައްޔިތުންނަށް އެކި ފަންތީގެ ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ހޯދައިދިނުންވެސް ހިމެނޭ” ކައުންސިލްގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.
ކައުންސިލުން ބުނެފައިވަނީ އައްޑޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުން މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން އަރުވާކަމަށާއި ގޯއްޗަށް އެދި ފޯމް ނަންގަވާފައިވާ އެންމެހާ ރައްޔިތުންގެ ސަމާލުކަމަށް ނޫސް ބަޔާން ނެރެ އާންމު ކުރީ ކަމަށެވެ.