އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަންއުޅުނު މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ވައިގެ މަގުން އައްޑޫސިޓީއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މި އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެރޭ 01:26 އެހާކަންހާއިރު ގަން އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.
މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަށިގަނޑު ބަލައިފާސްކުރިއިރު، އޭނާގެ ފައިގެ ފަލަމަސްގަނޑުގައި އޮޅާފައިވާ ދެ ކަރުދާސްގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ސެލޯފިން ޝީޓް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީޤް ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެ ވެ.